ސަފާރީގައި ތިބި މީހުން ޓެސްޓުކުރީ ޕްރޮޓޮކޯލް އިން ބޭރުން: ޑޮކްޓަރުު

މާޗް 29، 2020: ކޮވިޑް19 އާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެ މީހަކު ޕޮޒިޓިވްވި އައިލެންޑް ސަފާރީގައި ތިބި އިތުރު މީހުންގެ ޓެސްޓުތައް ހަދަން ނިންމީ މިހާރު އެކުލަވާލާފައި އޮތް ޕްރޮޓޮކޯލްގެ ބޭރުން ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑރ. އަލީ ލަތީފު ވިދާޅުވެއްޖެއެވެ.

އައިލެންޑް ސަފާރީން އިތުރު ދެ ފަތުރުވެރިން ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައެވެ. އެ ދެ ފަތުރުވެރިން ޕޮޒިޓިވްވިކަން އެނގުނީ އެމީހުން ރާއްޖެއިން ފުރި ފަހުންނެވެ. އެ ދެ ފަތުރުވެރިން ޓެސްޓު ކުރީ ރިސާޗް ކުރުމުގެ ބޭނުމަށް ކަމަށް ހެލްތް ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މީގެ ކުރިން ވަނީ ބުނެފައެވެ.

ނަމަވެސް މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ލަތީފް ވިދާޅުވީ "ރިސާޗް" އަކީ އެކަމަށް ބޭނުން ކުރަން އެންމެ ރަނގަޅު ލަފްޒު ނޫން ކަމަށާއި، ރިސާޗް އެއް ހަދާނަމަ އެކަމަށް ހާއްސަ ޕްރޮޓޮކޯލް އެއް އޮންނަން ޖެހޭނެ ކަމަށާއި، އަދި ހުއްދަތަކެއް ވެސް ނަގަންޖެހޭނެ ކަމަށެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެން އެ ޓެސްޓު ހަދަން ނިންމީ، އެއީ ޕްރޮޓޮކޯލް އިން ބޭރުން އަޅުގަނޑުމެން ނިންމި ކަމެއް. ޓެސްޓު ހަދަން ނިންމީ އެއީ ސަފާރީ ބޯޓެއްގައި އެގޮތަށް ޓެސްޓު ހަދަން ޖެހޭތޯ ނޫންތޯ ބަލާލަން ވެގެން،" ޑޮކްޓަރު ވިދާޅުވިއެވެ.

ޑޮކްޓަރު ވިދާޅުވީ ސަފާރީ ބޯޓެއްގައި ހުރި ޓޫރިސްޓަކު އަލާމާތް ހުރެގެން ރިޕޯޓުކުރި އިރު ސަފާރީ ބޯޓެއް ކަރަންޓީނު ކުރުމުގެ އެއްވެސް ޕްރޮޓޮކޯލް އެއް ލިޔެވިފައެއް ނެތް ކަމަށާއި އެހެން ނަމަވެސް އެ ބޯޓު ކަރަންޓީނު ކުރުމަށް ނިންމީ ކަމަށެވެ.

ސަފާރީ ކަރަންޓީނު ކުރަން އެންގުމުގެ މާނައަކީ، އޭގައި ތިބި މީހުން ކޮޓަރިން ނުކުތުން މަނާކުރުމާއި، އެއްވެ އުޅުން މަނާކުރުން ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

ޑޮކްޓަރު ވިދާޅުވީ ސަފާރީ ބޯޓަކުން މީހަކު ޕޮޒިޓިވް ވެއްޖެނަމަ ނުވަތަ ޝައްކުވާ މީހަކު ފެނިއްޖެނަމަ އަމަލުކުރާނެ އުސޫލު ނުވަތަ އެސްއޯޕީ ލިޔުނީ މާޗު މަހުގެ 17 ވަނަ ދުވަހު ކަމަށެވެ.

"ސަފާރީގެ ޕްރޮޓޯލް ލިޔުނު އިރުގައި ލިޔެފައި މި އިންނަނީ ކްރޫޒް ލައިނާގެ ޕްރޮޓޮކޯލް އަށް ބަލާފައި އޭގެ ކޮންޓެކްސްޓަށް އޭތި ފިޓުވާގޮތް ހަދަން ވެގެން،" ޑޮކްޓަރު ވިދާޅުވިއެވެ.

އަދި އެ އެސްއޯޕީގައި ލިޔެފައި ވަނީ ސަފާރީ ބޯޓެއްގައި ތިބޭ މީހުން ކަރަންޓީނު ފެސިލިޓީއަކަށް ބަދަލުކުރުމަށް ކަމަށާއި، އެ ބޯޓުގައި ތިބި އިތުރު މީހުން ކަރަންޓީނު ފެސިލިޓީއަކަށް ބަދަލުކުރީ އެ އެސްއޯޕީގެ ދަށުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ސަފާރީގައި ތިބި ދެ މީހެއްގެ ގައިން ކޮވިޑް19 ގެ އަލާމާތްތަކެއް ފެނިގެން އެ ސަފާރީ ކަރަންޓީނު ކުރީ މި މަހުގެ 13 ވަނަ ދުވަހުއެވެ. އެ ސަފާރީގައި ތިބި ދެމީހަކު ބައްޔަށް ޕޮޒިޓިވް ވީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

އައިލެންޑް ސަފާރީގައި ޖުމްލަ 32 މީހަކު ތިއްބެވެ. އެ އެންމެންގެ ވެސް ޓެސްޓު ހަދައި ނަތީޖާ ލިބިފައިވާއިރު ހަތަރު މީހުން ފިޔަވައި އިތުރު މީހަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.

ޓެސްޓުގެ ނަތީޖާ ނުލިބެނީސް އެ ސަފާރީގައި ތިބި މީހުން ފުރުވާލުމުގެ ސަބަބުން ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. ސަރުކާރުން ބުނީ އެ ދެމީހުން ފުރުވާލީ ކަރަންޓީނު މުއްދަތު ހަމަވިފަހުން ކަމަށާއި، ދެމީހުންގެ ފަރާތުން ވެސް ބަލީގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާ ކަމަށެވެ.

އެކަމާ ގުޅިގެން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވިދާޅުވީ އެއީ ފިލާވަޅެއް ކަމަށާއި އުސޫލަށް ބަދަލު ގެންނަން ޖެހޭ ނަމަ އުސޫލަށް ބަދަލު ގެންނާނެ ކަމަށެވެ.

އެގޮތުން މިހާރު ސަރުކާރުން ވަނީ ކޮވިޑް19 އާ ގުޅިގެން ކަރަންޓީނު ކުރާ ހުރިހާ އެންމެން ވެސް، ކަރަންޓީނު މުއްދަތު ފުރިހަމަކޮށް ދޫކޮށްލުމުގެ ކުރިން ކޮވިޑް19 އަށް ޓެސްޓުކުރަން ނިންމައިފައެވެ.

comment ކޮމެންޓް