މިފްކޯގެ މަސްކޭސް ސީދާގެއަށް ގެންގޮސްދެނީ

މިފްކޯ މަސްފިހާރައިގައި ފަސްމީރު މަސްދަޅުތަކެއް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ކޮރޯނާވައިރަސް، ކޮވިޑް-19 އާ ގުޅިގެން ބޭރަށް ނިކުތުން މަދުކުރުމުގެ ގޮތުން މިފްކޯއިން ފޯރުކޮށްދޭ މަސް ދަޅު ކޭސްތައް، ކަސްޓަމަރުންގެ އޯޑަރުތަކަށް ގޭގެއަށް ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތެއް ފަށައިފި އެވެ.

މި ހިދުމަތް ދެނީ ގޭގެއަށް ޑެލިވަރީގެ ހިދުމަތް ދޭ އަމިއްލަ ޕާޓީތަކުންނެވެ.

މިފްކޯއިން ބުނީ ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދެނީ އަމިއްލަ ބަޔަކު ކަމަށާާއި އެއީ އެ ކުންފުންޏާ ގުޅޭ ކަމެއް ނޫން ކަމަށެވެ. އަދި އަމިއްލައަށް މަސްދަޅު ގަނެގެން، މިހާރު އެ ހިދުމަތް ފޯރުކޮށްދެމުން ގެންދާ ކަމަށް މިފްކޯއިން ބުންޏެވެ.

މިފްކޯގެ މަސްދަޅު ކޭސްތައް މީގެކުރީންވެސް ފިހާރަ ފަދަ ތަންތަނަށް ޑެލިވަރީކޮށްދެ އެވެ.

ޑެލިވަރީކުރުމަށް ހުޅުވާލާފައި ހުންނާނީ ކޮންމެ ދުވަހެއްގެވެސް ހެނދުނު 0900 އިން ރޭގަނޑު 9:00 އަށެވެ. އަދި އޯޑަރުކުރަން ބޭނުންވާ ފަރާތްތަކުން ގުޅާނީ 7818886 އަށެވެ. ޑެލިވަރީއަށް އޯޑަރު ކުރަން ބޭނުންވާ ފަރާތްތަކުން އެ ނަމްބަރަށް ވައިބާ ކުރެވޭނެ އެވެ.

ކޮރޯނާވައިރަހާ ގުޅިގެން އެންޒީ އިންވެސް ދަނީ އެކުންފުނީގެ އުފެއްދުންތައް ގެތަކަށް ޑެލިވަރީކޮށްދެމުންނެވެ. އެގޮތުން 200 ރުފިޔާއިން މަތީން ކުރާ ކޮންމެ ވިޔަފާރިއެއްގެ ތަކެތި ހިލޭ ޑެލިވަރީކޮށްދޭނެ ކަމަށްވެސް އެންޒީއިން ވަނީ ބުނެފަ އެވެ. މަސްދަޅުގެ އިތުރުން އެންޒީއިން ފޯރުކޮށްދޭ އެހެން ޕްރޮޑަކްޓުތައްވެސް ޑެލިވަރީކޮށްދޭނެ ކަމަށް އެ ކުންފުނީން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް