ކަރަންޓީނުގައި ތިބޭ މީހުން އެހެން މީހުންނާ ބައްދަލުކުރާ މައްސަލަތަކެއް ބަލަނީ

މާޗް 28، 2020: ކޮވިޑް19 އާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާވައިރަހުގެ ބަލިމަޑުކަން، ކޮވިޑް-19 އާ ގުޅިގެން އެކި ފެސިލިޓީތަކުގައި ކަރަންޓީނުކޮށްފައި ތިބި ބައެއް މީހުން އެހެން މީހުންނާ ބައްދަލުކުރާ މައްސަލަތަކެއް ފެންމަތިވެ، އެ މައްސަލަތައް ބަލަން ފަށައިފި އެވެ.

ކަރަންޓީނުކޮށްފައި ތިބި ބައެއް މީހުން، ކޮޓަރިން ބޭރަށް ގޮސް އެހެން މީހުންނާ ބައްދަލުކޮށް ފޮޓޯ ނެގުން ފަދަ ކަންކަން އަންނަނީ ކުރަމުންނެވެ.

ކޮވިޑް-19 އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެފަދަ ދެތިން މައްސަލައެއް ސަރުކާރުގެ ސަމާލުކަމަށް އައިސްފައިވާ ކަަމަށެވެ.

މަބްރޫކް ވިދާޅުވީ ކަރަންޓީނުގައި ތިބޭ ފަރާތްތަކުގެ އަމަލުތައް ބަހައްޓަން ޖެހޭ ގޮތުގެ ވަރަށް ސާފު ގައިޑްލައިނެއް ދީފައިވާނެ ކަމަށާއި، ބޭރަށް ނުކުމެ އެހެން މީހުންނާ ބައްދަލުކޮށް ނޫޅެވޭނެ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ވަކި ވަގުތެއްގައި ކޮޓަރި ދޮރުމައްޗަށް ނުކުތުމާއި، ދޮރުމަތީގައި އޮންނަ ބީޗަށް ދިއުމުގެ ފުރުސަތު ދެވުނު ނަމަވެސް، އެހެން މީހެއްގެ ކައިރިއަށް ދިއުމުގެ ހުއްދަ ނޯންނާނެ ކަމަށެވެ.

"އެއްވެގެން އުޅެފަ ހުރި ކަމަށް އަޅުގަނޑުމެންނަށް އެނގޭ ކޭސްތަކުގައި ކަން ކުރާނެ ގޮތް ނިންމަމުން މި ދަނީ. އެހެނެއް ނޫޅެވޭނެ،" މަބްރޫކް ވިދާޅުވިއެވެ.

މިފަދަ މައްސަލަތަކެއް ފެންމަތިވެފައި ވާއިރު، އިނގެރޭސިވިލާތުން އެނބުރި އައުމުން ކަރަންޓީނުކޮށްފައި ތިބި ދެ ދިވެއްސަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައެވެ.

ބައްޔަށް ޕޮޒިޓިވް ވެފައި ވަނީ މި މަހުގެ 22 ވަނަ ދުވަހު އިނގިރޭސިވިލާތުން އެނބުރި ރާއްޖެ އައުމުން ހޮލިޑޭ އައިލެންޑް ރިސޯޓްގައި ކަރަންޓީނުކޮށްފައި ހުރި އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނަކާއި ރޯޔަލް އައިލެންޑް ރިސޯޓްގައި ކަރަންޓީނުކޮށްފައިވާ ދިވެއްސެކެވެ.

އެޗްޕީއޭއިން ބުނެފައި ވަނީ މިވަގުތު ކަރަންޓީނު ފެސިލިޓީތަކުގައި 826 މީހަކު އެބަތިބި ކަމަށެވެ.

comment ކޮމެންޓް