ކޮރޯނާ ވައިރަސްޖެހިގެން އެމެރިކާގައި ލައްކައަކަށް ވުރެ ގިނަ މީހުން މަރުވެދާނެ: ޓްރަމްޕް

ކޮރޯނާ ވައިރަސް އާ ބެހޭ ގޮތުން ޓްރަމްޕް ވައިޓްހައުސްގައި ވާހަކަ ދައްކަވާއިރު އޭނާގެ ފަަހަތްޕުޅުގައި އެންތަނީ ފޯޗީ

ވޮޝިންޓަން (30 މާޗް 2020) : ކޮރޯނާ ވައިރަސް "ކޮވިޑް-19" އެމެރިކާގައި ފެތުރެމުންދާދިއުން ކުރިޔަށް އޮތް ދެހަފްތާގައި މިހާރަށްވުރެ ވެސް ހަލުއިވާނެކަމަށާ އެ ރޯގާގައި އެމެރިކާގެ ލައްކައަކަށް ވުރެ ގިނަ މީހުން މަރުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ސީއެންއެންގެ ޕްރޮގްރާމެއް ކަމަށްވާ "ސްޓޭޓް އޮފް ދަ ޔޫނިއަން"ގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ ކޮރޯނާ ވައިރަސް ކޮންޓްރޯލްކުރަން އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ކުރާ މަސައްކަތް ކާމިޔާބުވެއްޖެ ނަމަ އެރޯގާގައި އެމެރިކާ އިން މަރުވާނެކަމަށް ބެލެވޭ މީހުންގެ އަދަދު ލައްކައަށް ވުރެ ދަށްކުރެވިދާނެކަމުގެ އުންމީދު އަދިވެސް އެބައޮތްކަމުގަ އެވެ. ނަމަވެސް އެމެރިކާގެ ކަންކޮޅުތަކުގައި ކޮރޯނާ ވައިރަސް ފެތުރިފައިވާލެއް ބޮޑުކަމުން ކިތަންމެ ވަރަކަށް މަސައްކަތްކުރިނަމަވެސް އަވަސްގޮތަކަށް ދެން އެރޯގާ ކޮންޓްރޯލް ނުކުރެވޭނެކަން ގަބޫލުކުރައްވާކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

މިއީ ކޮރޯނާ ވައިރަސް ރޯގާއާ ބެހޭ ގޮތުން މިހާ ނާއުންމީދީގޮތަކަށް ޓްރަމްޕް ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ. ކުރިން ޓްރަމްޕް ވަނީ މިއީ އެ ރޯގާއާ އެކު އުޅެވިދާނެ އާދައިގެ ރޯގާއެއްކަމަށް ދޭހަވާގޮތަށް އެތައް ފަހަރަކު ވާހަކަ ދައްކަވާފަ އެވެ. އަދި ކޮރޯނާ ވައިރަސް ފެތުރުނަސް އެމެރިކާގެ ކުންފުނިތަކުގެ މަސައްކަތް ހުއްޓާލުމަށް ފަހު އެންމެންނަށް ގޭގައި ނުތިބެވޭނެ ކަމަށާއި ކުންފުނިތައް މާ މުހިއްމުކަން ދޭހަވާގޮތަށް ޓްރަމްޕް ވަނީ އެކިފަހަރުމަތިން ވާހަކަ ދައްކަވާފަ އެވެ. އެ ވާހަކަތަކާ ގުޅިގެން އެމެރިކާގެ އެތެރެއިން ޓްރަމްޕަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމުން އޭނާގެ ވާހަކަތަކަށް ބައެއް ބަދަލުތައް އައިސްފައިވެ އެވެ.

އިންފެޚްޝަސް ބަލިތަކާބެހޭ އެމެރިކާގެ އިސް ތަޖްރިބާކާރު އެންތަނީ ފޯޗީ ކޮރޯނާ ވައިރަސްގެ ނުރައްކަލާބެހޭގޮތުން ވައިޓް ހައުސްގައި މައުލޫމާތު ދެއްވަނީ

ދުނިޔޭގައި އެންމެ ބޮޑަށް ކުރިއަރާފައިވާ އަދި އެންމެ ވަސީލަތްތައްގިނަ ގައުމުކަމަށްވާ އެމެރިކާ ވަނީ ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރުމުގައި ނާކާމިޔާބުވެ އެ ރޯގާއާ ކުރިމަތިލުމުގައި ވަރަށް ދެރަވަރުގެ ހާލަތަކަށް ގޮސްފަ އެވެ. މުޅި ދުނިޔެއަށް ބަލާއިރުވެސް ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރެމުންދަނީ އެމެރިކާގަ އެވެ. ދުވާލެއްގެ މައްޗަށް (ސައުވީސް ގަޑިއިރުތެރޭގައި) ކޮރޯނާ ވައިރަސް ޖެހޭ މީހުންގެ އެވްރެޖް އަދަދު އެމެރިކާގައި މިހާރުވަނީ 10،000 ވުރެ ވެސް މައްޗަށް ގޮސްފައެވެ. އަދި އެރޯގާގައި އެމެރިކާގައި ކޮންމެ ދުވަހަކު މަރުވާމީހުންގެ އަދަދުވެސް އެތައްް ސަތޭކައިން ގުނާލެވެ އެވެ.

ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު އެމެރިކާގައި 142 ހާހަށް ވުރެ މައްޗަށް ގޮސްފައިވާއިރު އެ ރޯގާގައި އެމެރިކާގައި މަރުވި މީހުންގެ އަދަދު ވަނީ 2488 އަށް އަރާފައެވެ. ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް ޓްރަމްޕް ވަނީ ކޮރޯނާ ވައިރަސް ޖެހިގެން އެމެރިކާގައި ލައްކައަކަށްވުރެ ގިނަ މީހުން މަރުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވިދާޅުވެ އިއްޔެ ވާހަކަ ދައްކަވާފައެވެ. އަދި އެމެރިކާ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދެ މިލިއަނަށް ވުރެ މައްޗަށް އަރާނެ ކަމަށް ބެލެވޭކަމަށާއި އެމެރިކާގައި އެރޯގާ ކޮންޓްރޯލް ކުރުމަށް ކުރިން ލަފާކުރެވުނު ވަރަށް ވުރެ ދިގު މުއްދަތެއް ނަގާނެކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާގެ އިންފެކްޝަސް ޑިޒީޒް ތަޖްރިބާކާރެއް ކަމަށްވާ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެމެރިކާގެ ފެޑްރަލް ސަރުކާރުން އެކުލަވާފައިވާ ޓާސްކްފޯސް ކޮމިޓީގެ މެމްބަރު ޑރ. އެންތަނީ ފޯޗީ ވަނީ ވަރަށް ބިރުވެރި މަންޒަރެއް އެމެރިކާގެ މުސްތަގްބަލާބެހޭ މެދު ކުރައްސަވާފަ އެވެ.

މިގޮތުން ކޮރޯނާ ވައިރަސް ޖެހިގެން އެމެރިކާގައި ލައްކައަކާއި ދޮޅުލައްކައާ ދެމެދުގެ އަދަދަކަށް މީހުން މަރުވެދާނެކަމުގެ ބިރު އެބައޮތްކަމާއި އެމެރިކާގައި ކޮރޯނާވައިރަސް ފެތުރިފައިވާމިންވަރުގެ ބޮޑުކަމުން އަވަސްގޮތަކަށް އެމެރިކާގައި އެ ރޯގާ ކޮންޓްރޯލް ކުރުމުގެ ފުރުސަތު މިހާރު ކުޑަވެފައިވާ ކަމަށް ވެސް ފޯޗީ ވަނީ ވިދާޅުވެފަ އެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް