ނިއުޕޯޓްގެ ބިން ސަރުކާރާ ހަވާލުކުރަން ކުރި ހުކުމަށް އަމަލުކުރުން ފަސްކުރެވޭކަށް ނެތް: ހައިކޯޓް

ސްޓްރާޑާއިން ހިންގާ ނިއުޕޯޓް ވިއު އާއި އެ ކުންފުނިން ތަރައްގީ ކުރި ބްރިޖް ވިއުއިން ޕްލެޓްފޯމު ސަރަހައްދު -- ފޮޓޯ/ ސްޓްރާޑާ

ބްރިޖު ވިއުއިން ޕްލެޓްފޯމުގައި ސްޓްރާޑާ ކުންފުނިން ހިންގަމުން އައި ނިއުޕޯޓު ރެސްޓޯރެންޓު ހުރި ބިން ސަރުކާރާ ހަވާލުކުރަން ސިވިލް ކޯޓުން ކުރި ހުކުމަށް އަމަލުކުރަން ފަސްކުރުމުގެ އަމުރެއް ނެރެވެން ނެތް ކަމަށް ހައިކޯޓުން ނިންމައިފި އެވެ.

މިދިޔަ އަހަރުގެ ސެޕްޓޭމްބަރު މަހު ސިވިލްކޯޓުން ހުކުމް ކުރީ، އެ ބިން ކުއްޔަށް ދިނުމަށް ސްޓްރާޑާ އާއި ޕްލޭނިން މިނިސްޓްރީ އާއެކު ވެފައިވާ އެއްބަސްވުން އުވާލާފައިވަނީ ބިމުގެ ކުއްޔާއި ޖޫރިމަނާ ދައްކަމުން ނުދާތީ އެއްބަސްވުމާ އެއްގޮތަށް ކަމަށެވެ. އެހެންކަމުން ބިން ހުސްކޮށް ޕްލޭނިން މިނިސްޓްރީއާ ހަވާލުކޮށްފައި ނުވާތީ އާއި އެކަމުގެ ބަދަލެއްގެ ގޮތުގައި، އެއްބަސްވުމުގެ ދަށުން ސްޓްރާޑާ އިން ޕްލޭނިން މިނިސްޓްރީ އަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ސްޓްރާޑާ އިން ދައުލަތަށް ދައްކަންޖެހޭ ގޮތަށް އަދި ބިން ސަރުކާރާ ހަވާލު ކުރުމަށް ސިވިލް ކޯޓުން ހުކުމްކުރިއެވެ.

އެއާއެކު ސްޓާޑާއިން ވަނީ އެ ހުކުމް އިސްތިއުނާފުކޮށް، އިސްތިއުނާފު މައްސަލަ ނިމެންދެން ސިވިލްކޯޓުގެ ހުކުމަށް އަމަލުކުރުން ފަސްކުުރުމުގެ އަމުރަކަށް ހައިކޯޓުގައި އެދިފައެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި، ހައިކޯޓުން މިހާރު ވަނީ ސިވިލް ކޯޓުގެ ހުކުމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރެއް ނެރެ ނުދެވޭނެ ކަމަށް އެ ކުންފުންޏަށް އަންގާފައެވެ.

ސިވިލް ކޯޓުގެ ހުކުމްގެ އިސްތިއުނާފު މައްސަލައިގެ ޝަރީއަތްތައް އަދި ކުރިއަށް ނުދެއެވެ.

ލޮނުޒިޔާރަތްކޮޅުގައި އޮންނަ ބިމުގައި ރެސްޓޯރެންޓެއް އެޅުމަށާއި ފުޓްސަލް ދަނޑެއްގެ އިތުރުން ބްރިޖް ބަލަން ތިބޭނެ ޕްލެޓް ފޯމެއް ހަދަން ސަރުކާރުން ސްޓްރާޑާ ކުންފުންޏާ ހަވާލުކުރީ 2016 ވަނަ އަހަރު އެވެ. ނަމަވެސް ކުއްޔާއި ޖޫރިމަނާ ދައްކަމުން ނުދާކަމަށް ބުނެ މި ސަރުކާރުން ވަނީ މިދިޔަ އަހަރުގެ މާޗުމަހު އެ އެއްބަސްވުން ބާތިލުކޮށްފައެވެ. ދައުލަތުގެ ފަރާތުން ސިވިލްކޯޓަށް މަސައްލަ ހުށަހެޅީ، އެއްބަސްވުން އުވާލުމާއެކުވެސް އެ ކުންފުނިން އެ ބިން ބޭނުންކުރަމުންދާތީއެވެ.

ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނީ، ސަރުކާރުން އެއްބަސްވުން އުވާލާފައިވަނީ އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާ ފައިސާ ދައްކާފައި ނުވާތީ، އެއްބަސްވުމުގެ 10.2 ވަނަ މާއްދާގެ ދަށުން ކަމަށެވެ.

https://sun.mv/124907

އެހެން ކަމުން މިދިޔަ އަހަރުގެ ފެބްރުއަރީ 27ގެ ނިޔަލަށް ސްޓްރާޑާ އިން ޕްލޭނިން މިނިސްޓްރީއަށް ދައްކަންޖެހޭ ފައިސާ އާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައްކަން ޖެހޭ ޖުމްލަ 1.15 މިލިއަން ރުފިޔާ 30 ދުވަހުގެ ތެރޭގައި އެ ކުންފުނިން މީރާއަށް ދައްކާ ހަލާސްކުރުމަށް އެ ކުންފުނީގެ މައްޗަށް ސިވިލްކޯޓުން އަމުރުކުރިއެވެ. ސިވިލް ކޯޓުން އަމުރު ނެރުނީ 15 ދުވަސްތެރޭ ބިން ހަވާލުކުރުމަށެވެ.

ނިއުޕޯޓް ވިއު އެތަނުން ނެގުމަށް ފަހު އެ ސަރަހައްދުގައި އާންމުން ހިތްފަސޭހަކޮށްލުމަށް ފެހި ސަރަހައްދެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށް ޕްލޭނިންގް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި ދާދިފަހުން ސަރުކާރުން ވަނީ އެތަނުގައި ތަޅުވެސް އަޅުވައި، އެ ސަރަހައްދު ބަންދުކޮށްފައެވެ. އެކަމާ ގުޅިގެން އިސްތިއުނާފު މައްސަލަ ނުނިމެނީސް އެގޮތަށް އަމަލު ކުރުމުން އެ ކުންފުނިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ސްޓާރާޑާ އިން އެ ބިމުގައި ހުރި ސަރަހައްދުގައި ތަރައްގީކުރި ލުއިބުއިންތައް ވިއްކާ "ޗާ ޓައިމް"، ސަރުކާރުގެ ބޭނުމަށް ތަޅައިލުމުން ސްޓްރާޑާ ކުންފުނިން ވަނީ ބަދަލެއްގެ ގޮތުގައި 14.4 މިލިއަން ރުފިޔާ ދިނުމަށް އެދިފަ އެވެ. ނަމަވެސް އެ ފައިސާ ދޫކުރުން މަޑުޖައްސާލަން އޭސީސީން ވަނީ އަންގައިފަ އެވެ.

ސްޓާރާޑާ އިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރަށް ދައްކަންޖެހޭ ކުލި ނުދެއްކުނީ ޗާޓައިމް ހިންގި ބިން އަތުލުމުގެ ސަބަބުން ލިބުނު ގެއްލުމާއެކު ކުންފުނި ހުއްޓުމަކަށް އައުމުން ކަމަށެވެ.

ޗާޓައިމް ހިންގި ބިން އަތުލީ އޭރުގެ ސަރުކާރުން ބޭރު މަގު ބޮޑުކުރުމަށެވެ.

comment ކޮމެންޓް