ފުލުހުންގެ ހިދުމަތާމެދު އާންމުންގެ އިތުބާރު އިތުރުވެއްޖެ: ސީޕީ ހަމީދު

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ފާއިތުވެދިޔަ އަހަރެއްހާ ދުވަހަކީ ފުލުހުންގެ ހިދުމަތާ މެދު ރައްޔިތުންގެ އިތުބާރު އިތުރުކުރަން ގިނަ މަސައްކަތްތަކެއް ކުރެވުނު އަހަރެއް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ހިދުމަތަށް 87 އަހަރު ފުރުމާ ގުޅިގެން ކޮމިޝަނަރު ދެއްވި ހިތާބުގައި ވިދާޅުވީ މިދިޔަ އަހަރަކީ ފުލުހުންގެ ހިދުމަތާމެދު ރައްޔިތުންގެ އިތުބާރާ ޔަގީންކަން އިތުރުކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އަހަރެއް ކަމަށެވެ. އަދި ރައްޔިތުންގެ އިތުބާރު ލިބިފައި ވުމަކީ، ފުލުހުންނަށް ވެސް ވަރަށް ބޭނުންތެރިކަމެއް ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.

އެގޮތުން ފާއިތުވެދިޔަ 12 މަސްދުވަހުގެ ތެރޭގައި ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ އަދަދު އޭގެ ކުރީ އަހަރާ އަޅާބަލާއިރު 9.73 ޕަސެންޓު އިތުރުވެފައިވާ ކަމަށް ހަމީދު ވިދާޅުވި އެވެ.

"ހުށަހެޅުނު މައްސަލަތައް އިތުރުވުމާއެކު ވެސް ޕްރޮސެކިއުޓް ކުރަން ފޮނުވުނު މައްސަލަތަކުގެ އަދަދު 22.8 ޕަސެންޓު އިތުރުކުރެވިފައިވޭ. މިއީ އިންސާފު ހޯދަން ކުރި މަސައްކަތުގައި ލިބުނު މުހިންމު ކުރިއެރުމެއްކަން ފާހަގަކުރަން." ސީޕީ ވިދާޅުވި އެވެ.

މީގެ އިތުރުން އެކިއެކި ކުށުގެ ބާވަތްތައް ހުއްޓުވަން މިދިޔަ އަހަރު ކުރި މަސައްކަތްތަކުގެ ހުލާސާއެއް ވެސް ކޮމިޝަނާ ވަނީ ދެއްވާފަ އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް މިދިޔަ އަހަރު ހިންގި 135 އޮޕަރޭޝަނުގައި 426 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ކޮމިޝަނާ ވިދާޅުވި އެވެ.

ހަމައެއާއެކު މިދިޔަ އަހަރަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ މައްސަލަތަކުގައި މުޅި ގައުމު ސިއްސުވާލި އަހަރެއް ކަން ކޮމިޝަނާ ފާހަގަކުރެއްވި އެވެ. އެފަދަ މައްސަލަތަކާއި ގެވެށި އަނިޔާ ހުއްޓުވަން ވަގުތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، މެދު ރާސްތާއާއި ދުރު ރާސްތާގައި ކުރަން ޖެހޭ ކަންކަން ދެނެގަނެ، އެކަންކަން ކުރަމުންދާ ކަމަށް ވެސް ކޮމިޝަނާ ވިދާޅުވި އެވެ.

ހަމައެއާއެކު ކޮވިޑް-19ގެ ހާލަތު ނިމި، އާންމު ހާލަތަކަށް ބަދަލުވުމުން ނެއިބަހުޑް ސަޕޯޓު އޮފިސަރުންގެ ހިދުމަތް އިތުރު ހަ އަތޮޅަކަށް ފުޅާކުރައްވާނެ ކަމަށް ވެސް ކޮމިޝަނާ ވިދާޅުވި އެވެ.

ފުލުހުންގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނަށް އަލިއަޅުވާލައްވައި ކޮމިޝަނާ ވިދާޅުވީ އެ ޕްލޭންގައި ހިމެނޭ 73 ޕްރޮޖެކްޓުގެ ތެރެއިން ހާއްސަ އަހަމިއްޔަތުކަމެއް ދީގެން މި ހިނގާ 2020ވަނަ އަހަރު 15 ޕްރޮޖެކްޓެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

comment ކޮމެންޓް