މާލޭ ސަރަހައްދުގެ ޖިމްތައް މުއްދަތެއް ނެތްގޮތަށް ބަންދު ކުރަން އަންގައިފި

4 ނޮވެމްބަރ 2016: މާލޭގައި ހިންގި ކަސްރަތު ކްލާހެއްގެ ތެރެއިން -- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19އާ ގުޅިގެން މާލޭ ސަރަހައްދުގައި ހިންގާ ޖިމްތަކާއި ކަސްރަތު ކްލާސްތައް މުއްދަތެއް ނެތް ގޮތަށް ހުއްޓާލަން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އަންގަވައިފި އެވެ.

މި މަހުގެ 16 ވަނަ ދުވަހު ޖިމްތަކާއި ފިޓްނަސް ސެންޓަރުތަކުގެ ވެރިން ގުޅިގެން ބޭއްވި ބައްދަލުވުމެއްގައި ވަނީ ކޮވިޑް-19އާ ގުޅިގެން މި މަހުގެ 28ގެ ނިޔަލަށް ޖިމްތައް ބަންދުކުރަން ނިންމާފައެވެ.

އެ މުއްދަތު އިއްޔެ ހަމަވެފައިވާއިރު، މިރޭ 12:00އިން ފެށިގެން ވަކި ގޮތެއް އަންގަންދެން މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ޖިމްތަކާއި ކަސްރަތު ކުލާސްތަކާއި، އަދި އެ ނޫންވެސް އެއްވެ ބާއްވާ ގްރޫޕު ކަސްރަތު ހަރަކާތްތައް މެދުކަނޑާލަން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަންގަވާފައިވާ އެންގެވުމަށް އެޗްޕީއޭއިން މިރޭ ވަނީ އާންމުކޮށްފައެވެ.

ކޮރޯނާވައިރަސް ނުވަތަ ކޮވިޑް19އާ ގުޅިގެން މިމަހުގެ 12 ވަނަ ދުވަހު ސަރުކާރުން ވަނީ 30 ދުވަހަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އާންމު ސިއްހަތު ރައްކާތެރިކުރުމަށް އާންމުންނަށް ވަކި ގޮތްތަކަށް އަމަލު ކުރުމަށް އެންގުމުގެ ގާނޫނީ ބާރު ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރަށް ލިބިގެންވެއެވެ. ޖިމްތަކާއި ކަސްރަތު ކްލާސްތައް މެދުކަނޑާލަން އެންގީ އެ ބާރުގެ ދަށުންނެވެ.

comment ކޮމެންޓް