އޮންލައިން މަޖިލީހަކާ އެކު ރާއްޖެ ތާރީހުގެ ތެރެއަށް!

އޮންލައިންކޮށް ކުރިއަށް ގެންދިޔަ މަޖިލިސް ޖަލްސާ --

ކޮރޯނާވައިރަހުގެ ބަލިމަޑުކަން، ކޮވިޑް-19އިން ރައްކާތެރިވުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައި، މީހުން ތަންތަނަށް އެއްވުން މަނާކުރުމާއެކު، ދުނިޔޭގެ ގާނޫނު ހަދާ މަޖިލިސްތައް ވެސް މިވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

ބައެއް ގައުމުތަކުން ތާރީހެއް ނެތް ގޮތަކަށް ގާނޫނު ހަދާ މަޖިލިސްތަކުގެ ޖަލްސާތައް ފަސްކޮށްފައި ވާއިރު ބައެއް ގަައުމުތަކުގައި، ހަމައެކަނި މެމްބަރުން ގޭގައި ތިއްބަވައިގެން، އީމެއިލް މެދުވެރިކޮށް ނަގާ ވޯޓަކުން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދާ ގޮތަށް ވަނީ ބަދަލުވެފަ އެވެ. އަދި ބައެއް ގައުމުތަކުން ވާޗުއަލްކޮށް ޖަލްސާ ބާއްވާނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް އަދި އަންނަނީ ކުރަމުންނެވެ.

އެހެން ނަމަވެސް މި ކުޑަކުޑަ ރާއްޖެ އިން މިވަނީ މިކަމުގައި ކުރި ހޯދައިފަ އެވެ. އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންލައިންކޮށް ބާއްވާފައި ވާއިރު، މިއީ ދުނިޔޭގެ ތާރީހުގައި ވެސް ބޭއްވުނު އެފަދަ ފުރަތަމަ ޖަލްސާ ކަމަށް މަޖިލީހުގެ އިދާރާއިން ލަފާކުރައްވަ އެވެ.

ކޮރޯނާވައިރަހުގެ ސަބަބުން މުޅި ދުނިޔެއަށް ވެސް ކުރިމަތިވެފައި މިވަނީ ދަތި ދުވަަސްތަކެކެވެ. ގިނަ ގައުމުތަކުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ވަރުގަދަ ފިޔަވަޅުތަކެއް އެޅުމުގެ ބާރު ސަރުކާރުތަކަށް ވަނީ ލިބިފަ އެވެ. މިފަދަ ހައްސާސީ ދަނޑިވަޅެއްގައި ސަރުކާރުން އަޅާ ފިޔަވަޅުތަކާއި، ނިންމާ ނިންމުންތަކަށް ފާރަވެރިވާނެ ފަރާތެއް އޮތުމަކީ މުހިންމު ކަމެކެވެ.

އެކަމަށް އިޝާރާތް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށް، މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލުމުގެ ބާރާއި އިހުތިޔާރު ރިޔާސަތަށް ލިބިދީފައި ވީ ނަމަވެސް، މިފަދަ ހައްސާސް ދަނޑިވަޅެއްގައި ރައްޔިތުންގެ މަޖިލިސް ބަންދުނުކުރެވޭނެ ކަމަށެވެ.

އޮންލައިންކޮށް ކުރިއަށް ގެންދިޔަ މަޖިލިސް ޖަލްސާގެ ތައްޔާރީތައް -- ފޮޓޯ/ މަޖިލިސް

"މިވަގުތަކީ ހަގީގަތުގައި ދިވެހި ދައުލަތް، ދިވެހި ސަރުކާރު ގާނޫނީ ދައުލަތެއްގެ ގޮތުގައި ހިނގަންޖެހޭ އެންމެ މުހިންމު ވަގުތު،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މި ދަތި ދަނޑިވަޅުގައި ސަރުކާރަށްް ދޭންޖެހޭ ކޮންމެ އެހީތެރިކަމަކަށް މަޖިލިސް އޮންނާނީ ތައްޔާރަށް ކަމަށެވެ. އަދި މި ހާލަތުގައި ރައީސްގެ އެންގެވުންތައް ވަޒީރުން ތަންފީޒުކުރާ މިންވަރާއި ހުރިހާކަމަކަށް މަޖިލީހުން ފާރަވެރިވެ، މަޖިލީހުގެ ގާނޫނީ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

އެހެންކަމުން މެމްބަރުން މަޖިލީހަށް ވަޑައިނުގަތް، މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް ފެށި މަސައްކަތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކާމިޔާބުކޮށް، އޮންލައިންކޮށް މަޖިލީހުގެ ޖަލްސާތައް މިވަނީ ފަށައިފަ އެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވަނީ -- ޓްވިޓާ ފޮޓޯ/ އަލީ އާޒިމް

އިއްޔެ ބޭއްވި ފުރަތަމަ އޮންލައިން ޖަލްސާގައި 71 މެމްބަރުން ބައިވެރިވެވަޑައިގަތެވެ. އަދި އެ ޖަލްސާގައި ކުރިއަށް ގެންގޮސްފައި ވަނީ ކޮވިޑް-19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭގޮތް ކަނޑައެޅުމުގެ މަސައްކަތެވެ.

"މައިކްރޯސޮފްޓް ޓީމްސް" މެދުވެރިކޮށް ކުރިއަށް ގެންދިޔަ އެ ޖަލްސާ ފުރިހަމަ އެވެ. މެމްބަރުންް ބަހުސްގައި ބައިވެރިވެވަޑައިގެން ވޯޓު ވެސް ނެގީ، އެ ސޮފްޓްވެއާ މެދުވެރިކޮށެވެ. ބައެއް މެމްބަރުންގެ އަޑު ލިބުމުގައި ދަތިކަމެއް ދިމާވި ނަމަވެސް ދުނިޔޭގެ ތާރީހުގައި ބޭއްވި ފުރަތަމަ އޮންލައިން މަޖިލިސް ޖަލްސާއަށް "އޭ ޕްލަސް" އެއް ދެވިދާނެ އެވެ.

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަަވަނީ --

އެ ޖަލްސާ ބޭއްވުމުގެ ކުރިން މިދިޔަ ބުރާސްފަތި އަދި ހޮނިހިރު ދުވަހު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވަނީ މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދާނެ ގޮތުގެ ޓެސްޓް ސެޝަންތަކެއް ކުރިއަށް ގެންދަވާފަ އެވެ.

މަޖިލީހުގެ ރައީސް އަދި މަޖިލީހުގެ އިދާރީ މޭޒުން މަސައްކަތް ކުރެއްވީ މަޖިލީހުގެ ތަޅުމުގައި ތިއްބަވައިގެންނެވެ. އެހެން ހުރިހާ މެމްބަރުން ޖަލްސާގައި ބައިވެރިވެވަޑައިގަތީ ގޭގައި ތިއްބަވައިގެންނެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ބޮޑުމޮހޮރާގެ ހިތްގައިމު ގޮނޑުދޮށުން ކޯޓު ފަޓުލޫނުގައި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އިރު މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ޖަލްސާގައި ބައިވެރިވެވަޑައިގަތީ އަމިއްލަ ރަށުގައި ހުންނަވައިގެންނެވެ.

މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ --

ދުނިޔެއަށް ދިމާވެފައިވާ ދަތި ހާލަތުގަައި ރައްޔިތުންގެ މަޖިލީހުން އޮންލައިންކޮށް ޖަލްސާތައް ކުރިއަށް ގެންދަން ނިންމި ނިންމުމަށް، އަދި އިއްޔެގެ ޖަލްސާ ކުރިއަށް ގެންދިޔަގޮތް އިންޓަ-ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ) އިން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުން މި ހޯދި ކާމިޔާބީއާއެކު، މިހާރު އިނގިރޭސިވިލާތް އަދި އިންޑިއާ ފަދަ ގައުމުތަކަށް މިކަމުގެ ތަމްރީނު ދިނުމަށް ރާއްޖެއިން ތައްޔާރުވެފައިވާ ކަމަށް މަޖިލިސް ރައީސް، ނަޝީދު އިއްޔެ ވިދާޅުވި އެވެ.

އިއްޔެގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް، ނަޝީދު ވިދާޅުވީ ދުނިޔޭގެ އެހެން ރައްޔިތުންގެ މަޖިލިސްތަކަށް ކެޕޭސިޓީ އިތުރުކުރުމުގެ ޕްރޮގްރާމްތައް ރާއްޖެއިން ހިންގާނެ ކަމަށެވެ.

"ދާދި މިދާކަށް ދުވަހު އިނގެރޭސިވިލާތުގެ ހައުސް އޮފް ކޮމަންސް އާއި އިންޑިއާގެ ޕާލިމެންޓުން އަޅުގަނޑުމެންނަށް ތަމްރީނު ދެއްވައިފި. ދެން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން އެބޭފުޅުންނަށް ތަމްރީނު އަރުވަމުން ގެންދަވާނަން،" ނަޝީދު ވިދާޅުވި އެވެ.

އޮންލައިންކޮށް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވޭނެ މަގު ފަހިވެގެން ދިޔައީ މަޖިލީހުގެ އަމީންއާންމާއި، ކައުންސިލާ ޖެނެރަލް އާއި ޑެޕިއުޓީ އަމީންއާންމުގެ އިިތުރުން މަޖިލީހުގެ އިދާރީ ހުރިހާ ސްޓާފުންނާއި އައިޓީ ޑިޕާޓްމަންޓާއި މީޑިއާ ޑިޕާޓްމަންޓުން ވަރަށް ބުރަ އަދި އެހާމެ ފުރިހަމަ މަސައްކަތުން ކަން ނަޝީދު ފާހަގަކުރެއްވި އެވެ.

އޮންލައިންކޮށް ބާއްވާ މަޖިލީހުގެ ދެވަނަ ޖަލްސާ މިއަދު އޮންނާނެ އެވެ. އެ ޖަލްސާ ވެސް ފަށާނީ 11:00ގަ އެވެ.

comment ކޮމެންޓް