ވަޒީފާ ގެއްލޭ މީހުންނަށް އިނާޔަތެއް ދޭން މަޖިލީހަށް ހުށަހަޅަނީ

ރައީސް ސޯލިހް އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރުންނާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ކޮރޯނާވައިރަސް، ކޮވިޑް-19އާ ގުޅިގެން ވަޒީފާ ގެއްލޭ ފަރާތްތަކަށް އިނާޔަތެއް ދޭން ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅަން ވެރިކަން ކުރާ އެމްޑީޕީއިން ނިންމައިފި އެވެ.

މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މި މައްސަލަ ހުށަހަޅުއްވަނީ އެމްޑީޕީގެ ޕީޖީ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެވެ.

ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން ވިޔަފާރިތައް ދަށަށް ގޮސް، ވަޒީފާ ގެއްލުން ކުޑަކުރުމުގެ ގޮތުން ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 2.5 ބިލިއަން ރުފިޔާގެ ހާއްސަ އިގްތިސާދީ ޕެކޭޖެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިއުލާނު ކުރައްވާފަ އެވެ.

މާދަމާ އަލީ އާޒިމް ހުށަހަޅުއްވާ މައްސަލައިގައި ވިދާޅުވެފައި ވަނީ، އެ އިގްތިސާދީ އެހީގެ ޕްރޮގްރާމްގެ ދަށުން ވަޒީފާ ގެއްލޭ ފަރާތްތަކާއި ދުވަހު މުސާރައަށް އުޅޭ ފަރާތްތަކަށް އުޖޫރައެއް ދޭން އެ ޕްރޮގްރާމުގައި ހިމެނުމަކީ މުހިންމު ކަމެއް ކަމަށެވެ.

ނަމަވެސް އުޖޫރަ ދޭން ޖެހޭނީ އިގްތިސާދަށް ފައިދާވާ މަސައްކަތެއް ކުރަން ޝަރުތުކޮށް، ކުރާ މަސައްކަތެއްގެ ސަބަބުން އިގްތިސާދުގެ އުފެއްދުންތެރިކަން އިތުރު ކުރެވޭނެ ގޮތްތަކަށް ރާވައިގެން ކަމަށް މައްސަލައިގެ ކަރުދާހުގައި ބަޔާންކޮށްފައިވެ އެވެ.

މި ހާލަތުގައި ތަރައްގީ ކުރެވޭނެ ދާއިރާތަކަކީ ކޮބައިތޯ ބަލައި ވީ އެންމެ އަވަހަށް އެ ދާއިރާތަކުން މަސައްކަތްތައް ފަށަން ޖެހިފައިވާ ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ. އަދި މިހާރު ކުރެވިދާނެ މަސައްކަތްތަކުގެ ގޮތުގައި ދެ ކަމެއް ވަނީ ފާހަގަކޮށްފަ އެވެ.

ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ބޮޑެތި ރަށްރަށް ފާހަގަކޮށް، ދަނޑުވެރިކަން ފުޅާކުރަން ފިޝަރީޒް މިނިސްޓްރީން ކަނޑައަޅާފައިވާ ޕްރޮގްރާމުތައް އެ ރަށްރަށުގައި ހިންގުމެވެ.

މީގެ އިތުރުން މަސްވެރިކަމުގެ ސިނާއަތަށް ދޭން ކަނޑައަޅާފައިވާ ޕެކޭޖުގައި މަސް ރައްކާ ކުރެވޭނެ ގޮތް ހަދައި ރާއްޖެއާއި ދުނިޔޭގެ ބާޒާރަށް ދިވެހި މަހުގެ އުފެއްދުންތައް ފުޅާކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޕެކޭޖެއް ހިމެނިދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ކޮރޯނާވައިރަހާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާނު ކުރެއްވި އިގްތިސާދީ ޕްރޮގުރާމުގެ ދަށުން އެކި ދާއިރާއަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމަވާފަ އެވެ.

އޭގެ ތެރޭގައި މަސްވެރިކަން، ފަތުރުވެރިކަން، ދަނޑުވެރިކަން ފަދަ ސިނާއަތްތަކުން ލުއި ގޮތްތައް ފަހިކޮށްދޭން ނިންމާފައިވެ އެވެ.

ހަމައެއާއެކު މި ހާލަތުގައި ގެއްލުން ލިބޭ ވިޔަފާރިތަކަށް އެހީވުމަށްޓަކައި ދޫކުރާ، 2.5 ބިލިއަން ރުފިޔާގެ އިގްތިސާދީ ޕެކޭޖަށް އެދުމަށް މި ހަފްތާ ހުޅުވާލަން ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް