ޑަބްލިޔޫއެޗްއޯ ގެ ޑައިރެކްޓާ ޖެނެރަލް އިސްތިއުފާ ދެއްވުމަށް ޖަޕާނުން ގޮވާލައިފި

ޖަޕާނުގެ ބޮޑުވަޒީރުގެ ނައިބު އަދި ކުރީގެ ބޮޑުވަޒީރު ތާރޯ އަސޯ

ޓޯކިޔޯ (29 މާޗް 2020): ކޮރޯނާ ވައިރަސް (ކޮވިޑް-19) އާ ގުޅިގެން ދުނިޔެއަށް ކުރިމަތިވެފައިވާ ނާޒުކު މައްސަލައާ މުއާމަލާތް ކުރުމުގައި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔޫއެޗްއޯ) ނާކާމިޔާބުވެފައިވާ ކަމަށްބުނެ އެޖަމްޢިއްޔާގެ ޑައިރެކްޓާ ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ގެބްރިޔޭސެސް މަގާމުން އިސްތިއުފާ ދެއްވުމަށް ޖަޕާނުން ގޮވާލައިފިއެވެ.

ޖަޕާނުގެ ބޮޑުވަޒީރުގެ ނައިބު ތާރޯ އަސޯ ވިދާޅުވީ ޑރ. ގެބްރިޔޭސެސް އަކީ ޑަބްލިޔޫއެޗްއޯ ފަދަ ބައިނަލްއަގްވާމީ ބޮޑު ޖަމްޢިއްޔާއެއްގެ އިސްވެރިއަކަށް ކުފޫ ހަމަވާބޭފުޅެއް ނޫންކަމަށާ ކޮވިޑް-19 އާ ގުޅިގެން ދުނިޔެއަށް ކުރިމަތިވެފައިވާ ނާޒުކު މައްސަލައާ މުއާމަލާތްކުރުމުގެ އެއްވެސް ހުނަރެއް އަދި ގާބިލްކަމެއް އޭނާގެ ކިބާގައި ނެތްކަމުގައެވެ.

ޑަބްލިޔޫއެޗްއޯ ގެ ޑައިރެކްޓާ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރިޔޭސުސް

ޖަޕާނުގެ ޕާލަމެންޓްގައި ވާހަކަ ދައްކަވަމުން އެގައުމުގެ ބޮޑުވަޒީރުކަންވެސް ކުރިން ކުރައްވާފައިވާ އަސޯ ވިދާޅުވީ ކޮވިޑް-19 އަކީ ދުނިޔޭގެ ފެންވަރުގެ ބަލިމަޑުކަމެއްކަމަށް އިއުލާނުކުރުމަށްވެސް އެތަށް ދުވަހެއްވަންދެން ގެބްރިޔޭސެސް ފަސްޖެހިވަޑައިގެންނެވި ކަމުގައެވެ. ކޮވިޑް-19 ގެ ނުރައްކާތެރިކަމާއި އެއީ ދުނިޔޭގެ ފެންވަރުގެ ބަލިމަޑުކަމެއްކަން ތަޖްރިބާކާރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވިނަމަވެސް އެއަޑުއައްސަވައި އެރޯގާ ފެތުރޭން ފެށިތާ ކުރީކޮޅު އެކަން އިޢުލާނު ކުރުމަށް ގެބްރިޔޭސެސް ފަސްޖެހިވަޑައިގެންނެވި ކަމީ ބޮޑު މައްސަލައެއްކަމަށް އަސޯ ވިދާޅުވިއެވެ.

ކޮވިޑް-19 އަކީ ދުނިޔޭގެ ފެންވަރުގެ ބަލިމަޑުކަމެއްކަމަށް ޑަބްލިޔޫއެޗްއޯ އިން އިއުލާނުކުރީ މި މާޗްމަހުގެ 11 ވަނަ ދުވަހުއެވެ. ނަމަވެސް މިދިޔައަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު އެރޯގާ ޗައިނާގައިވަނީ ފެތުރެން ފަށާފައެވެ. އަދި ޖަނަވަރީ މަހާއި ފެބްރުއަރީމަހު ޗައިނާގެ އިތުރުން މުޅި ދުނިޔެ ކަންބޮޑުވާވަރަށްވެސް ޗައިނާގައި ދިޔައީ އެ ރޯގާ ފެތުރެމުންނެވެ. ނަމަވެސް އެދުވަސްވަރު ޑަބްލިޔޫއެޗްއޯ އިންވަނީ އެއީ ދުނިޔޭގެ ފެންވަރުގެ ބަލިމަޑުކަމެއްކަމަށް ސިފަކުރުމަށް ދެކޮޅު ހަދަމުންނެވެ.

ޖަޕާނުގެ އިތުރުން ދުނިޔޭގެ ސިއްހަތާބެހޭ ބައެއް ތަޖްރިބާކާރުންވެސްވަނީ ކޮވިޑް-19 އާ ދެކޮޅަށް ހަރަކާތްތެރިވުމުގައި ޑަބްލިޔޫއެޗްއޯ ގެ ދައުރު ވަރަށް ކުޑަކަމާއި އެކަމާކުރިމަތިލުމުގައި ލީޑިންގް އެއްވެސް ދައުރެއް އެޖަމްޢިއްޔާއަށް އަދާނުކުރެވޭކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. ޑަބްލިޔޫއެޗްއޯ ގެ ޑައިރެކްޓާ ޖެނެރަލް ކަމުގެ މަގާމުން ގެބްރިޔޭސެސް އިސްތިއުފާ ދެއްވުމަށް ގޮވާލައި ހުށަހަޅާ ޕެޓިޝަނެއްގައި މިހާތަނަށް 63 ހާސް މީހުން ސޮއިކޮށްފައިވާ ކަމަށްވެސް ޖަޕާނުގެ ބޮޑުވަޒީރުގެ ނައިބު ތާރޯ އަސޯ ވިދާޅުވިއެވެ.

މެޑިކަލް ޑޮކްޓަރެއްކަމަށްވާ ޑރ. ގެބްރިޔޭސެސް އަކީ އެފްރިކާގެ ގައުމެއްކަމަށްވާ އިތިއޮޕިއާގެ ކުރީގެ ޚާރިޖީވަޒީރެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް