ޒަވީ ހުރީ ބާސާ މެނޭޖުކުރުމަށް ތައްޔާރަށް

ޒަވީ އަކީ މިހާރު ގަތަރުގެ ކްލަބެއްގެ މެނޭޖަރު ---- ފޮޓޯ : ގޯލް

ފުޓުބޯޅަ ކެރިއަރުގެ ބޮޑު ބައެއް ބާސެލޯނާއަށް ކުޅެފައިވާ މަޝްހޫރު ކުޅުންތެރިޔާ ޒަވީ ހާނަންޑޭޒް އެ ޓީމު މެނޭޖުކޮށްދިނުމަށް ތައްޔާރުކަމަށް އޭނާ ބުނެފި އެވެ.

ޒަވީ ވަނީ 1998 އިން 2015ގެ ނިޔަލަށް ބާސެލޯނާގައި ޖުމްލަ 700 އަށްވުރެ ގިނަ މެޗު ކުޅެފައެވެ. އަދި އެ މުއްދަތުގައި ބާސެލޯނާ ވަނީ އަށް ލަ ލީގާ ޓައިޓަލް ހޯދާފަ އެވެ.

ފުޓުބޯޅަ ކުޅުން ހުއްޓާލުމަށްފަހު އޭނާ ވަނީ ގަތަރުގެ ކްލަބެއް ކަމަށްވާ އަލް ސާދުގެ މެނޭޖްމެންޓާ ހަވާލުވެފައެވެ. އެހެންނަމަވެސް ދާދި ފަހުން ޒަވީ ބުނެފައިވަނީ ވަކި ޝަރުތުތަކެއް ހަމަ ވާނަމަ ބާސެލޯނާގެ މެނޭޖެމްމެންޓާ ހަވާލުވާން ތައްޔާރުކަމަށެވެ.

"އަހަރެން ގަބޫލުކުރަން ކުޅުންތެރިންނަށް އަހަރެންގެ ފަރާތުން ތަފާތުތަކެއް ދައްކައިދެވޭނެ ކަމަށް. އެކަމު އަހަރެން ބުނެފައި އޮންނާނީ އެ ކަމާ ހަވާލު ވެވޭނީ ކަންތައް ނިންމުމުގެ ފަހު ބަސް އަހަރެންނަށް ލިބޭ ކަމަށްވާނަމަ،" އޭނާ ބުންޏެވެ.

ބާސެލޯނާއިން ޒަވީ ބޭނުންވާ ކަމަށް މީގެކުރީންވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އަދި އެ ކަމަށް ފެހި ސިގްނަލެއްގެ އިޝާރާތްކޮށް ޒަވީ ބުނެފައިވަނީ އިތުބާރު ހުރި ބަޔަކާ އެކު މަސައްކަތްކުރަން ބޭނުންވާނެ ކަމަށެވެ. އެހެންނަމަވެސް ޓީމު މެމްބަރުންގެ މެދުގައި އެއްވެސް ކަހަލަ "ޓޮކްސިކް" އަމަލެއް ހުރެގެން ނުވާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.

comment ކޮމެންޓް