ކުޅަދާނަ ބަތަލު އައިޝަތު ރިޝްމީ ރަމީޒް ޕްރޮޑިއުސްކޮށް އޭނާ ލީޑު ރޯލުން ފެނިގެންދާ ފިލްމު "ވިޝްކާ" މިހާރު ބައިސްކޯފުން ބަލައިލެވޭނެއެވެ.
ރޭ ބައިސްކޯފުގައި ވިޝްކާ ސްޓްރީމްކުރުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އެ ފިލްމު ބަލަމުންނެވެ. ރޭ ނުވައެއްޖެހިއިރު ގިނަ ބައެއް ތިބީ ބައިސްކޯފު ހުޅުވައިގެން ވިޝްކާ ބެލުމަށް ތައްޔާރުވެގެންނެވެ.
އަބްދުﷲ ވިޝާމްގެ ވާހަކައަކަށް މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ ފިލްމް "ވިޝްކާ" އަކީ ރަވީ ފާރޫގް ޑައިރެކްޓްކޮށް ރިޝްމީ ޕްރޮޑިއުސްކުރާ ކްރައިމް ތްރިލާ އެކެވެ.
"ވިޝްކާ" ދިވެހި މުޖުތަމައުގައި ހިނގާ މާރާމާރީއާއި ސިޔާސީ ކަންތައްތަކުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. އެ ފިލްމަކީ ލޯތްބާއި ނަފްރަތާއި ދަހިވެތިކަމާއި އަނިޔާވެރިކަން ފަދަ ކަންތައްތައް އެކުލަވައިލައިގެން އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމަކީ ރާއްޖޭގެ ކުށުގެ ވެށި ވަރަށް ފުރިހަމައަށް ދައްކުވައިދޭ ފިލްމެއްވެސް މެއެވެ.
ޔާރާ ޕްރޮޑަކްޝަނުން އުފެއްދި ވިޝްކާ ވަނީ ދިވެހި ފިލްމު އެވޯޑްސްގައި ބައިވެރިކުރި 12 ފިލްމުގެ ތެރެއިން އެންމެ މޮޅު ފީޗާ ފިލްމަކަށް ވެސް ހޮވިފައެވެ. އަދި އެ ފިލްމުން ރިޝްމީ ވަނީ އެ އެވޯޑް ހަފްލާގައި އެންމެ މޮޅު ބަތަލާގެ އެވޯޑު ވެސް ހާސިލްކޮށްފައެވެ. އަދި ވިޝްކާ ފިލްމުން ސާކް ފިލްމް އެވޯޑްސް 2017 އިން އެންމެ މޮޅު ބަތަލާގެ އެވޯޑުވެސް ރިޝްމީއަށް ވަނީ ލިބިފައެވެ.
ގިނަ އަދަދެއްގެ ދިވެހި ފިލްމުތަކެއް މިހާރު އަންނަނީ ބައިސްކޯފުން ދައްކަމުންނެވެ. އޭގެ ތެރޭގައި ބޮސް، ނޯޓީ 40، ދައުވަތު، ލީނާ އަދި ވަކިން ލޯބިން ހިމެނެއެވެ.