ލޮކްޑައުންގެ މުއްދަތު އިތުރު ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ: އިންޑިއާ

އިންޑިއާގައި ލޮކްޑައުން އިއުލާން ކުރުމުން އެތައް މިލިއަން މީހުން ވަނީ އަމިއްލަ އަވަށަށް ދިޔުމަށް ދަތުރު ފަށާފަ -- ފޮޓޯ: ޒިންހުއާ

ދިއްލީ (މާޗް 30): އިންޑިއާއިން މިހާރު 21 ދުވަހަށް އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިތުރު ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް އެގައުމުގެ ކެބިނެޓް ސެކްރެޓަރީ ރާޖީވް ގައުބާ ވިދާޅުވެއްޖެ އެވެ.

އިންޑިއާގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން އެގައުމުގެ ރައްޔިތުން ގޭގައި ތިބުމަށް އަންގާ، އަސާސީ ވިޔަފާރިތައް ނޫން ހުރިހާ ތަނެއް ބަންދު ކުރުމަށް އަންގާފައި ވަނީ މިމަހުގެ 25އިން ފެށިގެން އަންނަ މަހުގެ 14އާ ހަމައަށެވެ.

ނަމަވެސް އެ ލޮކްޑައުންގެ ސަބަބުން، އެގައުމުގެ މައި ސިޓީތަކަށް ވަޒީފާ ހޯދުމުގެ ބޭނުމުގައި ގޮސް ތިބި އެތައް މިލިއަން މީހުންގެ ވަޒީފާ ގެއްލި، ކާނާ ނުލިބުމުގެ ދަތިކަން ވަނީ ކުރިމަތިވެފަ އެވެ. އެހެންކަމުން ދިއްލީ އާއި މުމްބާއީ ފަދަ ސިޓީތަކުގައި ދުވަހު މުސާރައިން ދިރިއުޅެމުން ދިޔަ އެތައް މިލިއަން މީހުން ވަނީ އަމިއްލަ އަވަށަށް ދިޔުމަށް ދަތުރު ފަށާފަ އެވެ. އަދި ލޮކްޑައުންގެ ސަބަބުން ގިނަ ބަސްތަކާއި ރޭލުގެ ހިދުމަތް ހުއްޓާލާފައި ވުމުން އެތައް ބަޔަކަށް ވަނީ ފައިމަގުގައި ދަތުރު ކުރަން ޖެހިފަ އެވެ.

އިންޑިއާގައި ލޮކްޑައުން އިއުލާން ކުރި ފަހުން، ދިއްލީގައި ތިބި ބަޔަކު އެ ސިޓީން ފޭބުމަށް ބަސް ސްޓޭޝަނެއް ކައިރީގައި -- ފޮޓޯ: ރޮއިޓާސް

އިންޑިއާގެ އެކި ސަރަހައްދުތަކަށް އެތައް މިލިއަން މީހުން ދަތުރު ކުރާ މިންވަރު ގިނަވުމުން އެ ގައުމުގެ ބޮޑު ބަޔަކަށް ވައިރަސް ފެތުރުމުގެ ނުރައްކާ އޮތްކަން ހެލްތު އޮފިޝަލުން ވަނީ ފާހަގަކޮށްފަ އެވެ. އަދި އޭގެ ސަބަބުން ލޮކްޑައުން އިތުރު ކުރަން ޖެހިދާނެ ކަމަށް ބުނާ ރިޕޯޓުތައް ވަނީ އާއްމުވެފަ އެވެ.

ނަމަވެސް މިއަދު އިންޑިއާގެ އޭއެންއައި ނޫހާ ވާހަކަ ދައްކަވަމުން ކެބިނެޓް ސެކްރެޓަރީ ރާޖީވް ގައުބާ ވިދާޅުވި ގޮތުގައި ލޮކްޑައުންގެ މުއްދަތު އިތުރު ކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅެ އެވެ.

"އެފަދަ ރިޕޯޓުތައް ފެނުމުން ހައިރާންވޭ. ލޮކްޑައުންގެ މުއްދަތު އިތުރު ކުރުމުގެ އެއްވެސް ޕްލޭނެއް ނެތް،" ގައުބާ ވިދާޅުވި އެވެ.

އިންޑިއާގެ އެތައް މިލިއަން މީހުން ފަށާފައިވާ ދަތުރުތައް ހުއްޓުވުމަށް، އިއްޔެ އެގައުމުގެ ސަރުކާރުން ވަނީ އެމީހުންނަށް އަންނަ މަހުގެ 14އާ ޖެހެންދެން ފެނާއި ކާނާ ލިބޭ ގޮތަށް ހައިވޭތައް ކައިރީ ހިޔާތައް ހެދުމަށް ސްޓޭޓުތަކުގެ ސަރުކާރަށް އަންގާފަ އެވެ.

އިންޑިއާގެ އާބާދީ 1.3 ބިލިއަނަށް އަރާ އިރު އޭގެ ތެރޭގައި ހިމެނޭ މަސައްކަތްތެރިންގެ 85 ޕަސެންޓަކީ ރިކްޝޯ ދުއްވާ މީހުންނާއި މެއިޑުން ގޮތަށް އިންފޯމަލް ސެކްޓާ ނުވަތަ ނުރަސްމީ ވަޒީފާތައް އަދާ ކުރާމީހުންނެވެ. އަދި ގެދޮރު ނެތް މީހުންގެ އާބާދީ އެންމެ ބޮޑު ގައުމަކީ ވެސް އިންޑިއާ އެވެ. ދެހާސްއެގާރަ ވަނަ އަހަރު އިންޑިއާއިން ކުރިއަށްގެންދިޔަ ސެންސަސްއިން ދެއްކި ގޮތުގައި އެގައުމުގައި ތިބި ގެދޮރު ނެތް މީހުންގެ އަދަދު 1.8 މިލިއަނަށް އަރަ އެވެ.

އިންޑިއާގައި ކޮރޯނާވައިރަހަށް ފުރަތަމަ މީހަކު ޕޮޒިޓިވްވީ ޖެނުއަރީ 30ގަ އެވެ. އޭގެ ފަހުން އެގައުމުގައި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1،071 އަށް އަރާފަ އެވެ. އަދި އެ ވައިރަސް ހުރި 29 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް