ކޮރޯނާވައިރަހާ ދެކޮޅަށް ކޮންމެ ފުލުހެއްގެ ހުރިހާ ހަކަތައެއް އެބަ ބޭނުންކުރަން: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ކޮރޯނާވައިރަހުގެ ބަލިމަޑުކަން، ކޮވިޑް-19 އިތުރަށް ފެތުރުނަ ނުދޭން ކުރާ މަސައްކަތުގައި ފުލުހުންގެ ހުރިހާ ވަސީލަތްތަކާއި ކޮންމެ ފުލުހެއްގެ ހުރިހާ ހަކަތައެއް ބޭނުންކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ 87 ވަނަ އަހަރީ ދުވަހާ ގުޅިގެން ދެއްވި ހިތޯބެއްގައި މިނިސްޓަރު އިމްރާން ވިދާޅުވީ ފުލުހުންނަކީ ރައްޔިތުންނަށް ކުރިމަތިވާ ބޮޑު ކޮންމެ ކަމެއްގައި އެންމެ އިސް ސަފުގައި، ރައްޔިތުންނާ އެންމެ ގާތުން މަސައްކަތް ކުރަމުންދާ ފަރާތް ކަމަށެވެ.

އެގޮތުން ކޮރޯނާވައިރަހުގެ ސަބަބުން މިވަގުތު މުޅި ދުނިޔެއަށް ކުރިމަަތިވެފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުން ދިވެހި ރައްޔިތުން އަރައިގަތުމަށް ކުރަމުން އަންނަ ބުރަ މަސައްކަތުގެ ކުރީ ސަފުގައި ވެސް ފުލުހުން މަސައްކަތް ކުރަމުންދާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ފުލުހުންގެ ހުރިހާ ވަސީލަތްތަކާ، ކޮންމެ ފުލުހެއްގެ ހުރިހާ ހަކަތައެއް މިކަމުން އަރައިގަތުމުގައި ދަނީ ބޭނުންކުރެވެމުން. ފުލުހުންގެ މި ބުރަ މަސައްކަތުގައި ފުލުހުންގެ ދައުރު ފުރިހަމައަށް ބަލައިގަނެ ފުލުހުންގެ ހިދުމަތުގެ އަގު ދިވެހި ސަރުކާރުން ވަޒަން ކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ ދާޚިލީ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށް، ރައްޔިތުންނަށް އަމާން ވެށްޓެއް ގާއިމުކޮށްދިނުމަށްޓަކައި ރެޔާ ދުވާލު ގޮންޖެހުންތަކާ ނުރައްކަލުގެ ކުރިމަތީގައި ދިވެހި ފުލުހުން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކޮށް މިނިސްޓަރު ވަނީ ފުލުހުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ ފުލުހުންގެ މަސައްކަތުގައި ވަރަށް ކާމިޔާބު އަހަރެއް ކަމަށާއި މުޅި ރާއްޖޭގެ ކުށުގެ ވެށްޓަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާ ދާޚިލީ ސަލާމަތަށް ކުރިމަތިވެފައިިވާ ގޮންޖެހުންްތަކާއެކު ފުލުހުންގެ ހިދުމަތަށް ގެންނަން ޖެހޭ މުހިންމު ބަދަލުތައް ގެނެވެމުން ދާކަމަށެވެ.

comment ކޮމެންޓް