ރިސޯޓުތަކުން މުވައްޒަފުން ފޭބޭނެ އިތުރު ހާލަތްތަކެއް ކަނޑައަޅައިފި

މައިމޫނާ: ރިސޯޓުތަކުން މުވައްޒަފުން ފޭބޭނެ އިތުރު ހާލަތްތަކެއް ކަނޑައަޅައިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރިސޯޓުތަކާއި ސަފާރީތަކުން މުވައްޒަފުން ފޭބޭނެ އިތުރު ހާލަތްތަކެއް ޑައިރެކްޓާ އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ކަނޑައަޅައިފި އެވެ.

ކުރިން އޮންނަ ގޮތުން ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުން އެހެން ރަށަކަށް ދާން ބޭނުން ނަމަ، ދެވޭނީ އެރިސޯޓަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ ތެރެއިން އެންމެ ފަހުން ރިސޯޓުން ފައިބާ ފަތުރުވެރިޔާ އެ ރިސޯޓުން ފުރާތާ 14 ދުވަސްވުމުންނެވެ.

ނަމަވެސް މިރޭ މައިމޫނާ ވަނީ އެ ހާލަތުގެ އިތުރުން އިތުރު ހާލަތްތަކެއް ބަޔާންކޮށް އެންގުމެއް އާންމުކޮށްފަ އެވެ.

އެގޮތުން، ރިސޯޓުގައި ފަތުރުވެރިން ތިބި ނަމަވެސް، އެ ރިސޯޓުގައި ކަނޑައަޅާފައިވާ ސަރަހައްދެއްގައި ކަރަންޓީންގައި މުވައްޒަފަކު މަދުވެގެން 14 ދުވަސް ފުރިހަމަކޮށްފި ނަމަ އޭނާއަށް އެ ރިސޯޓުން ފޭބޭނެ ކަމަށް އެ އެންގުމުގައި ބުނެ އެވެ.

"މި ހާލަތުގައި [ރިސޯޓުގައި ކަރަންޓީން ކުރުމަށްފަހު] މީހުންނަށް ފޭބޭނީ، އެގްޒެކެޓިވް ސްކްރީނިިން ހެދުމަށްފަހު، އަދި ކޮވިޑް19 އަށް ޓެސްޓުކޮށް އެ ޓެސްޓުގެ ނަތީޖާ ލިބުމުން،" އެންގުމުގައި ބުނެ އެވެ.

ދެން ރިސޯޓުން މުވަޒަފުން ފޭބޭނެ އަނެއް ހާލަތަކީ އެންގުމުގައި ބުނާ ގޮތުން، ރިސޯޓުގައި ފަތުރުވެރިން ތިބިނަމަ، އެ ރިސޯޓަށް އެންމެފަހު ފަތުރުވެރިޔާ ދިޔަ ފަހުން މަދުވެގެން 14 ދުވަސް ވުމުންވެސް މުވައްޒަފުންނަށް ރިސޯޓުން ފޭބޭނެ އެވެ. ނަމަވެސް އެގޮތަށް ކަރަންޓިންކޮށްގެން ފޭބޭނީ އެއީ މީގެ ކުރިން މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ނުވާ ރިސޯޓެއް ނަމަ ކަމަށް އެ އެންގުމުގުގައި ބުނެ އެވެ. މީހަކު މި ހާލަތުގައި ފައިބާ ނަމަ، އެޗްޕީއޭ އިން ބޭނުންވާ މައުލޫމާތުތައް ހުށަހެޅުމާއެކު ރިސޯޓުން ނުވަތަ ސަފާރީން އެމީހަކު ފޭބުމުގެ ހުއްދަ ލިބެން ޖެހޭނެ ކަމަށް އެންގުމުގައި ބުނެ އެވެ.

މީގެ ކުރިން މޮނީޓަރިންގެ ހާލަތައް ލެވިފައިވާ ރިސޯޓަކުން އެންމެ ފަހު ފަތުރުވެރިޔާ ފޭބިތާ މަދުވެގެން 14 ދުވަސްވިޔަސް ނުފޭބޭނެ ކަމަށް އެންގުމުގައި ބުނެ އެވެ. އެފަދަ ރިސޯޓުތަކުގައި ޖެހޭނީ ރިސޯޓުގައި ކަނޑައަޅާ ތަނެއްގައި ކަރަންޓިން ވާންށެވެ. މި ހާލަތުގައިވެސް ފޭބޭނީ ރިސޯޓު ނުވަތަ ސަފާރިން އެމީހަކު ފޭބުމުގެ ހުއްދަ ދިނުމުން ކަމަށް އެންގުމުގައި ބުނެ އެވެ.

އޭގެ އިތުރުންވެސް މައިމޫނާ ކަނޑައަޅާ ހާއްސަ ހާލަތްތަކުގައި އޭނާ އަންގާގޮތަކަށް ރިސޯޓުން ނުވަތަ ސަފާރީތަކުން މީހުން ފޭބޭނެ ކަމަށްވެސް އެންގުމުގައި ބުނެ އެވެ.

ރިސޯޓުތަކުން މުވައްޒަފުން ފޭބޭނެ އިތުރު ހާލަތްތައް ބަޔާން ކުރި އިރު، މިހާރު ބައެއް ރިސޯޓުތަކުގެ އޮޕަރޭޝަންތައް ވަނީ މެދުކަނޑާލާފަ އެވެ. ބައެއް މުވައްޒަފުން ވަނީ ރިސޯޓުން ނުފޭބޭތީ ކަންބޮޑުވުން ވެސް ފާޅުކޮށް ފައެވެ.

މިހާތަނަށް ރާއްޖެއިން 17 މީހަކު ވައިރަހަށް ޕޮޒިޓިވްވި އިރު، 11 މީހަކު ޕޮޒިޓިވްވެފައިވަނީ ހަތަރު ރިސޯޓަކުންނެވެ. ހަތަރު މީހަކު ދެ ސަފާރީއަކުން ޕޮޒިޓިވްވި އެވެ. މީގެ އިތުރުން ވަރަށް ގިނަ ރިސޯޓުތަކުން ވައިރަހަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިގެން މޮނީޓަރިން ހާލަތައްވެސް ގެނަ އެވެ.

ވައިރަސް ޖެހުނު މީހުންގެ ތެރެއިން 13 ބިދޭސީން މިހާރު ރަނގަޅުވެފައިވާއިރު، މިހާރު ރާއްޖޭގައި ފަރުވާދެމުން ދަނީ ދެ ދިވެހިންނަށް އެކަންޏެވެ.

comment ކޮމެންޓް