އަންނަ މަހުން ފެށިގެން އިންޓަނެޓުގެ އަގަށް ބަދަލު ގެންނަން ނިންމައިފި

މާޗް 29، 2020: ކޮވިޑް19 އާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ މަހުން އެކަކުން ފެށިގެން އިންޓަނެޓުގެ އަގަށް ބަދަލު ގެންނަން ނިންމައިފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

މިދިޔަ ބުދަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، މިދުވަސްވަރު އިންޓަނެޓް ބޭނުން ކުރާ އަދަދު އިތުރުވެފައިވާ ކަމަށާއި އެކަމުގައި ލުއިތަކެއް ލިބެންޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު ވަރަށް އަވަހަށް ރައްޔިތުންނާ ހިއްސާކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، އިންޓަނެޓަށް ގެންނަ ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުން މުއާސަލާތީ ކުންފުނިތަކާ މިހާރު މަޝްވަރާކޮށް ގޮތެއް ނިންމާފައިވާ ކަމަށެވެ. އަދި އެ ކުންފުނިތަކުން އެ މައުލޫމާތު ވަރަށް އަވަހަށް ހިއްސާކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއާއެކު އަގުތަކަށް އަންނަ ބަދަލުތައް ފެށޭނީ އެޕްރީލް އެކަކުން ފެށިގެން. މިކަމާ ގުޅިގެން ޓެލެކޮމް ކުންފުނިތަކުން މާދަމާއާއި މާދަމާ ނޫން އަނެއް ދުވަހުގެ ތެރޭގައި ގެންނަ ބަދަލުތަކަކީ ކޮބައިކަން ހާމަކޮށްދޭނެ،" މަބްރޫކު ވިދާޅުވިއެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް މަބްރޫކު ހާމައެއް ނުކުރައްވައެވެ.

މިފަދަ ދަނޑިވަޅުގައި އިންޓަނެޓުގެ ލުއިތަކެއް ނުލިބޭތީ، ބައެއް އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރައްޔިތުންގެ އެ ކަންބޮޑުވުމާ ގުޅޭގޮތުން ކޮމިއުނިކޭޝަންސް އޮތޯރިޓީއާ ސުވާލުކުރަން، އެ އޮތޯރިޓީގެ އިސްވެރިންް މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމިޓީއަށް ހާޒިރުކޮށްދޭންވެސް މި ފަހުން ވަނީ އެދިފައެވެ.

ރާއްޖޭގައި އިންޓަނެޓުގެ އަގުބޮޑުވާތީ އާންމުން މިހާރު ވަކިން ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންދާއިރު ބައެއް އިންޓަނެޓު އޮޕަރޭޓަރުން ވަނީ ބައެއް ހާއްސަ ލުއިތަކެއް ދީފަ އެވެ.

ކޮރޯނާވައިރަސްއާ ގުޅިގެން މަލޭޝިއާގައި ވަނީ އެގައުމު ލޮކްޑައުންކޮށްފައި އޮންނަ މުއްދަތުގައި، އަންނަ މަހު 1 ވަނަ ދުވަހުން ފެށިގެން، ސަރުކާރާއި ޓެލެކޮމް ކުންފުނިތައް ގުޅިގެން ހިލޭ އިންޓަނެޓް ފޯރުކޮށްދިނުމަށް ނިންމާފައެވެ.

comment ކޮމެންޓް