އެންމެ ބޮޑަށް ދަތިވަނީ ސިއްހީ އާލާތްތައް ހޯދަން: މިނިސްޓަރު އަމީން

ކޮވިޑް19ގެ ހާލަތާ ގުޅިގެން ސަރުކާރުން އދ.ގެ ރެސިޑެންޓް ކޯޑިނޭޓަރާ ބައްދަލުކުރެއްވުން-- ފޮޓޯ/ފޮރިން މިނިސްޓްރީ

ކޮރޯނާވައިރަހުގެ ބަލިމަޑުކަން، ކޮވިޑް-19އާއި ގުޅިގެން ސިއްހީ އާލާތްތަކަށް ބޭނުންވާ މިންވަރު އިތުރުވެފައިވުމުން އެތަކެތި ހޯދުމުގައި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީން އެގޮތަށް ވިދާޅުވީ، ކޮވިޑް-19އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި އދ.އާ ގުޅިގެން އިތުރަށް ކުރެވިދާނެ ކަންކަމާއި މިކަމުގެ ސަބަބުން ރާއްޖެއަށް އަތުވެދާނެ އިގްތިސާދީ ލޮޅުންތަކާ ބެހޭގޮތުން އދ.ގެ ރެސިޑެންޓް ކޯޑިނޭޓަރު ކެތަރީން ހެސްވެލްއާއެކު މިއަދު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.

މިނިސްޓަރު އަމީން ވިދާޅުވީ މިކަމުގައި ސަރުކާރަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވަނީ ސިއްހީ އާލާތްތައް ހޯދަން ކަމަށެވެ.

މީގެ ސަބަބެއް ކަމަށް މިނިސްޓަރު ވިދާޅުވީ މި ހާލަތަކީ މުޅި ދުނިޔެއަށް ވެސް ކުރިމަތިވެފައިވާ ހާލަތަކަށް ވުމާއެކު ސިއްހީ އާލާތްތައް ލިބެން ހުރި މިންވަރަށްވުރެ ޑިމާންޑު ވަނީ އިތުރުވެފަ އެވެ.

އޭގެ އިތުރުން މި ހާލަތުގައި ސަރުކާރަށް ދިމާވާ އިތުރު ދަތިތަކާއި އެ ދަތިތަކުން އަރައިގަތުމަށް އަޅަމުންދާ ފިޔަވަޅުތައް ވެސް މިނިސްޓަރު އަމީން އދ.ގެ ކޯޑިނޭޓަރާ ހިއްސާކުރެއްވި އެވެ.

އެ ބައްދަލުވުމުގައި އދ.ގެ ކޯޑިނޭޓަރު ކެތަރިން ދެއްކެވި ވާހަކައިގައި އދ.ގެ ރެސިޑެންޓް އޭޖެންސީތަކުން ބުރަ މަސައްކަތްތަކެއް ކުރަމުންދާ މި ދަނޑިވަޅުގައި ސަރުކާރަށް އެހީވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ދިވެހި ސަރުކާރަށް އެރުވި އެވެ.

ހަމައެއާއެކު ކޮވިޑް-19އާ ގުޅިގެން އަވަސް ފިޔަވަޅު އެޅުމުގައި ރާއްޖެއަކީ ލާމަސީލު ގައުމެއް ކަމަށް ފާހަގަކުރެއްވި އެވެ.

މި ދުވަސްވަރު ކޮންމެހެން ބޭނުންވާ ސާމާނު އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އދ.ގެ އޭޖެންސީތަކުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ވެސް ކެތަރިން ވަނީ އަރުވާފަ އެވެ.

އދ.ގެ އެޖެންސީތަކުން މި ދުވަސްވަރު ލިބެމުންދާ އެހީތެރިކަމަށް މިނިސްޓަރު އަމީން ޝުކުރު އަދާކުރެއްވި އެވެ. އަދި އދ.އާއި އެހެނިހެން ބައިނަލްއަގްވާމީ ފަރާތްތަކާއެކު މިހާރަށްވުރެ ވެސް ގުޅިގެން މަސައްކަތް ކުރަން ޝައުގުވެރިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު އަމީންއާއެކު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލްއާއި އެ މިނިސްޓްރީތަކާއި ރައީސް އޮފީހުގެ އޮފިޝަލުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

comment ކޮމެންޓް