ކޮރޯނާވައިރަސް: ވޫހާންއަށް މީހުން ވަނުން ހުއްދަކޮށްފި

ޗައިނާއިން ވަނީ ވޫހާންއަށް މީހުން ވަނުން ހުއްދަ ކޮށްފަ -- ފޮޓޯ: އޭއެފްޕީ

ބެއިޖިން (މާޗް 29): ދުނިޔޭގައި މިހާރު ފެތުރެމުންދާ އާ ބާވަތުގެ ކޮރޯނާވައިރަސް ފުރަތަމަ ފެނުނު ޗައިނާގެ ވޫހާން ސިޓީއަށް މީހުން ވަނުން ހުއްދަ ދީފި އެވެ.

ޗައިނާގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވޫހާން ބަންދު ކުރި އިރު އެ ސިޓީ ނިސްބަތްވާ ހޫބެއި ޕްރޮވިންސުގެ ބޮޑު ބައެއްވެސް ބަންދު ކުރި އެވެ. ނަމަވެސް ޗައިނާއިން ވަނީ މިދިޔަ ހަފްތާގައި ވޫހާން ފިޔަވާ ހޫބެއިގެ ހުރިހާ ސަރަހައްދަކަށް ވަދެ ނުކުމެ އުޅުން ހުއްދަކޮށްފަ އެވެ.

ހޫބެއިގެ ހެލްތު ކޮމިޝަނުން ބުނި ގޮތުގައި ވޫހާންއިން ނުކުތުމަށް މީހުންނަށް ހުއްދަ ދޭނީ އަންނަ މަހުގެ އަށެކުން ފެށިގެންނެވެ. އަދި އެދުވަހުން ފެށިގެން ހޫބެއިގައި ޑޮމެސްޓިކް ފްލައިޓުތައްވެސް ފަށާނެ އެވެ.

އެގާރަ މިލިއަން މީހުން ދިރިއުޅޭ ވޫހާންގެ މަގުތަކާއި ސަބްވޭ މިހާރު ހުޅުވާލާފައިވާ ކަމަށާއި އިއްޔެއިން ފެށިގެން އެސިޓީއަށް ރޭލު ދަތުރު ކުރެވޭ ގޮތް ހަދާފައިވާ ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާއިން ބުންޏެވެ. ނަމަވެސް ވޫހާންއަށް ވަންނަ އެންމެންވެސް އެމީހުންގެ ސިއްހަތު ރަނގަޅުކަން މޮބައިލް އެޕެއް މެދުވެރިކޮށް ޔަގީންކޮށްދޭން ޖެހޭނެ އެވެ.

ޗައިނާއިން ބުނި ގޮތުގައި އިއްޔެ ހޫބެއި ޕްރޮވިންސުން ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ 54 މީހުންނެވެ. އަދި އެ އެންމެންނަކީވެސް ގައުމުން ބޭރުން ދިޔަ މީހުންނެވެ.

ޗައިނާއަށް ވައިރަސް ޖެހިފައިވާ މީހުން އެތެރެވުން ހުއްޓުވުމުގެ ގޮތުން އެގައުމުން ވަނީ ބޭރު މީހުން އެގައުމަށް ދިޔުން ވަގުތީ ގޮތުން މަނާކޮށްފަ އެވެ.

މިދިޔަ ޑިސެމްބަރު މަހު ޗައިނާއިން ފެނުނު ކޮރޯނާވައިރަހަށް އެގައުމުން 82،000އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ، އޭގެ ސަބަބުން 3،304 މީހަކު ވަނީ މަރުވެފަ އެވެ. އަދި އެގައުމުން މިހާތަނަށް 75،500އަށް ވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.

comment ކޮމެންޓް