އިންޑިއާގައި ހުރި އެސްޓީއޯގެ ބޭސް ޝިޕްމަންޓު ގެނައުމުގެ މަަސައްކަތް ފަށައިފި

ސެޕްޓެމްބަރ 4، 2019: ދަރުމަވަންތަ ކޮމްޕްލެކްސްގައި އެސްޓީއޯއިން އަލަށް ހުޅުވި ބޭސްފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާވައިރަހުގެ ބަލިމަޑުކަން، ކޮވިޑް-19 އާ ގުޅިގެން އިންޑިއާއިން އެޅި ފިޔަވަޅުތަކުގެ ސަބަބުން، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އޯޑަރުކޮށްފައިވާ ބޭސްތައް ނުގެނެވި ލަސްވުމާ ގުޅިގެން އެތަކެތި ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.

އިންޑިއާއިން ބޭސް ގެނައުމުގައި ދަތިތަކެއް ދިމާވެފައިވަނީ ކޮވިޑް-19އާ ގުޅިގެން މުޅި އިންޑިއާ ލޮކްޑައުން ކޮށްފައިވުމާ ގުޅިގެން، އެގައުމުގެ ދަތުރުފަތުރުގެ ނިޒާމަށް މަޑުޖެހުމެއް އައިސްފައިވާތީ އެވެ.

އިންޑިއާގެ ފަސް ސިޓީއަކުން ރާއްޖެ ގެނައުމަށް ތައްޔާރުކޮށްފައިވާ ބޭހުގެ ބާވަތްތައް ހުރީ ތައްޔާރަށެވެ. އެއީ އެސްޓީއޯ އިން އޯޑަރުކޮށްފައިވާ ބޭހެވެ.

ބޭސް ގެނައުމުގައި ދަތިތައް ކުރިމަތިވެފައި ވާތީ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ ސުބްރަމާނިއަމް ޖައިޝަންކަރާ ފޯނުން ގުޅުއްވައި މަޝްވަރާކުރައްވާފަ އެވެ.

އަދި ބޭހުގެ ބާވަތްތައް މެދުކެނޑުމެއް ނެތި ރާއްޖެއަށް ފޯރުކޮށްދިނުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މިމަހުގެ 14 ވަނަ ދުވަހު އިންޑިއާއިން ވަނީ ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބޭހުގެ ތިން މަސްދުވަހުގެ ސްޓޮކް ހިލޭ ދީފައެވެ.

ލޮކްޑައުން ހާލަތާ ގުޅިގެން ކާޑުގެ ބައެއް ބާވަތްތައް އިންޑިއާގެ ބަނދަރުތަކުން ބަރުކުރުމުގައި ދިމާވި ދަތިތައް ފިލުވައި، މިހާރު ބައެއް ޝިޕްމަންޓްތައް ވަނީ ރާއްޖެއަށް ގެނެވިފަ އެވެ.

އެގޮތުން އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ބަރުކޮށްގެން ގެނައި 500 މެޓްރިކް ޓަނުގެ ހަކުރު އަދި 993 މެޓްރިކް ޓަނުގެ ހަނޑޫ އިއްޔެ ރާއްޖެ ގެނެސް ވަނީ ގުދަން ކުރަން ފަށައިފަ އެވެ. އަދި އިތުރު 1500 މެޓްރިކް ޓަނުގެ ހަނޑުލާ 500 މެޓްރިކް ޓަނުގެ ހަކުރުގެ ޝިޕްމަންޓެއް ވަނީ ރާއްޖެ ގެނެސްފަ އެވެ.

comment ކޮމެންޓް