އައިޝާ ނަސީމްގެ ނިރުބަވެރިޔާ--

"ފަހަރެއްގައި އަދި މިއީ ކާކުކަން އޮޅިފައި އޮވެދާނެ. މިއީ މީރާގެ ބޭބެ މަހުދީ. އެހެންވެ އެންމެ ކުރިންވެސް އެންގީ އެ ޕޯސްޓްނަގަން. ކަލެއަށް އެކަމެއް ނުކުރެވުނު. އެހެންވެ ސުލްހައިގެ ވަގުތު ނިމިއްޖެ. ފ.....ދަ ޕޭޖް. ކަލޭ ބޭނުންގޮތަކަށް އެ ޕޭޖް ހިންގިޔަސް އަހަރެމެންނަށް ދެން ހެޔޮ. ބޭނުންވިއްޔާ އެ ޕޭޖް ހެކްވެސް ކުރެވިދާނެ. ބްލޮކްވެސް ކުރެވިދާނެ. އެހާ ބާރު އެބަހުރި. އެހެންވެ ބުނީ ނުނަގައިފިއްޔާ ވާނެ ކަމަކާއިމެދު ޒިންމާއެއް ނުނަގާނަމޭ. މިހާރު ދެންކަންތައް ދާނީ ހީކުރާހާ ސްމޫތުކޮށެއްނޫން..." މާޒިން ތެދުވެގެން އައިސް އާލިއާގެ ކުރިމަތީގައި ހުއްޓުނެވެ. އަދި އާލިޔާގެ ދަތްދޮޅީގައި ހިފަން އުޅުނެވެ. އެއާއެކު އާލިޔާ އަތް އުފުލީ ޖެހުނުހާ ބާރަކަށް އެއަތުގައި ޖެހުމަށެވެ. ނަމަވެސް މާޒިންގެ އަތުތެރޭ އޭނަގެ އަތްތިލަ ހައްޔަރުވިއެވެ.

"ގެޓް އޮފް މީ ޔޫ ޑެވިލް.........." އާލިޔާ ހަޅޭއްލަވައިގަތެވެ. މަހުދީގެ ތުންފަތަށް ވެރިވީ ނުލަފާ ހިންޏެކެވެ.

"ލެޓް ހާރ ބީ ޒިން. އެވަރަކުން ފޮރުވަން ބޭނުންވެގެން އުޅޭ އަންހެންކުއްޖަކު ބަހައްޓާ. ވީ ޑޯންޓް ކެއާ އިފް ޔޫ އާ އެ މޭން އޯ އެ ވުމަން ޑިލީޓް ދަ ފްރީކިން ޕޭޖް އެންޑް އެޕޮލޮޖައިޒް ޓު އެވްރީވަން ޕަބްލިކްގަ........." މަހުދީ ގެ އެހެން އެއްވެސް ޝައުގެއް އާލިއާއަކަށް ނެތެވެ. އޭނަގެ ހަމައެކަނި ބޭނުމަކީ ޕޭޖް ފޮހެލުމެވެ.

"އަންހެނުން ނުލިބިގެން ނޫންވިއްޔާ މިއުޅެނީ. އެންމެ ކޯލެއް ބޭނުންވަނީ ދާއިރު އަންހެން ކުދިންގެ ކިއޫއެއް އޮންނާނެ. ހެހެ......."

"އަހަރެންވެސް ބޭނުމެއް ނުވެއޭ ގައިގާ އަތްލަން. އަންހެންކުއްޖެކޭ ކިޔާނީ އެކަމަކު ބަރު އަޑެއް ދެއްވާފައި............." މާޒިން އާލިއާގެ އަތް ދުރަށް ލަމުން ޖީބަށް އަތްޖަހާލައިފިއެވެ.

ކުރިމަތީގައި ބޮޑު ސިންގާ ދެ ފިރިހެނުންނެވެ. ދެމީހުންގެ މޫނުމަތީގައިވެސް ހަމްދަރުދީއެއް ކުލުނެއް ނެތެވެ. އާލިއާ ދުރަށް ބަލަންފެށިއެވެ.

"މައިކް އަށް އެނގޭތަ. މިކުއްޖާ އަހަރެން ޕްރޮޕޯސްކުރީމަ ނޫނެކޭ ބުނީ........." މާޒިން ބުނެލިއެވެ.

"ޒިންއަށް ނޫނެކޭ ބުނަން ކެރޭ އަންހެނަކު އެބަހުރިތަ؟ބޭނުންވިޔަސް މިމީހުންގެ ސިކުނޑި ދޮވެފައި ހުރީމަ އެއްބަސްވާން ނުކެރެނީހެން މަށަށް ހީވަނީ. ޑޫ ހާ އެ ފޭވާ. މެރީ ހާ ޒިން.. އޭރުން މި ޕުއާ ތިންގްގެ ޑްރީމެއް ފުރިހަމަ ކޮށްދެވޭނެ. އަދި ޒިން އަށް މީނަގެ ސިކުނޑި އަނބުރައިލެވިދާނެ. ރީތި ފިރިހެނުންނާ ހެދި އަންހެންކުދިން ހޭބަލިވެފައި ތިބޭނީ. ޓްރަސްޓްމީ. ދިސް ބ....ވިލް ފޯލް ފޯ ޔޫ. އިން ނޯ ޓައިމް..." މަހުދީ ކައިވެނީގެ ވާހަކަ ދެއްކީވެސް ސަމާސާއަކަށެވެ. މާޒިންގެ މިޒާޖުވެސް އޭނައަށް އެނގެއެވެ. މާޒިންވެސް ބުރުގާ އަޅާފައި ތިބޭ އަންހެންކުދިންނަކަށް ޝައުގެއް ނުހުންނާނެއެވެ. ހައްދު ފަނަޅާގޮސްފައި ތިބޭ މީހުންނަކީ އެމީހުންގެ ޖަމާއަތުގައި ހިމެނޭ ބަޔެއް ނޫނެވެ.

މަހުދީގެ ވާހަކައިން އާލިއާ ހޮޑުލަވާގޮތްވިއެވެ.

ކޮންފަދަ ނުބައި ވިސްނުމެއްހެއްޔެވެ؟ ކިޔަވައިގެން ތިބި ތައުލީމީ ޒުވާނުން މިފަދަ ފިކުރުތައް ހުންނަނީ ކީއްވެހެއްޔެެވެ؟ ހުރިހާ އަންހެނުންނަކީވެސް އެއްކަހަލަ ބަޔެއްނޫނެވެ. މާޒިންއަށްޓަކާ ހިތުގައި ކޮންމެވެސް އިހުސާސެއް އުފެދުނެވެ. މާޒިން ރަގަޅުވެދާނެކަމުގައި ހިތުގެ ކަނަކުން ބުނި ދުވަހެއް އައެވެ. މިހާރު އަސްލު ކުލަ ފެނި ފޫހިވެއްޖެއެވެ.

ހަގީގަތަކީ މާޒިންއަށް އާލިއާގެ ހަގީގީ އަޑު އިވިފައިވާތީ ސިފަ ބަލައިލުމުގެ ޝައުގު ހިތުގައިވިއެވެ. މިކުއްޖާގެ ސިފަ ބަލާލާފައި ނޫނީ މިތަނުން ފޮނުވާކަށް އޭނަގެ ހިތެއް ނުރުހެއެވެ.

އެނދުމަތީގައި އޮތް އާލިޔާގެ ފޯނު ރިންގުވާން ހެދީމަ ނެގީ މަހުދީއެވެ.

"ދޮންބެ ވަރަށް އެބަ ގުޅާ........"މަހުދީ ފޯނުނެގިއެވެ.

"ދޮންބެ މިގުޅަނީ މާ ގިނައިން. ދުވަހަކު ބޭރަށް އެކަނި ނުދާ ކުއްޖެއް ގެއްލުނީމަ ވޮރީ ވަނީ ދޯ. އައި ނީޑް ޔޫ ޓު ކޯލް ހިމް އެންޑް ޓެލް ހިމް ޔޫ އާ ފައިން އޭ. އަހަރެން ހޯދަން ނޫޅޭށޭ ބުނޭ ނޫނީ ފުރާނައަށް ނުރައްކާވެދާނެއޭ. ދެން ބުނޭ ޕޭޖަށް ކުރި ޕޯސްޓެއްގެ ސަބަބުންނޭ ހިފަހައްޓައިގެން އުޅެނީ. އަދި ބުނޭ ދެޓް ޔޫ އާ ސޭފް އޭ ވަރަށް އަވަހަށް ގެއަށް އާދެވޭނެއެ. އެ ރިމޫވް ކުރިހާ އަވަހަށް..........."

"ދޭ އާ ނޮޓް ރޭޕިސްޓްސް އޯ އެނީތިން. ހަމައެކަނި އަހަރެންގެ ޕޯސްޓެއްދެކެ ހިތް ހަމަނުޖެހިގެން ބިރު މިދައްކަނީ......" އާލިޔާ ހިތާހިތުން ކިޔައިލިއެވެ.

***

އާލިޔާގެ ފޯނަށް ގުޅާ ގުޅާ ޚަބަރެއް ނުވުމުން އަޔާޒް ނުތަނަވަސްވިއެވެ. ނަމަވެސް އާލިއާ އަލަށް ދިމާވި އެކުވެރި އަންހެންކުއްޖާއާއިއެކު ފިހާރައަކަށް ދަނީއޭ ފަހަރެއްގައި ލަސްވެދާނެއޭ ބުނެފައިވާތީ ހިތްހަމަޖައްސާލިއެވެ. އޭނަގެ މަންމަ ވުޟޫކުރުވަން ފެން ލޯގަނޑަކަށް އަޅައިގެން ގެނެސް އެނދު ކައިރީ ބަހައްޓައިގެން ވުޟޫކުރުވަން އިނެވެ. އޭރު އޭނަގެ ފޯނުން ޖައްސާފައި ހުރި ގުރުއާނުން ކިޔަވަމުންދަނީ ގުޅޭފަދަ އަސަރުގަދަ އާޔަތެކެވެ. އަބަދުވެސް އެ އާޔަތްއިވުުމުން ފެންކަޅިވެ ލޯ ކަރުނުން ތެމެއެވެ. އޭނަގެ މަންމަވެސް މިވަނީ އުމުރުން ދުވަސްވެ ދަރިންގެ އަޅާލުމާއި ލޯބި ބޭނުންވާ އުމުރުގައެވެ.

" وَقَضَىٰ رَبُّكَ أَلَّا تَعۡبُدُوٓاْ إِلَّآ إِيَّاهُ وَبِٱلۡوَٲلِدَيۡنِ إِحۡسَـٰنًا‌ۚ إِمَّا يَبۡلُغَنَّ عِندَكَ ٱلۡڪِبَرَ أَحَدُهُمَآ أَوۡ كِلَاهُمَا فَلَا تَقُل لَّهُمَآ أُفٍّ۬ وَلَا تَنۡہَرۡهُمَا وَقُل لَّهُمَا قَوۡلاً۬ ڪَرِيمً۬ا"

"އެކަލާނގެއަށް މެނުވީ ތިޔަބައިމީހުން އަޅުކަން ނުުކުޅައުމަށާއި މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ކަނޑައަޅުއްވާ އެންގެވިއެވެ. އެދެމީހުން ކުރެ އެކަކު ނުވަތަ އެދެމީހުން ތިބާގެ ގާތުގައި ތިބެ މުސްކުޅިކަމާއި ހަމަޔަށް ފޯރައްޖެނަމަ އެދެމީހުންނަށް އުފްވެސް ނުބުނާށެވެ.(އެބަހީ ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއް ނަމަވެސް ނުބުނާށެވެ.) އަދި އެދެމީހުންނަށް އަޑުލައި ނަހަދާށެވެ. އަދި މާތް ބަހަކުން އެދެމީހުންނަށް ބަސް ބުނާށެވެ. "

އަޔާޒްގެ ލޮލުން ކަރުނަ އޮހިގަތެވެ. މަންމަގެ އުނގުގައި ބޯ އަޅައިލެވުނެވެ.

"ކޮބާ އާލިއާ......" މަންމަ އެހިއެވެ. މިދޭތެރެއަކުން އާލިއާއަށް މަންމަ ގިނައިން ގޮވާ އުޅުނީ ހީރާގެ ނަމުންނެވެ.

"އާލިއާ އިރުކޮޅަކުން އަންނާނެ އިންޝާﷲ..." އަޔާޒް ބުނެލިއެވެ.

"ރޮނީ ކީއްވެތަ ދަރިފުޅާ.." މަންމަ އަޔާޒުގެ މޫނުގައި ހިފަަހައްޓާފައި ކޯތާފަތުން ކަރުނަ ފޮހެލަދިނުމުން އަޔާޒްއަށް އަަސަރުކުރިއެވެ. މަންމައަށް މަދު ފަހަރެއްގައި މީހުން ވަކިކުރަން އެބަ އެނގެއެވެ. މިއީ އެފަދަ ވަގުތުކޮޅެކެވެ.

ފޯނު ރިންގުވާން ފެށުމުން ނެގިއިރު އާލިއާއެވެ.

ފޯނު ނެގުމާއެކު އަޔާޒްގެ ފައިދަށުން ބިންގަނޑު ދެމިގަތްހެން ހީވިއެވެ. ކަންފަތުގައި ޖެހުނީ އަޑުއަހަން އެންމެ ހިތްނޭދޭ ޚަބަރެވެ. ކޮންމެވެސް ބަޔަކު އާލިއާ ކިޑްނެޕްކުރީއެވެ. އެއްވެސް ފަރާތަކަށް ގުޅައިފިއްޔާ ފެންނާނީ އާލިއާގެ ފުރާނަނެތް މަސްގަނޑުކަމަށާއި އާލިއާއަށް އެއްވެސް ގެއްލުމެއް ނުވާނެކަމުގެ ފުރިހަމަ ޔަގީންކަން އެމީހުން ދޭކަމަށް އާލިއާ ބުނެލިއެވެ. އެ ވާހަކަދައްކަނީ ސްޕީކަރަށް ލައިގެން ކަން އަޔާޒްއަށް ވިސްނުނެވެ. ފަހުން އެމީހަކު އަޔާޒްއާއި ވާހަކަދެއްކިއެވެ. އެމީހުންގެ މައްސަލައަކީ އާލިއާ ހިންގާ ޕޭޖެވެ. އެހެން ޒުވާނުންނަށް ފޯރުވާ ނުފޫޒެވެ. ރާއްޖެއަކީ މެދުމިނުގެ މުސްލިމުން އުޅޭ ގައުމެކެވެ. އެއްބައިވަންތަކަމާއެކު އެންމެން އެކީ އުޅޭތާ ފައްސަތޭކަ ވަރަކަށް އަހަރުވެދާނެއެވެ. ވީމަ ހައްދު ފަހަނަޅާގޮސް އާލިއާމެން އުޅޭގޮތް ބަލައިނުގަންނާނެ މީހުން މި މުޖުތަމައުގައި އެބަތިބިކަން އެމީހަކު އަޔާޒަށްވެސް ހަނދާންކޮށްދިނެވެ.

"އިތުރު މީހަކަށް އަންގައިފިއްޔާ އާލިޔާ ސަލާމަތުން ހުއްޓާ އަތަކު ނުޖެހެނެ އިނގޭ...."

އަޔާޒުގެ ކެތްތެރިކަން ކޮޅުން ލައިގެން ދިޔައެވެ.

"އާލިއާގެ ގައިގާ އިނގިލި ކުރި ޖައްސާލިޔަސް ހުރިހާ ކަށިތަކެއް ވަކިވަކިން ބިންދާލާނަން........"

"ކާމްޑައުން ބްރަދާ. އަހަރެމެން އަންހެނުން ނުފެނިގެނެއް ނޫޅެން. އޭނަ ގެނައި ސަބަބު ތި ބޭފުޅާއަށް އަދިވެސް އަންޑަސްޓޭންޑެއް ނުވޭ ދެއްތޯ؟ މިއުޅެނީ ހައްދުފަހަނަޅާގޮސް އެހެން މީހުންގެ އަބުރު ކަތިލާތީ ނޫޅެވިގެން. އެހެންނޫންނަމަ މި ޕިކްޗާގެ ތެރެއަށް ގައިމު އަޅުގަނޑު ނުވަންނާނަން..ވީމަ ތިބޭފުޅުންނަށް ޔަގީންކަން މިދެނީ އާލިޔާ ހުންނާނީ އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި ސަލާމަތުން. އޭނަޖެހެނީ ބުނާ އެންމެ ކަމެއްކޮށްދޭން. އޭނަ ހިންގާ ޕޭޖް ރިމޫވްކުރަން ޖެހޭނީ. އެނިމުނީ. އަދި ޕަބްލިކްގައި މާފަށް އެދެންވީ..........." މަހުދީ ނިކަން ހަމަޖެހިލާފައި ހުރެ ވާހަކަދެއްކުމުން އަޔާޒް ވަކިން ބޮލަށް އުދަގޫވިއެވެ. ނަމަވެސް އޭނަވެސް ކެތްތެރިކަން ޚިޔާރުކުރިއެވެ. އާލިޔާވަނީ މި މީހުންގެ ބާރުދަށުގައެވެ. އޭނައަށްވަނީ މަޖުބޫރުވެފައެވެ. ހިތަށް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބުނީ އާލިޔާއާއިމެދު އެމީހުންގެ ވާހަކަ ހުރިގޮތުންނެވެ. އެމީހުންގެ ނިޔަތަކީ އަދި މުޅިން އެހެން ކަމެކެވެ.

މަހުދީ ފޯނު ކެނޑުމުގެ ކުރިން "ދޮންބެ ދީސް ފްރީކްސް ކާންޓް ޑޫ އެނީތިން އިންޝާﷲ. ޑޯންޓް ވޮރީ " އޭ އާލިއާ އަވަސްއަވަހަށް ބުނެލިއެވެ. އާލިއާ ބިރު ކެނޑެން ފެށީ މާޒިންއާއި މަހުދީގެ ނިޔަތްކޮންމެވެސް ވަރަކަށް އެނގެން ފެށީމައެވެ.

ރަހުމާ ރިޒޯޓުން އެނބުރި އައުމަށްފަހު އާލިޔާގެ ޚަބަރު ދިނުމުން ރަހުމާވެސް ކަންބޮޑުވިއެވެ. ސިފައިންނަށް އެންގޭކަށްވެސް ނެތެވެ. އަނެއްކޮޅުން އޭނަ ފުރާ ދުވަސްޖެހެނީއެވެ. ފިރިމީހާއަށް މާ ގިނަދުވަހު ހުރެވެންވެސް ނެތެވެ. އޭނަ ވަޒީފާއަށް ނިކުންނަން ޖެހޭނެއެވެ. އާލިއާ ނެތުމުން މަންމަ ފެންވަރުވަން އެހީވެދީ ހަދާނެ މީހެއް ހޯދަން ރަހުމާ އަޔާޒުގާތު ބުނެލިއެވެ. އަޔާޒު އިނީ ވިސްނުމެއްގެ ތެރޭގައެވެ.

"އަޔާޒުވެސް ދެން ބޭވަފާތެރިއަކަށްޓަކާ އިންތިޒާރުކުރުމުގެ މާނައެއް ނެތް. ކޮންދުވަހެއް ޒިކްރާ ކުދިންކޮޅު ގޮވައިގެން ދިޔަތާ. އެކުދިން ބޮޑެތިވެ މީހުންނާއި އިންނަވަރު ވެއްޖެ އަދިވެސް އަޔާ ތިހުންނަނީ އޭނަ އާދޭތޯ ބަލަބަލާ. މީހަކާއި އިންނަންވީނު...." ރަހުމާ ބޭނުންވަނީ މަޖުބޫރުކޮށްގެން ވިޔަސް އަޔާޒު މީހަކާއި އިންނާށެވެ. އޭނައަށް ބަލާފައި އަދިވެސް ފަންސަވީހަކަށް އަހަރުފަދައެވެ. ނަމަވެސް އޭނަގެ އުމުރުން ސާޅީސް ފަސްއަހަރުވެއްޖެއެވެ. ބޮޑެތި ދަރިންގެ ބައްޕައެކޭ ބުނާވަރަށްވުރެ މާ ޒުވާންކޮށް ދައްކަނީ ސްމާޓްކަމަާއި ފިޓްކަމުންނެވެ.

***

މިންކާ ޖެހިލުންވެފައި ހުރެވެސް ސްކައި ޕެލެސްއަށް ވަނެވެ. އަރްސަންއާއި ބައްދަލުކޮށްލަން ކަމަށް ބުނުމުން ސުކައިނާ ބުނީ ޓެރެސްގައި ކޮފީބޯން ކަމުގައެވެ. އަދާގެ ގާތް އެކުވެރިއަކަށް ވެފައި މީރާގެ ދައްތަ ކަމުގައިވިޔަސް މީގެ ކުރިން މިންކާ މިގޮތަށް ކަމަކާ ނުލާ އެކުވެރިކަމުގެ ގޮތުގައި އެގެއަށް ޒިޔާރަތްކޮށްފައެއް ނުވެއެވެ. މިންކާ ސިޑިން އަރައިގެން ދިޔައިރު މޭގަނޑު އަނގަޔަށް އައިސްދާނެހެން ހީވި ކިތަންމެ ފަހަރެއް އައެވެ. ބިރުވެރިކަން އިންތިހާއަށް ދިޔަނަމަވެސް މިއަދު އޭނަ ހުރީ އަޒުމެއް ކަނޑައަޅައިގެންނެވެ. އަރްސަން ކޮފީ އެއް ބޯލަން އިންއިރު ތާޒާކަމުން މީހަކު މޮޔަވާނެއެވެ. އެހިސާބުގައި އިންދާފައިވާ މާތަކުގެ މީރުވަހަށްވުރެ އަރްސަން ޖަހައިގެން ހުރި ސެންޓުގެ ލުއިވަހުން ކުރި އަސަރު ބޮޑެވެ.

އަރްސަންގެ ލޮލުން ހައިރާންކަން ފެނުނެވެ.

"މޯނިން އަރްސަން......."

"ޔެސް؟ " އަރްސަންގެ އެ ޖުމްލައިން މިންކާ ކުޑަކޮށް ލަދުގަތެވެ. އެއްވެސް ގާތްކަމެއް އެ ބެލުމުގައި ނުވެއެވެ. މިފަހަކަށް އައިސް އެދޭތެރޭ އޮތް ގަނޑުފެންގަނޑު ބޯވެ އެ ވިރުވައިލާނެ ގޮތެއް މިންކާ ވިސްނިއެވެ. އަދާއަށްޓަކާ އޭނަގެ ހިތުގައިވާ ލޯބި ވަޅުލާން ނިންމިޔަސް އެކަމެއް ނުކުރެވުނެވެ. އަރްސަންގެ ރީތިކަން ފެނުނު ފެނުނުހެން އިތުރުވަނީއެވެ. އެކަޅި ފެނިވެސް މީހަކު މޮޔަވާނެއެވެ.

"މިއައީ ވާހަކަައެއް ބުނަން. އަހަންނަށް އެނގޭ މިއީ ނުރައްކާތެރިކަމެއްކަން. ކާކުގެ ބަދުނަސީބުކަމެއް ނޭގޭ. އަހަންނަށް ހިތް ކިޔުނީ ބެސްޓްފްރެންޑްގެ ލޯބިވެރިޔާއަށް. ލޯބިވުމަކީ ކުށެއްނޫން. އަމިއްލަ އިޚުތިޔާރުގައިވާ ކަމެއްވެސް ނޫން. ދެ އަންބަތްވެސް މިޒަމާނުގައި މީހުނާއި ކައިވެނިކުރޭ. އަރްސަން އައި ލަވް ޔޫ..............................." މިންކާ އަވަސްއަވަހަށް ހުރިހާ ވާހަކައެއް އެއް ނޭވާއިން ބުނެ ނިންމާލިއިރު ހިތްވެސް ހުއްޓިފައިވާ ފަދައެވެ. މިފަދަ ހިތްވަރެއް ކުރަން ކެރުނީތީ އަމިއްލައަށްވެސް ޝޮކެއްގައެވެ. ބުނި ބަސްތައް އަނބުރާ ގެންދަން ބޭނުންވިޔަސް ބުޅާ ގޯނިން ބޭރުވެއްޖެއެވެ. މިއަދަކީ އުމުރު ދުވަހު އޭނަ މިވަރުގެ ބޮޑު ކަމަކަށް އިސްނެގި ދުވަހެވެ. އެފަދަ ހިތްވަރެއް ލިބުނު ގޮތެއްވެސް ނޭގެއެވެ.

"ހީ ލުކްސް ޑިސްގަސްޓެޑް..." މިންކާ އަމިއްލަ ނަފުސަށް އިވޭވަރަށް ކިޔައިލިއެވެ. އޭނަގެ ހިތަށް ތަދުވިއެވެ.

"ވަޓް ދަ ހެލް.......ސީރިޔަސްކޮށް...." އަރްސަންގެ ބުމަ ކައިރިކޮށްލުމަށްފަހު ފުރިހަމަ އިސްކޮޅަށް ތެދުވެއްޖެއެވެ. އޭނައާއި ދިމާލަށް އެ ބަލައިލި ނަޒަރުގައި އޯގާތެރިކަމެއް ކުލުނެއް ނެތެވެ. ފޫހިވެފައިވާ އެއްޗަކަށް މީހަކު ބަލާނީ އެ ނަޒަރުންނެވެ. އެވާހަކަ ބުނެވުނުކަމުގެ މޮޔަ ހީވިއެވެ. ދުވެ ފިލަން ހިތް ގޮވިއެވެ.

"އެންމެ ރަގަޅު......" މިންކާ ހިން ދިރުވާލާފައި ދެލޯ ތަޅުވައިގަތެވެ. ހީވީ ރޮއިގެންފާނެެހެންނެވެ. " މިއީ ނުދައްކާ ވާހަކައަކަށް ހަދާ.....ޕްލީޒް. އަހަރެން......"

"އަދާ ގާތު ބުނާނަން. ތިމާގެ ގާތް އެކުވެރިޔާއަށްޓަކާ ހިތުގައި ކުޑަ ލޯތްބެއް ވިނަމަވެސް ތިހެނެއް ނަހަދާނެ. އަމިއްލަ އެދުން ބޮޑުކަމުގެ އިންތިހާ. އަހަރެމެން ރައްޓެހިވެގެން އުޅޭތާ އެތައް އަހަރެއްވެފައިވާ ކަމާއި އިންނަން އުޅޭކަން އެންމެ ރަގަޅަށް އެނގޭނެ އެކަކީ ތިއީ. އެކަމަކު ގޮތެއްފޮތެއް ނެތްވަރު ބަލާ. މަށަށް ރަގަޅީ އަދާ ފެންނަ ހިސާބަށްވެސް ނައިއްުޔާ....." އަރްސަން ހަރުކަށިގޮތަކަށް ވާހަކަދެއްކިއެވެ.

"ބުނެގެން ނުވާނެ..." މިންކާގެ ރުޅިގަނޑު ހިލިގަތެވެ.

"ގެޓް އައުޓް އޮފް މައިސައިޓް. މީގެ ފަހުން އަދާއާއި ވާހަކަދައްކައިގެން ނުވާނެ. ތިއީ ރަގަޅު އެކުވެރިއެއްނޫން. ދުޝްމިނެއްވެސް ތިއަށްވުރެ ރަގަޅުވާނެ..." އަރްސަންގެ ދެލޮލުން އެ ފެނުނު ނަފްރަތު މިންކާގެ ސިކުނޑި ގޮއްވާލައިފިއެވެ. މޮޔަނުވީ ކިރިޔާއެވެ.

"އަރްސަން. އަހަރެން މިއީ އަޅުވެރި މީހެއްނޫން. އެކަމަކު ކޮންމެ ނަމާދެއް ކޮށްގެން ދުޢާކުރާނަން. އަދާއާއި ދެމީހުން ވަކިވުމަށް އަބަދު އެދޭނަން. އަދި ބުނެފާނަން. އަހަރެންގެ ބޮޑުބޭބެ ޝޭޚު އަދްނާން ލައްވާ ފަންޑިތަވެސް ހައްދާނަން. ތި ދެމީހުން ވަކިކުރުވާނަން. ބަލައްޗޭ. އަހަރެންގެ ހިތް ހަލާކުކޮށްފައި ތިދެމީހުންނަކަށް އުފަލެއް ނުުލިބޭނެ. ކޮންމެވެސް ދުވަހަކުން ތި ލޮލުންވެސް ކަރުނަ އަންނާނެ........ ގުޑްބައި..." މިންކާގެ ދެލޮލުން ކަރުނަތައް އޮހިގަތުމުން ހެދުމުގެ އަތުކުރިން ފޮހެލާފައި ދާން ހިނގައިގަތެވެ. އަރްސަން އެ އިންޒާރަކުން ބިރެއް ނުގަތެވެ. އޭނައާއި އަދާ ވަކި ކުރެވޭނީ ހަމައެކަނި އެންމެ ފަރާތަކަށެވެ. އަރްސަންގެ ކަޅީގެ ކުލަ ކުޑަކޮށް ގަދަވިއެވެ. މޫނަށްވެސް ރަތްކުލަވެރިވާ ގޮތްވިއެވެ. މިންކާގެ ސަބަބުން އޭނަގެ އުފާވެރި ތަބީއަތު ޚަރާބުވެއްޖެއެވެ. ޝޭޚު އުސްމާންއަކީ މަޝްހޫރު މީހެކެވެ. އަބާޔާއާއި ޝޯލްއަދި ދީނީ ފޮތްތައްފަދަ އެއްޗެހީގެ ވިޔަފާރިވެސް ކުރެއެވެ. ދީނީ ޗެނެލްއެއްވެސް ވަރަށް ފަހުން ހުޅުވިއެވެ. ސިޔާސީ ކަންތައްތަކަށްވުރެ ދީނީ ދަރުސް ދިނުމާއިގެން އުޅޭ އަޅުވެރި މީހެކެވެ. ފަންޑިތައާއި ސިހުރުގެ ވާހަކައިން އޭނަ ބިރެއް ނުގަނެއެވެ. އެހާ ދަށް ފެންވަރަކަށްވެސް އެ މިންކާ އުޅެނީ ވެއްޓިގަންނާށެވެ. ކައިވެނީގެ ތާރީޚު އަވަސްކުރަން އެވަގުތު އަރްސަން ނިންމިއެވެ.

***

ސްކައިޕެލެސްގެ އާއިލާގެ މެމްބަރުންނަށް މެންދުރު ކެއުން ތައްޔާރުކޮށްފައިވަނީ ވަރަށް ފުރިހަމައަށެވެ. އެތައް ބާވަތުގެ ކާއެއްޗެހިން މޭޒުމަތި ފަޅުފިލުވާފައެވެ. ފަހަރަކު މީހަކު އަންނަމުން ގޮނޑިތައް ފުރެމުން ދިޔައެވެ. އެންމެފަހަށް އައީ މާޒިންއެވެ. ދެންމެ ނިދާ ހޭލިފަދައެވެ. އިސްތަށިގަނޑުވެސް ހޭވިފައެވެ.

"ބައްޕަގެ ޒިން އެންމެ ތަތްވާނީ. ހަމަ ހުވަފެން ބަލަބަލާ އޮތީ ދޯ..." މައިމޫން ސަމާސާގޮތަކަށް ބުނުއްވިއެވެ.

"ރޭގައި އެކުވެރިންނާއެކު އުޅެފައި ތަންކޮޅެއް ލަހުން އާދެވުނީ....." މާޒިން ގޮނޑިއެއް ދަމާލައިގެން އިށީދެލިއިރުވެސް ލޮލުން ނިދި ނުފިލައެވެ.

"ޒިންއާއި ކުކީގެ މިހިރަ ސިިއްރުވެރިކަމެއް. ކުކީވެސް މަންމަމެންނާއި ވަކިވެެގެން އެހެން އެޕާޓްމެންޓަކަށް ބަދަލުވުމުން މަންމަ ހީކުރީ ގާލްފްރެންޑާއެކު އުޅެން ދިޔައީ ކަމަށޭ. އެކަމަކު ސޮބީ ބުނި ކުކީގެ އެޕާޓްމެންޓަށް ދަންވަރު ބޯއިއެއް ވަންވާހަކަ. އެއީ ތެދެއްތަ؟ " ސުކައިނާގެ ވާހަކައިން ރާހިލް ގެ މޫނަށް ކުޑަ ނުތަނަވަސްކަމެއް ވެރިވިނަމަވެސް އޭނަ ހޭންފެށިއެވެ.

"ދެން މުޅި ސޯޝަލް މީޑިއާގައި ގޭއެކޭ ކިޔާފައި ލޭބަލް ނުކޮށްފިއްޔާ ވެދާނެ. އަޅުގަނޑު ގޯސްކޮށެއް ނޫޅެން. ބޮޑު ޕްރޮޖެކްޓެއްގައި މިއުޅެނީ........." ރާހިލް އޭނަގެ ބައްޕަގެ މޫނަށް ނަޒަރު ހުއްޓާލުމުން ދެބަފައިންގެ މެދުގައި ސިއްރުވެރި ލުއި ހިނިތުންވުމެއް ބަދަލުކުރެވުނެވެ. މައިމޫނަށް ރާހިލް އެކުރާ ކަމަކާއި ބެހޭގޮތުން ޝައްކެއް ކުރެވެއެވެ. ރިޒޯޓެއް ހުޅުވަން އުޅެނީއެވެ. އަނެއްކޮޅުން މާޒިންވަނީ އޭނަގެ ފަޅު ރަށެއް ކުއްޔަަށް އެކުވެރިއަކަށް ދޫކުރުވާފައެވެ. އެއްވެސް ކުއްޖަކު ގޯސްމަގަކުން ނުހިގާނެކަމުގެ ފުރިހަމަ ޔަގީންކަން މައިމޫނަށް ވެއެވެ.

ހަގީގީ ސަޕްރައިޒަކީ އަރްސަން ދިން އުފާވެރި ޚަބަރެވެ. އޭނަ ކައިވެނި ކުރަން ނިންމީއެވެ. ކައިވެންޏަށްފަހު އަރްސަންވެސް ދިރިއުޅެން ގަސްތުކުރަނީ އެހެން އެޕާޓްމެންޓެއްގައެވެ. ހުރިހާ ކުދިން ގެއިން ދާން އުޅޭތީ ސުކައިނާ ކަންބޮޑުވިނަމަވެސް އެ ޚިޔާލު އެވަގުތު ފައުޅުކުރާކަށް ނޫޅުނެވެ. އެންމެން އަރްސަންއަށް މަރުހަބާކިއެވެ. އެންމެންވެސް ތިބީ ނިކަން އުފަލުންނެވެ.

***

ފަސްޓްލޭޑީ ހުޅުވާދީފައިވާ ބިއުޓީ ސެލޫންއާއިގެން އުޅުމަށްވުރެ މިދުވަސްކޮޅު އަދާ އުޅެނީ އޭނަގެ ކައިވެންޏަށް އެޕާޓްމެންޓް ހޯދުމާއި އެހެން ތައްޔާރީތަކުގައެވެ. އަޖައިބުވަނީ މިދުވަސްކޮޅު މިންކާ ބަލިވެއުޅެނީއޭ ކިޔާފައި ލޮލަށް ނުފެންނާތީއެވެ. އެގެއަށް ދެތިން ފަހަަރަކު ދެވިއްޖެއެވެ. މިންކާ އޮންނަނީ ދޮރު ތަޅުލައިގެންނެވެ. ފޯނުވެސް ނިވާލައިގެންނެވެ. މިންކާ ކުއްލިއަކަށް އޭނައާއި ވަކިވާންވީ ސަބަބެއް ވިސްނުނެވެ. އޭނަ މިއައީ އެކަމުގެ ހައްލު ހިފައިގެންނެވެ. އެވާހަކަ މިންކާއާއި ދައްކާށެވެ. އެވާހަކަ އިވިއްޖެއްޔާ މިންކާ ހަމަ އަނބުރައިގެންފާނެއެވެ. ޚުދު އޭނަ އަމިއްލައަށްވެސް އަދިވެސް އެކަން ގަބޫލެއް ނުކުރެވެއެވެ. އޭނަ މިފަދަ ފިޔަވަޅެއް އަޅަން ޖެހިދާނެކަމަކަށް ދުވަހަކުވެސް ހިޔެއް ނުކުރެއެވެ.

***

ހަފްތާއެއްހާ ދުވަސް ވޭތުވެގެން ދިޔައިރުވެސް އާލިއާ ހުންނަން ޖެހުނީ އެކޮޓަރީގައި ބަންދުވެގެންނެވެ. އޭނަގެ ފޯނުވެސް އެމީހުން ގެންގޮސްފައިވާތީ އެހެން މީހަކާއި ވާހަކަދައްކާލެވޭކަށްވެސް ނެތެވެ. ޖަލެކޭ ތަފާތެއް ނެތެވެ. ފެންވެރިޔަސް ހެދުން ބަދަލުކުރެވޭކަށް ނެތެވެ. ނަސީބަކުން އޭސީކޮށްފައިވާ ކޮޓަރިއެއްކަމުން ހެދުން ދާނުވެ ހިފަހައްޓާލެވިއްޖެއެވެ. މާޒިން ނޫނީ އެ މައިކް ނުފެންނަކަމީ ނަސީބެކެވެ. ނަމަވެސް މިހެން ބަންދުކޮށްފައި ހުރުމަކީވެސް ވޭނެކެވެ. އޭނަގެ ކަަމަކީ ނަމާދުކޮށްގެން ގުުރުއާނުން ހިތުދަސްވެފައިވާ ތަންތަން ކިޔެވުމެވެ. ޒިކުރުކުރުމެވެ.

އިރުއޮއްސެން އުޅެނިކޮށް ކޮންމެވެސް މީހަކު ދޮރުގައި ޓަކިދިނެވެ.

ނުނިމޭ

comment ކޮމެންޓް