އޭޑީބީން ރާއްޖެއަށް ހަ ލައްކަ ޑޮލަރުގެ އެހީއެއް ދެނީ

އޭޑީބީގެ ރައީސް ރާއްޖެ ވަޑައިގަތުން --- ސަން ފޮޓޯ: ފަޔާޒް މޫސާ

ކޮރޯނާވައިރަހުގެ ބަލިމަޑުކަން، ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެއިން ކުރާ މަސައްކަތަށް އެހީތެރިވުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ހަ ލައްކަ ޑޮލަރުގެ އެހީއެއް ދޭން ނިންމައިފި އެވެ.

އޭޑީބީން މި މަހުގެ 25 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، އެ ބޭންކްގެ އޭޝިއާ ޕެސިފިކް ޑިޒާސްޓާ ރެސްޕޯންސް ފަންޑުން ރާއްޖެއަށް 500،000 ޑޮލަރު ދޭން ނިންމާފައިވާ ކަމަށެވެ.

އޭގެ ކުރިން އޭޑީބީން ވަނީ އެމަޖެންސީ ސަޕޯޓުގެ ގޮތުގައި 100،000 ޑޮލަރުގެ އެހީއެއް ރާއްޖެއަށް ދީފަ އެވެ.

އޭޑީބީން ބުނީ ރާއްޖެއިން ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި ފަންނީ ކަންކަމަށް، އެހީތެރިކަމަށް ރާއްޖެއިން އެދިފަައި ވަނީ މާޗު މަހުގެ އަށް ވަނަ ދުވަހު ކަމަށެވެ.

އޭޑީބީން ދިވެހި ސަރުކާރާއި ރާއްޖޭގެ އެހެން ޑިވެލޮޕްމަންޓް ޕާޓްނަރުންނާ އެކުގައި މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ވީ އެންމެ އަވަހަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭޑީބީގެ ބަޔާނުގައިވެ އެވެ.

އޭޑީބީގެ އެހީގެ ސަބަބުން ދިވެހި ސަރުކާރަށް މިހާރު ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް އެހީވެދޭނެ ކަމަށާއި، ސިއްހީ އެމަޖެންސީތަކުގައި ބޭނުންކުރާނެ އާލާތްތަކާއި، ބަލި ދެނެގަތުމަށް ބޭނުންކުރާ އާލާތްތަކާއި ކްރިޓިކަލް ކެއާއަށް ބޭނުންވާ ސާމާނު ހޯދަން އެހީއަކަށް ވާނެ ކަމަށް ބަޔާނުގައިވެ އެވެ.

އޭގެ ތެރޭގައި އައިސީޔޫއަށް ބޭނުންވާ އެނދާއި، މެޑިކަލް ސްޓާފުންގެ ރައްކާތެރިކަމަށް ބޭނުންކުރާ އިކުއިޕްމަންޓުތައް ހިމެނެ އެވެ.

ކޮވިޑް19 އާ ގުޅިގެން މާޗު މަހުގެ 18 ވަނަ ދުވަހު އޭޑީބީން ވަނީ އެ ބޭންކުގެ މެމްބަރު ގައުމުތަކަށް އެހީވުމަށް 6.5 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް އިއުލާނުކޮށްފަ އެވެ. އޭޑީބީން ބުނީ، މެމްބަރު ގައުމުތަކަށް އެހީވުމަށް އަބަދުވެސް ތައްޔާރަށް އޮތް ކަމަށެވެ.

އޭޑީބީގެ އިތުރުން ވޯޯލްޑް ބޭންކުން ވަނީ ރާއްޖެއަށް 10 މިލިއަން ޑޮލަރުގެ އެހީއެއް ދީފައެވެ. އެހެން ނަމަވެސް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން މި ހާލަތުގައި ދޭ އިގްތިސޯދީ ޕެކޭޖު ނެގުމަށް ރާއްޖެއިން ވިސްނާފައި ނުވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް