10 ޓަނުގެ ކާގޯއާ އެކު މޯލްޑިވިއަންގެ ބޯޓެއް ރާއްޖެ އަތުވެއްޖެ

މޯލްޑިވިއަންގެ ފްލައިޓް--- ފޮޓޯ: މޯލްޑިވިއަން

ސްރީލަންކާ އިން 10 ޓަނުގެ ކާގޯއާ އެކު މޯލްޑިވިއަންގެ ބޯޓެއް ރާއްޖެ އަތުވެއްޖެ އެވެ.

މޯލްޑިވިއަންގެ ޕްބަލިކް ރިލޭޝަންސް އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމު މިރޭ ސަން އަށް ވިދާޅުވީ މިރޭ ގެނައީ އަވަހަށް ހަލާލުވާ ޒާތުގެ ޕެރިޝަބަލް ތަކެއްޗާއި ބައެއް މެޑިކަލް ތަކެތި ކަމަށެވެ.

މިހާރު ހަލުވިކަމާ އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް އަންނަ ގިނަ އަދަދެއްގެ ޕްލައިޓްތައް މިހާރު ވަނީ ހުއްޓާލައިފަ އެވެ.

އޭގެ އިތުރުން ރާއްޖެއިން މުދާ އެތެރެކުރާ އިންޑިއާ އާއި ސްރީލަންކާ މިހާރު އޮތީ ލޮންކައުންގެ ހާލަތުގައި ވެސްމެ އެވެ. އެހެންކަމުން ރާއްޖެއަށް މުދާ އެތެރެކުރުމުގައި ކޮންމެވެސް ވަރަަކަށް ވަނީ މަޑުޖެހިފަ އެވެ.

މުދާ ލިބުމުގައި އާންމުންނަށް ދަތިނުވާނެގޮތް ހެދުމުގެ ގޮތުން މޯލްޑިވިއަން އިން ވަނީ އިތުރު ފްލައިޓްތައް ވެސް ބާއްވަން ނިންމައިފަ އެވެ. އެގޮތުން އަންނަ ބުދަ ދުވަހު އިންޑިއާގެ ޓްރިވެންޑްރަމްއާއި ޗެންނާއީއަށް ފްލައިޓްއެއް ބާއްވާ އިރު ބުރާސްފަތި ދުވަހު ތައިލެންޑްގެ ވެރިރަށް ބެންކޮކަށް ވެސް ދަތުރެއް ބާއްވާނެ އެވެ. އަދި ހުކުރު ދުވަހު ޑުބާއީއަށް ވެސް ދަތުރެއް ބާއްވާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް ޖެހިފައިވާ 17 މީހަކު ވަނީ ފެނިފަ އެވެ. އޭގެ ތެރެއިން ދެ މީހަކު ޕޮޒިޓިވްވީ އިޓަލީއަށް ދިޔަފަހުންނެވެ. ކޮވިޑްއަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖޭގައި ތިބި މީހުންގެ ތެރެއިން މިހާރު ބަލި ރަނގަޅުނުވެތިބީ ހަމައެކަނި ދެ ދިވެހިން އެކަންޏެވެ.

comment ކޮމެންޓް