މަ ލޯތްބެއް ދެން ނުވާނަމޭ... -33

ހިމީގެ މަ ލޯތްބެއް ދެން ނުވާނަމޭ...

"އައިރީން" ދާދި ގާތުން މީހަކު ގޮވާލި އަޑަށް އޭނާއަށް ބަލާލެވުނެވެ.

ކުރިމަތިން ފެނުނު މީހެއްގެ ސަބަބުން އޭނާގެ ދެލޯ ބޮޑުވިއެވެ. މަންޒަރުތައް ލޯ މަތީގައި ނިއުޅެން ނެގީ މަދު ސިކުންތު ކޮޅެކެވެ. މަޑުމަޑުން ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ވީޑިއީއިން އޭނާއަށް ފެނުނު ފިރިހެންމީހާ ހުރީ އޭނާގެ ކުރިމަތީގައެވެ. ދެފައިން ވާގި ދޫވާހެން ހީވެ ފާރުގައި އަތް ޖައްސާލެވުނެވެ. އެމީހާގެ މޫނުމަތިން ފެންނަނީ ނުލަފާ ހިނިތުންވުމެކެވެ. އައިރީން ނެ ނޭވާ އަވަސްވިއެވެ. ވަށައިގެން ދެފަރާތަށް ބަލާލެވުނެވެ. މީހާގެ ބޮލަށް އެނބުރުން އަރާ ގޮތްވިއެވެ. މޫނުމަށްޗަށް ކުޑަކޮށް އަނދިރިވެ އަރިއަޅާލިއެވެ. ކާއެއްޗެހި ހިފައިގެން ނުކުތް އިޔާންއަށް އެ މަންޒަރު ފެނުނެވެ. އޭނާ އަވަސްއަވަހަށް ގޮސް އެ ދެމީހުންގެ ދެމެދަށް ވަނެވެ.

ސަލީމުގެ ތުންފަތް މައްޗަށް ވެރިވީ ހިނިތުންވުމެކެވެ.

"އަނެއްކާ މިހާރު ހަޤީގަތް އެނގުނީތަ؟ ކުރިން ފަހަރަކުވެސް އައިރީން ކުރިމަތިން ދިޔައިރު އޭނައަށް މަށެއް ނޭނގުނު..." ތަންކޮޅެއް ކުރީގެ ދުވަހެއްގެ ހަނދާން އާ ކޮށްލަމުން ސަލީމު އޭނާގެ އަމިއްލަ ހިތާ ވާހަކަ ދެއްކިއެވެ.

"ކަލޭ އަނެއްކާވެސް..." އިޔާން ބެލީ ވީހާވެސް މަޑުން ވާހަކަ ދެއްކޭތޯއެވެ.

" ބަލަ އަހަރެން މި ވާހަކަ ދައްކަނީ އަހަރެންގެ ދަރިފުޅާއޭ... ދޯ ދަރިފުޅާ" ސަލީމު އައިރީންއަށް ބަލާލުމަށްފަހު ނުލަފާ ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އައިރީންއިޔާންގެ އަތަށް ބާރުކޮށްލިއެވެ. އޭރު އޭނާގެ ހިތް އާދަޔާ ޚިލާފު ބާރުމިނުގައި ތެޅެމުން ދިޔައެވެ. ހަޤީގަތް އެނގުމަށްފަހު ފުރަތަމަ ފަހަރަށް ސަލީމުގެ ކުރިމައްޗަށް އެރުމުން އޭނާގެ ސިކުނޑީގައި ފޮރުވިފައިވާ ބައެއް ހަނދާންތައް ނުކުންނަން އުޅޭ ފަދައެވެ. މަޑުމަޑުން ކުޑައިރުގެ އެ ރުއިމުގެ އަޑު ކަންފަތުގައި ގުގުމަން ފެށިއެވެ. އެއާއެކު ސިކުނޑިއަށް ބާރު ބޮޑުވެ އޭނާއަށް އުނދަގޫ ވާ ގޮތް ވިއެވެ. ދެންވެސް ބާރު ކޮށްލެވުނީ އިޔާންގެ އަތަށެވެ.

އައިރީންގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރު ގާތުން ބަލަން ހުރި ސަލީމުއަށް އައިރީންއަށް ހަޤީގަތް އެނގޭކަން ޔަޤީން ކުރެވުނެވެ.

"އިޔާން" މާ ބޮޑަށް އުނދަގޫ ވާން ފެށުމުން އައިރީން އިޔާން އަށް ގޮވާލިއެވެ.

"ހަބަރުދާރު... ދެން އައިރީންގެ ކުރިމައްޗަށް ނާރާތި" އިޔާން ޝަހާދަތް އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ. އެއާއެކު ސަލީމު އަނެއްކާވެސް ޖަހާލީ ހިނިގަނޑެކެވެ.

"ކަލޭ ކިތަންމެ ވަރެއް ކުރިޔަސް އެއީ މަގޭ ލޭ" އައިރީންއަށް އިޝާރާތް ކޮށްލުމަށްފަހު ސަލީމު ބުނެލިއެވެ.

"ކަލެއަށް ވެސް ރަނގަޅުވާނީ އެކަން ދަނެގެން އުޅުނިއްޔާ" އިޔާން އިންޒާރެއް ދިނެވެ. އެއަށްފަހު އައިރީންގެ އަތުގައި ހިފައިގެން އޭނާ ހިނގައިގަތެވެ. އައިރީންގެ ހިތުގެ ތެޅުން އޭރު ވެސް މަޑެއް ނުވިއެވެ. ސިކުނޑީގައި ރައްކާކުރެވިފައިވާ ހަނދާންތަކެއް ނުކުތުމަށް މަސައްކަތް ކުރަނީއެވެ.

"އިޔާން... އެއީ އަހަރެންގެ....." އައިރީން ވާހަކަ ދެއްކި އަޑަށް އިޔާން ފިޔަވަޅުތައް މަޑުޖައްސާލިއެވެ.

"ނޫން... އެއީ އައިރީންގެ ބައްޕައެއް ނޫން... " އިޔާން ބުނެލިއެވެ.

"އެކަމަކު އަހަރެން މީ އޭނާގެ..."

"ނޫން... އޭނައަށް އެވަރު ނުވިސްނެންޏާ ކޮބާ ބޭނުމަކީ؟ އެހެންނޫނަސް ރީން އަށް ހުރިހާ ކަމެއް އެނގެއެއްނު" އިޔާން ބުނެލިއެވެ.

ޒަލަފްއޮތް ރޫމާ ހިސާބަށް ގޮސް އައިރީން ހަމައަކަށް އެޅެންދެން އިޔާން މަޑުކޮށްލިއެވެ. އިރުކޮޅެއްގެ ވާހަކަ ކޮޅަކަށްފަހު އައިރީންވެސް ހަމައަކަށް އެޅުނެވެ. އެހެންނަމަވެސް އޭރުވެސް އޭނާގެ ސިކުނޑީގެ ތެރޭގައި ވަނީ ބޮޑު ހައިޖާނުގަނޑެއް އުފަންވެފައެވެ.

ރަޔާ ޒަލަފްގެ އަތުގައި ހިފާލައިގެން އިން އިރު އެ ތުންފަތުގައި ވަނީ ހިނިތުންވުމެކެވެ. އެ ހާލުގައި އޮވެ ވެސް ޒަލަފް އޭނާގެ ޖޯކު ތަކުން ރަޔާ ހެއްވާލުމުގައި ކާމިޔާބު ހޯދައެވެ.

"ކާއެއްޗެއް ގަންނަން ދިޔަ މީހުންނަށް އަދިކިރިޔާ ދޯ ތި އާދެވުނީ" ރަޔާ ޒަލަފްގެ އަތުން ދޫކޮށްލަމުން އޭނާ އިން ގޮނޑިން ތެދުވިއެވެ. އެމީހުން ކޮފީހަދައިގެން ހެދިކާއާއެކު ހަވީރުގެ ސައި ބުޔެވެ. މަޣްރިބް ނަމާދު ވަގުތު ޖެހުމުން އިޔާން ދިޔައީ ހޮސްޕިޓަލުގައި ހުންނަ މިސްކިތަށެވެ. އޭނާ ނަމާދުން ފައިބައިގެން އައިސް ވަތް އިރު ރަޔާ އާއި ޒަލަފް ނަމާދުކޮށް ނިމިއްޖެއެވެ. އޭރު އައިރީން އެތަނުގައި ހުރި ސޯފާގައި އިށީނދެ ލައިގެން އިނެވެ. އިޔާންއައިސް ސޯފާގައި އިށީނދެ އައިރީންގެ އަތުގައި ހިފައިލިއެވެ.

*****

ރޭގަނޑު އަށެއްޖެހިފަހުން ފުލުހުން ޒަލަފްއާ ސުވާލުކުރަން އައެވެ. އެއާއެކު އެންމެން ކޮޓަރިން ނުކުތެވެ. ގައިގަނޑަކަށް ބައިގަޑިއިރަށްފަހު ފުލުހުން ނުކުތެވެ. އޭރު އަޝްރާވެސް ހުއްޓެވެ. އިޔާންއާއި އައިރީންއާއި ދެމީހުން ވީ ގޭގައެވެ.

*****

"ދޮންބެ އަހަރެންގެ ހިތް އެބަ ވަރަށް ބިރުގަނޭ... ހިތަށް އަރަނީ އަނެއްކާ ޒަލަފްއަށް ދޮންބެގެ މޫނު ފެނިފަ ހުރެދާނެޔޭ... އެހެންވެއްޖެނަމަ އޭނަ ސަލާމަތް ވެއްޖެއްޔާ ފުލުހުން އަންނާނެ ދޮންބެ ފަހަތުން" ސިޓިންރޫމް ސޯފާގައި އިށީނދެގެން ސިނގިރެޓެއް އަނގައިގައި ޖަހާލައިގެން އިން ޒުވާނާއާއި ސުމާ ވާހަކަ ދެއްކިއެވެ. އޭނާގެ ހިތް ބިރުގަންނަނީއެވެ.

"އަހަރެންގެ މޫނެއް އޭނާއަކަށް ނުފެންނާނެ. މަށަށް ޔަޤީން" ޒުވާނާ ބުނެލިއެވެ. އޭނާގެ އަޑުގައި ވަނީ ޔަޤީންކަމެވެ. އެހެންނަމަވެސް ސުމާގެ ހިތުގައި އަދިވެސް ނުތަނަވަސްކަން ވިއެވެ. އެހާ ޔަޤީން ކަމާއެކު އެހެން ބުނަން ދޮންބެއަށް އެނގެނީ ކިހިނެތްހެއްޔެވެ؟

"ދެން ތިހާ ހާސްނުވެބަލަ" ޒުވާނާ ބުނެލިއެވެ.

*****

ކުޑަކޮށް ހުން އައިސްހުރި ޒާނާ އެނދުގައި އޮށޯވެލީ އަވަހަށް ނިދާލުމުގެ ބޭނުމުގައެވެ. ހަށިގަނޑަށް ލޮޑުކަމާއި ވަރުބަލިކަން އިޙްސާސްކުރެވެމުން ދިޔައީތީއާ ވެސް އެކުގައެވެ. އެހެންނަމަވެސް އޮށޯތުމާއެކު އަނެއްކާވެސް ކުރީގެ ހަނދާންތައް އޭނާގެ ސިކުނޑިއަށް ވެރިވެގެން ދިޔައެވެ.

*****

އެންމެންގެ ކުރިމަތީގައި ޒަލަފް އޭނާ ލަދުގަންނުވާލުމާއެކު ޒަލަފްގެ ކިބައިން ވަރަށް ހިތި ގޮތަކަށް ބަދަލު ހިފަން ޒާނާ ނިންމިއެވެ. އިޔާންއަކީވެސް ކޮލެޖުގައި މަޝްހޫރުކުއްޖެކެވެ. އިޔާންގެ އާދަޔާ ހިލާފް އަޅި ދެލޮލުގެ ޖާދޫގައި ނުޖެހޭ ކުއްޖަކު ޔުނިވާސިޓީގައި މަދުވާނެއެވެ. ޒަލަފްއާއި އިޔާންއާއި ދެމީހުންނާމެދު އޮންނަނީ އާދަޔާހިލާފް ބާރުގަދަ ގުޅުމެކެވެ. އަބަދުވެސް ފެންނާނީ ދެމީހުން އެކުގައި އުޅޭތަނެވެ. އެހެންކަމުން އިޔާންއަށް ދެރައެއް ދޭން ޒާނާ ނިންމިއެވެ. ރައްޓެހި ކުއްޖަކު ލައްވާ އިޔާންއަށް ފުރަތަމަ ލޯބި ހުށައެޅީ ޒާނާއެވެ. އޭރު އިޔާންއަށް ޒަލަފްއާއި ޒާނާއާއި ދެމެދު އޮތް ގުޅުމެއް ނޭނގެއެވެ. ނަސީބަކުން އިޔާންއަށްވެސް ޒާނާ ކަމުގޮސްފިއެވެ. މަޑުމަޑުން ވާހަކަދެކެވެން ފެށުނެވެ.

"ދޮންބޭ... އެ ޒާނާ އަކީ އެހާ ރަނގަޅު ކުއްޖެއް ހެނެއް ހިޔެއް ނުވޭ.... " ޒަލަފް ވާހަކަ ދެއްކީ އިޔާންއާއެވެ. އެ އަޑު އިވުނު ޒާނާ ފާރާ ނިވާވެލިއެވެ

"މި ޔުނިވާސިޓީ ގައިވެސް ނޭނގެ އޭނަ ރައްޓެހި ނުވާ ކުއްޖަކު އުޅޭނެހެން" ޒަލަފް ބުނެލި އަޑު އިވުނެވެ.

"އޭނަގެ އުޅުން ބަދަލުވެއްޖެ ކަންނޭނގެ... ދޮންބެއަކަށް ތި ކަހަލަ އެއްވެސް ކަމެއް ނުފެނޭ... ވެދާނެ ވިސްނުނީ ކަމަށްވެސް" އިޔާން ބުނެލި އަޑު އިވުނެވެ. ޒާނާ ހިނގައިގަތެވެ. އޭނާ ގޮސް ހުސްޓޫނީ ޒަލަފްއާއި އިޔާންއާއި ދެމީހުންގެ ދެމެދުގައެވެ.

"އިޔާން... ޒަލަފް އިޔާން އަހަންނާއެކު އުޅެން ގަބޫލު ނުވަންޏާ އަހަރެން ބޭނުމެއްނޫން އިޔާން އާ ވާހަކަ ދައްކާކަށް... އަހަރެން... އަހަރެން ގަބޫލުކުރަން އަހަންނަށްވެސް ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން... އެކަމަކު ގަބޫލުކުރޭ... އަހަރެން ދެން އެހެން ނޫޅޭނަން... އަހަރެން ބަދަލުވީ އިޔާންއަށްޓަކައި" ޒާނާ ދެރަވެލާފައި އިސްޖަހާލިއެވެ. އެއާއެކު އިޔާން ބަލާލީ ޒަލަފްއަށެވެ.

"ކޮބާ...." އިޔާން ބުނެލިއެވެ. ޒަލަފް ބޯ ޖަހާލުމަށްފަހު ދުރަށް ޖެހިލިއެވެ. އެދެމީހުންގެ ގުޅުމާ މެދު ޒަލަފް ހިންހަމައެއް ނުޖެހެއެވެ. އެހެންނަމަވެސް އޭނާއަށް ވެސް އިޔާންގެ ދެލޮލުން ޒާނާއަށްޓަކައި ވާ ލޯބި ފެނުނެވެ. އެހެންކަމުން އިތުރަށް އެއްވެސް އެއްޗެއް ބުނަން ނުކެރުނީއެވެ. ޒާނާ ބަދަލުވެދާނެ ކަމަށް އޭނާއަށް ގަބޫލެއް ނުކުރެވުނެވެ. އެކަމާ އެންމެ އުފާވީ ޒާނާއެވެ. ޒާނާއާއި އިޔާންގެ ގުޅުމަށް ތިންމަސްވެއްޖެއެވެ. މަޑުމަޑުން ޒާނާގެ ބަދަލްވެފައިވާ މިޒާޖު ފެނި ޒަލަފްއަށް ވެސް ޒާނާގެ އުޅުމަށް ރުހެވެން ފެށިއެވެ. މަޑުމަޑުން ޒާނާއާއި ޒަލަފް ވާހަކަ ދައްކަން ފެށިއެވެ. އެކަމާ އިޔާންވެސް ހުންނަނީ ނުހަނު އުފަލުންނެވެ.

"ޒެލް... އަހަންނާ މިހާރު ވާހަކަ ދައްކަނީ ޒެލްއަށް އަހަރެން ކަމުދާންފެށީމަ ދޯ... އަހަރެން އަދިވެސް ބޭނުމީ ޒެލް... އިޔާންއެއްނޫން" ޒަލަފްގެ ކުރިމައްޗަށް ޒާނާ އޭނާގެ އަސްލު ކުލަވަރު ގެނައެވެ. އޭރު އިޔާން ހުރީ ޒާނާއާއި ނުލާ ނޫޅެވޭ ވަރު ވެފައެވެ. އޭނާ އެހާވެސް ޒާނާ ދެކެ ލޯބިވެއެވެ. ވާނީވެސް އެހެންތާ އެވެ! ޒާނާއަކީ އިޔާންގެ ހަޔާތުގައިވެސް އޭނާ ފުރަތަމަ ރައްޓެހިވި ކުއްޖާއެވެ.

"ޒާނާ... ކިހިނެތްވީ އަނެއްކާ... ތި ކަހަލަ ސަމާސާ އަހަންނަށް ކަމުނުދާކަން ޒާނާއަށް އެނގެއެއްނު" ދެމީހުން ތިބީ ޔުނިވާރސިޓީ ކެންޕަސް ތެރޭގައެވެ. އޭރު ކެންޕަސްތެރޭގައި ފުދޭވަރަކަށް ކުދިންވެސް މަދެވެ. ޒާނާ ޒަލަފްގެ އަތުގައި ހިފަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ޒަލަފް ދުރަށް ޖެހިިއެވެ. އެދުވަހަށްފަހު ޒާނާގެ ތަފާތު ފޮޓޯތައް ޒަލަފްއަށް ފޮނުވަން ފެށިއެވެ. ޖެއްސުން ކުރުމުގެ ގޮތުންނެވެ. ޒަލަފް ކިތަންމެ ފަހަރަކު އިޔާންއާއި ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ޒާނާ އެކަން ކާމިޔާބު ވިއަކަ ނުދިނެވެ. އިޔާން އޭނާގެ މަޅީގައި ޖެހި ރަނގަޅަށް ހައްޔަރުވެއްޖެކަން އެނގުމާއެކު ޒާނާ އިޔާން ދޫކޮށްލީއެވެ.

*****

އެދުވަހަށްފަހު ވެސް ޒާނާގެ ހިތުން ޒަލަފްގެ ނަން ފުހެނުލެވުނެވެ. ކެނޑި ނޭޅި ޒާނާގެ އުނދަގޫތައް އެކި ދުވަސްމަތިން މަތިން ޒަލަފްއަށް ފޯރައެވެ.

*****

ލޮލުގެ ހިމަކޮޅުން ވެއްޓުނު ކަރުނަތައް ޒާނާ ފުހެލިއެވެ. ސިނގިރެޓަށް ދެވި ހިފީވެސް އޭގެ ފަހުންނެވެ. ޒަލަފް ނުލިބުމާއެކު އޭނާގެ ބޯ ވެސް ސަކަރާތްވިއެވެ. ދުޢާ އާއި ނަމާދުން ހިންހަމަ ޖެހުން ހޯދުމުގެ ބަދަލްގައި ސިނގިރޭޓާ ދިމާލަށް ދެވުނީއެވެ. އޭނާ އަދިވެސް ޒަލަފް ބޭނުމެވެ. ޒަލަފްގެ ކައިވެނީގެ ހަބަރުލިބުނީވެސް މިއަދުއެވެ. ޒަލަފްގެ ކިބައިން ބަދަލު ހިފަން ކިތަންމެ ބޭނުންވިޔަސް ޒަލަފްގެ ފުރާނަޔަށް ގެއްލުން ވާ ވަރު ކަމެއް ކުރާކަށް އޭނާއަކަށް ނުކެރޭނެއެވެ. ރާއްޖެ އައުމަށްފަހު އޭނާ އިޔާންއަށް އުނދަގޫ ކުރީވެސް ޒަލަފްއަށް ޖެއްސުން ކުރުމުގެ ބޭނުމުގައެވެ. ޒަލަފް އަދިވެސް އިޔާންގާތު އޭނާގެ ވާހަކަތައް ނުދައްކާކަން ޔަޤީންވީތީޔާވެސްއެކުގައެވެ.

*****

ޒާނާ ހޮސްޕިޓަލަށް ދިޔައީ ހުން އައިސްގެން ތިން ދުވަސްވީ ފަހުންނެވެ. ޑޮކްޓަރަށް ދައްކާފައި ލެބޯޓްރީއަށް ޓެސްޓު ހަދަންވެގެން ހިނގައިގަތް ތަނާ އެ ދިމާލަށް ދިޔަ އިޔާންއާއި އައިރީން ލޮލުގައި އަޅައިގަތެވެ. އަދިވެސް އިޔާން ލޯބިވަނީ އޭނަދެކެއެވެ. އިޔާންގެ ދެލޮލުން އެ ކުލަވަރު އޭނާއަށް ފެނެއެވެ. އެއީ އޭނާއަށް ކުރެވުނު ކުށްހީއަކަށް ވެދާނެޔޭ ފަހަރެއްގައިވެސް ޒާނާއަށް ވިސްނިފައި ނެތެވެ. އޭނާބޭނުންވަނީ އެ ގުޅުން ހީނަރުކޮށްލާށެވެ. ދެމީހުންގެ ދެމެދަށް ވަރުގަދަ ވިހައެއް ލާށެވެ. އިޔާންއާއެކު އައިރީން ފެނުމުން ކުޑަކޮށް ހައިރާންވެސް ވިއެވެ. އިޔާންއަނެއްކާ ހުރިހާ ހަޤީގަތެއް ކިޔައިދިނީހެއްޔެވެ؟ ގުޅީމައި ފޯނު ނުނަގަނީ އެހެންވީމަ ހެއްޔެވެ؟ އެއެއްވެސް ޔަޤީންކުރަން ޒާނާ ބޭނުންވިއެވެ.

"ހޭ ޔާން" ދާދި ގާތަށް ހުއްޓި ޒާނާ ވާހަކަދެއްކިއެވެ. އިޔާންގެ މޫނުމަތިން ފެނުނީ ފޫހިކަމެވެ. އެކަމަކު އައިރީންގެ މޫނުމަތިން ފެނުނު އަސަރުތައް ބަޔާންކުރަން އޭނާ ނުކުޅެދުނެވެ.

"ކަލޭ" އިޔާންއަށް ބާރަށް ބުނެވުނެވެ.

"އާނނ... އަހަރެން އިޔާންދެކެ ލޯބި ވާވަރު ނޭނގެނީތަ؟ މި އަންހެނާ ފަހަތު ލައިގެން ތިއުޅެނީ އަނެއްކާ އޭނާގެ ފަރާތުން ކޮން ސިފައެއް ފެނުނީމަތަ؟ " ޒާނާ ވާހަކަ ދެއްކިއެވެ.

"ކޮންމެ ސިފައެއް ފެނުނަސް ޒާނާ އަށް ކޮން ކަމެއްތަ؟ މިއީ އަހަރެން އެންމެ ލޯބިވާ އަހަރެންގެ އަނބިމީހާ... އަދި ބުނަން... އަހަރެން ދެން ދުވަހަކުވެސް ކަލޭ ދެކެ ލޯތްބެއް ނުވާނަން..." އިޔާން ބުނެލިއެވެ. ޒާނާ ތުންފަތުގައި ދަތް އަޅާލިއެވެ. އެހާ ކޮންފިޑެންސާއެކު އިޔާންއަށް އެހެން ބުނަން ކެރޭނީ އައިރީންއަށް ހަޤީގަތް އެނގޭތީ ކަމުގައި އޭނާގެ ސިކުނޑި ވިސްނައި ދިނެވެ.

*****

ރޭގަނޑެކެވެ. މާލޭގެ މަގުމަތިން ދުއްވާ އެއްޗެހި މަދެއްނުވެއެވެ. ސުމާއިނީ ސިޓިންރޫމުގައެވެ. ޒަލަފްއާހެދި އޭނާގެ ލޯބިވެރިޔާ އޭނާ ދޫކޮށްލުމުން އަދިވެސް އެކަމުގެ ހިތިރަހަ އަރުތެރެއިން ނުފިލައެވެ. ޒަލަފް އެރޭ އޭނާ އެދުނު ވަރަށް ލާރި ދިންނަމަ މިއަދު ދެމީހުން ތިބޭނީ އެކުގައެވެ. ސަމީހު އަކީއޭނާގެ ހަޤީޤީ ލޯބިވެރިޔާއެވެ. ޒަލަފްއަކީ ހަމައެކަނި އެމީހުންގެ ބޭނުންތައް ހާސިލް ކުރަން ގެންގުޅުނު މީހެކެވެ. އޭނާއަށް ސަމީހު ގެއްލުނީ ޒަލަފް ލާރި ނުދިނީމައެވެ. ސަމީހުއަކީވެސް މަސައްކަތެއްކުރާ މީހެއް ނޫނެވެ. މަސްތުވާތަކެތި ވިއްކައިގެން އެއިން ލިބޭ ލާރިން ކައިބޮއި އުޅޭމީހެކެވެ. ސުމާއަށްވެސް މަސްތުވާތަކެތީގެ ތެރެއަށް ވަދެވުނީ ސަމީހުއާއެކު އުޅެންފެށިފަހުންނެވެ. ސޯފާގެ ކުރިމަތީގައި ހުރި މޭޒުމަތީގައި އޭރުވެސް ރަބަރު ތިން ޕެކެޓާއި ސިރިންޖެއް އޮތެވެ. ސުމާގެ ދެލޯ ވަނީ މެރިފައެވެ. ކިރިޔާ ވާހަކަދައްކާލެވޭ ކަމެވެ.

"މިރޭވެސް.... ޕިސް ޕިސް... ތަންކޮޅެއް މަދުން ބޭނުންކުރާށޭ ބުނީމަވެސް އަޑެއް ނީވެޔޭ... އޯވަރ ޑޯސް ވީމަ ތާހިރެއް ނުވާނެ" އެތެރެއަށް ވަތް ޒުވާނާ ވާހަކަ ދެއްކިއެވެ. އޭނާ ގޮސް ސުމާ ގާތަށް ހުއްޓުނެވެ. ދެފަހަރަކު ސުމާއަށް ގޮވާލުމާއެކު ވަރުބަލި ގޮތަކަށް ސުމާ ދެލޯ ހުޅުވާލިއެވެ. ކުއްލިއަކަށް ގޭގެ ދޮރުފަތް ބަންލާފައި ހުޅުވުނު އަޑަށް އެ ދިމާލަށް އެ ޒުވާނާއަށް ބަލާލެވުނެވެ. އެއާއެކު ތެޅިގަނެވުނީ އެތެރެއަށް ވަތް ފުލުހުން ފެނިފައެވެ. ފިލަން ދުއްވައިގަނެވޭނޭ އެއްވެސް އިތުރު ގޮތެއް ނެތުމާއެކު މާ ބޮޑަށް ގަދަ ދެއްކުމުގެ ބޭނުމެއް ވެސް އެ ޒުވާނާއަކަށް ނުފެނުނެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ދެމީހުން ގެންދެވުނެވެ.

*****

"މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ހިންގި މާރާމާރީއާއި ގުޅިގެން 30 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި... މީޑިއާ އާ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި އަންހެން މީހާ ހުރީ ހައްޔަރުކުރިއިރުވެސް މަސްތުގެ ހާލަތުގައި ކަމަށާއި މި ދެމީހުން ދިރިއުޅުނު ގެ ބަލާ ފާސްކުރިއިރު އެ ގެއިން އެއްކިލޯ ގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ" ޓީވީއިން އަންނަމުން ދިޔަ ހަބަރަށް ނަޒަރު ހުއްޓާލައިގެން އިން އާމިރު ފަލަކްއަށް ބަލާލިއެވެ. އޭރު އިޔާންވެސް ބޭރުން އައިސް ގެއަށް ވަންނަނީއެވެ. އޭނާވެސް މަޑުކޮށްލީ އެ ހަބަރަށް ސަމާލުކަން ދިނުމުގެ ގޮތުންނެވެ.

"ފުލުހުން އިތުރަށް ވިދާޅުވީ މި މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ އަހްމަދު ލިޔަމް ކިޔާ މީހެއްކަމަށެވެ. އަދި މީނާއަކީ މީގެކުރިންވެސް މަސްތުވާތަކެތި ބޭނުންކުރުމާއި ވިއްކުމުގެ ރެކޯޑް އޮތް މީހެއްކަމަށެވެ" ހަބަރު ނިމުމުން އިޔާންވެސް ސިޑިއާ ދިމާލަށް ހިނގައިގަތެވެ. އޭރު ޒަލަފްއާއި ރަޔާ ތިރިއަށް ފައިބަނީއެވެ.

"ބްރޯ... ކީކުރަން؟" އިޔާން ސުވާލުކޮށްލިއެވެ.

" ބަނޑުހައިވެގެން ކޮފީއެއް އެއް ބޯންކަމަށް... އެ ދޮގެއް... މަށަށް ދެން ބޮވޭނީ ފްރެޝް އޮރެންޖެއްނު..." ޒަލަފް ހީގަތެވެ. ރަޔާއަށް ހެވުނެވެ.

އިޔާން ބުމަ އަރުވާލުމަށްފަހު ސިޑިން އަރައިގެން ގޮސް ވަނީ ކޮޓަރިއަށެވެ. އޭރު އައިރީން ކޮޓަރިތެރެ ފޮޅާ މޮޕް ލަނީއެވެ.

"ހޭ" އައިރީންގެ އުނަގަނޑުގައި އަތް އަޅުވާލަމުން އިޔާން ގޮވާލިއެވެ.

"އާދެވިއްޖެ؟" ސަމާސާ ކަން އެކުލެވޭ ރާގެއްގައި އައިރީން ބުނެލިއެވެ. އެއާއެކު އިޔާން ހިނިތުންވެލިއެވެ. ލޯބިވާ އަނބިމީހާ އާ ސަމާސާ ކޮށްލުމުގެ ގޮތުން އައިރީންގެ ކޯތާފަތަށް ބޮސްދީފައި އޭނާއާ ވީ ދިމާލަށް އައިރީން އަނބުރާލަމުން އިޔާން ހިނިތުންވެލިއެވެ. ދެންމެ ހަބަރުގައި ހައްޔަރުކުރި ލިޔަމްގެ ވާހަކަ އިޔާން އައިރީންއާއި ހިއްސާކުރިއެވެ.

"އެހެންތަ؟ ވެދާނެ ޒާނާ ކުރުވިކަމެއް ކަމަށް.... ދެން ހައްޔަރުކުރި އަންހެންމީހާގެ މައުލޫމާތު ހާމަ ކުރިތަ؟" އައިރީން އަހާލިއެވެ.

"ނޫން...... އަދި ހާމައެއް ނުކުރޭ... އޭނަގެ މައްޗަށް ތުހުމަތު ކުރެވެޔޭ ބުނީ... ކާކު ކަމެއް ހާމަ އެއް ނުކުރޭ... ތަހުގީގު ކުރަމުންދާތީ ކަންނޭގެ" އިޔާން ބުނެލިއެވެ. އައިރީން އިތުރު އެއްޗެކޭ ނުބުނެ މަޑުކޮށްލިއެވެ.

"ކިހިނެތްވީ؟" އިޔާން އައިރީންގެ ކޯތާފަތުގައި އޭނާގެ އަތުގެ ނުފުށުން ފިރުމާލިއެވެ.

"މި ހިތަށް އެރީ... އެ މައުލޫމާތު ފުލުހުންނަށް ދޭން ވީއޭ... އޭރުން ޒާނާ ވެސް ހައްޔަރު ކުރާނެ އެއްނު... ދެން އިތުރަށް ގުޅުވޭނެ ގޮތެއް ނެތެއްނު... ޒާނާ އާއި ލިޔަމް ވީމަ ހުރިހާކަމެއް އެބަ ދިމާވެ އެއްނު" އައިރީން ވިސްނާލަމުން ބުނެލިއެވެ.

"ތިކަން ފުލުހުންނާ ހިއްސާ ކުރާނަން... ޒާނާ ރައްޓެހިވި ޒެލް އާ... ޒެލް ކިޔައިދިން ގޮތުން ޒާނާ އަހަންނާ ރައްޓެހި ވީ ބަދަލް ހިފަން ވެގެން... އޭގެ ފަހުން ލިއަމް އާ ގުޅުމެއް އޮތް ކަމެއް ނޭނގެ... ދެން ނޭނގެ ދޯ.... އަހަރެންގެ ހިތް ބުނޭ އަދިވެސް ނޭނގޭ ހަޤީގަތެއް ވާނެޔޭ" އިޔާން ވިސްނާލިއެވެ.

"އެނީވޭ... ރީން ގާތު ވާހަކައެއް ދައްކައިލަން ވެސް ބޭނުންވެފަ އެބަ އޮތޭ" އިޔާން ބުނެލިއެވެ. އޭނާ އެނދުމަތީގައި އިށީނދެ އައިރީންގެނެސް އޭނާގެ ގާތުގައި ބޭންދިއެވެ.

"ބައްޕައަށް ހުރިހާ ވާހަކައެއް ކިޔައިދޭން ޖެހޭނެއެއްނު... މާދަމާ ހެނދުނު ގެ ވަގުތެއްގެ ނޫނީ ރޭގަނޑުގެ ވަގުތެއްގަ ތިން މީހުން އެކަނި ތިބެގެން އެ ވާހަކަ ދައްކައިލަމާ" އިޔާން އޭނާގެ ހިޔާލު ފާޅުކުރިއެވެ.

އޭރުން؟" އައިރީން ޖެހިލުން ވިއެވެ.

"އަހަރެން ބުނާނަން އަހަންނަށް އެ ލިޔުންތައް ފެނުނު ގޮތް... އަނެއްކޮޅުން މިހާރު ސަލީމުވެސް ރީންއާ ދިމާކުރަން ފަށައިފިއެއްނު" އިޔާން އޭނާގެ ޚިޔާލުފާޅުކުރިއެވެ.

އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލުމަށްފަހު ފުންނޭވާއެއް ދޫކޮށްލީ ނަފްސަށް ވެރިވެގެން ދިޔަ އުދާސްކަން ދުއްވާލުމުގެ ބޭނުމުގައެވެ. އައިރީން އިސްޖަހާލިތަން ފެނުނެވެ. އިޔާން މަޑު ފިޔަވަޅުތަކެއްގައި އައިސް ޓައިލްސްތަކު މަތީގައި ކަކޫ ޖައްސާލައިގެން އިށީނދެލިއެވެ. އައިރީންގެ ދެ އަތުގައި ހިފައްޓާލާ އެއަތަށް ބޮސް ދިނުމަށްފަހު ހިނިތުންވެލިއެވެ.

"ކޮންކަމަކާ ބިރު ގަންނަނީ... އަހަރެން އަބަދުވެސް ރީން އާއެކު ހުންނާނަމޭ" އިޔާންގެ އެ ބަސްތަކުން އައިރީންގެ ހިތުގައި ގަނޑުފެން އަޅާލަދިންފަދައެވެ. ހިތުގައި ލެވިފައި ވި ޒަޚަމްތަކަށް ޝިފާ ލިބުނުފަދައެވެ. އެ އަޑުގައިވި ތެދުވެރިކަން ހުދު އޭނާގެ ހިތަށް ފިނިކަން ގެނެސްދީފިއެވެ.

*****

ތަހުގީގަށް އިތުރު ކުރިއެރުން ލިބުމާއެކު އެ މައުލޫމާތު ފުލުހުން އިޔާންމެނާ ހިއްސާކުރިއެވެ. ޒާނާގެ ވާހަކަ ހިއްސާކުރަން ހިތުލައިގެން ތިބި އިޔާންއާއި ޒަލަފް އިތުރު ސުވާލުތަކެއްގެ ތެރެއަށް ވެއްޓައިލީ ފުލުހުންގެ މީހާ ދެން އިއްވާލި ބަސްތަކެވެ.

"ސުމާ އަކީ އެއްވެސް ބޭފުޅަކާ ގުޅުމެއް އޮތް ބޭފުޅެއްތޯ؟" ތަހުގީގު ޓީމުގެ އިސް ފުލުހަކު ޒަލަފްއާ ސުވާލުކުރިއެވެ. އެމީހުން ތިބީ ފުލުހުންގެ އިދާރާގައެވެ.

"ކިހިނެތްތޯ ވީ؟" ޒަލަފް އަށް އަހާލެވުނެވެ.

"ލިއަމް އާ އެކު ހައްޔަރު ކުރެވުނު އަންހެން މީހާއަށް ކިޔަނީ ސުމާ... މި ދެމީހުންނަކީ އެއްބަނޑު އެއްބަފާ ދެމީހުން.... ކުރިންވެސް ބުނި ފަދައިން ލިއަމްގެ ކުށުގެ ރެކޯޑް އޮވޭ... އެކަމަކު ސުމާގެ އެއްވެސް ރިކޯޑް އެއް ނެތް" ފުލުހުންގެ ތަހުގީގު ޓީމުގައި އިސްކޮށް ހިމެނޭ އިސްހާގު ވާހަކަ ދެއްކިއެވެ.

"ސުމާ... ސުމާ އަކީ އަޅުގަނޑު ކުރިން ރައްޓެހިވި ކުއްޖެއް" ޒަލަފް އިޔާންއަށް ބަލާލާފައި ޖަވާބު ދިނެވެ. ފުލުހުން ބޭނުންވާ މައުލޫމާތު ދިނުމަށްފަހު ދެމީހުން އެ އިދާރާއިން ނުކުތެވެ.

"ގަބޫލެއްވެސް ނުކުރެވޭ.... ސުމާގެ ބޭބެއަކީ ލިޔަމް... ލިޔަމް އަކީ ޒާނާގެ ކުރީގެ ލޯބިވެރިޔާ" ޒަލަފް ވާހަކަ ދެއްކިއެވެ އޭނާ އިޔާންއަށް ބަލާލިއެވެ. އިޔާންގެ ހިޔާލެއް ބޭނުންވީއެވެ.

"އެހެންވީމަ މި ތިން މީހުން ގުޅިގެން ހިންގާ ޖަރީމާއެއް ނޫންބާ މީ..." އިޔާންއަށް ވެސް ބުނެވުނެވެ.

"ޒާނާ އާ ލިއަމް އާ މިހާރުވެސް ގުޅުން އޮންނަނީ ބާ؟" ޒަލަފް ބޮލުގެ އިސްތަށިގަނޑު ތެރެއަށް އަތް މަހާލިއެވެ. ޕާރކުކޮށްފައިވާ ކާރާ ދިމާލަށް ހިނގައިގަތް އިރުވެސް އޭނާގެ ބޮލުގައިޖ ރިއްސަމުން ދިޔައެވެ.

"އަޅާނުލާ... ތަހުގީގަށް ފަހު އަންގާނެއެއްނު" އިޔާން ބޭނުންވީ ޒަލަފްގެ ހިތަށް ކުޑަ ނަމަވެސް ތަސައްލީއެއް ދޭށެވެ. ކާރަށް އަރައިގެން ދެމީހުންވެސް ނައްޓައިލީ ގެއާ ދިމާލަށް ދިޔުމަށެވެ.

*****

ބެލްކަނީގައި މަޑުކޮށްލައިގެން ހުރި އައިރީންގެ ނަޒަރު ހުރީ ދުރަށް ހުއްޓިފައެވެ. ހީވާގޮތުން އޭނާ ހުރީ ބޮޑު ވިސްނުމަކަށް ގެއްލިފައެވެ. ސިހުނީ ދާދި ގާތުން އިޔާން ވާހަކަ ދެއްކި އަޑަށެވެ.

"ބައްޕަ ބުނުއްވި ސްޓަޑީގަ އިން ވާހަކަ ...ހިނގާ ދަމާ" އިޔާން އައިރީންގެ އަތުގައި ހިފައްޓާލިއިރު އެ އަތް ގަނޑު ފެން ކޮޅެއްހާ ފިންޏެވެ.

"ހޭ... ޑޯންޓް ވޮރީ... ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ" އިޔާން އައިރީންގެ އަތުގައި ހިފައްޓާލަމުން ބުނެލިއެވެ. އިޔާންގެ ތުންފަތް މަތީގައިވި ހިނިތުންވުން އައިރީންއަށް ހިތްވަރަކަށް ވިއެވެ. ސްޓަޑީގެ ދޮރުގައި ޓަކި ޖަހާލަމުން އިޔާން އެތެރެއަށް ވަދެލިއެވެ. އޭނާގެ ފަހަތުން ކަހަލަ ގޮތަކަށް އައިރީންވެސް ވަނެވެ. ދެމީހުންވެސް އިށީނީ ވަށްމޭޒު ދޮށުގައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައެވެ.

"ކޮން ވާހަކައެއް އަނެއްކާ ދަރިފުޅުމެން ދެކުދިން ދައްކަން ބޭނުންވެގެން ތި އުޅެނީ" އިޔާންއަށް ބަލާލަމުން އާމިރު ސުވާލުކޮށްލިއެވެ. އެއާއެކު އިޔާން އައިރީންއަށް ބަލާލިއެވެ. އެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތައް ބަލާލުމުގެ ބޭނުމުގައެވެ. އެ މޫނުމަތިން އޭނާ ހިންހަމަ ޖެހޭ ފަދަ ކުލަވަރު ތަކެއް ފެނުމާއެކު ހިތްވަރު ކޮށްފައި އިޔާން ވާހަކަ ފެށިއެވެ. އޭނާއަށް އެ ފައިލްތައް ބައްޕަގެ ސޭފުން ފެނުނީ ކިހިނެތްކަމާއި އައިރީންއަށް އެހަޤީގަތް އެނގުނީ ކިހިނެތްކަން އަކުރުން އަކުރަށް ކިޔައިދިނެވެ. އެހެންނަމަވެސް ޒާނާގެ އެއްވެސް ވާހަކައެއް އިޔާން ނުދައްކައެވެ. ދައްކާކަށް ބޭނުމެއް ވެސް ނޫނެވެ. އެއީ ބޭކާރު ވާހަކަތަކެއްކަމުގައި އެމީހުން ދެމީހުން ދެކޭތީއާ ވެސް އެކުގަ އެވެ.

"ސޯ... އައިރީންއަށް މިހާރު ހުރިހާ ކަމެއް އެނގޭ ދޯ" އާމިރު އައިރީންއާ ސުވާލުކޮށްލިއެވެ.

"ލައްޕަ" އައިރީން ބޯ ޖަހާލިއެވެ.

"އެއްދުވަހު ސަލީމު ރީން އާ ދިމާވެސް ކޮށްލައިފިއޭ ދޯ" އިޔާން ބުނެލިއެވެ. އައިރީން ބޯ ޖަހާލާފައި އެ ދުވަހު ކަންތައް ވީ ގޮތް ކިޔައިދިނެވެ. ސަލީމުއަށް ކޮންމެ މަހަކު ދޭންޖެހޭ ލާރިތައް ދެން ދޭން ނުޖެހޭނެކަން އެނގުމުން އާމިރުއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.

"ސަލީމު ބައްޕަ އަތުން ވެސް ލާރި ނެގީތަ؟ އޭނަ އަޅުގަނޑު އަތުން ވެސް ނެގިއޭ" އާމިރު އެ ވާހަކަތައް ކިޔައިދިނުމާއެކު އިޔާންއަށް ބުނެވުނެވެ.

"ކޮންއިރަކު އެންމެ ފަހުން ނެގީ؟" އާމިރު އަހާލިއެވެ. އިޔާން ވިސްނާލާފައި ތާރީހު ބުނެލިއެވެ.

"އޭނަ އެއަށްވުރެ ފަހުންވެސް ބައްޕަ އަތުން ނެގި... އެހެންވީމަ އެންމެ ފަހުން ބައްދަލު ކުރަން އެ ދިޔަ ދުވަހު އޭނަ އެ ދިޔައީ ޔަޤީން ކުރަންދޯ...." އާމިރު ބުނެލިއެވެ.

"ބައްޕަ އުފާވެއްޖެ ދެކުދިން ބައްޕައަށް ވާހަކަ ތައް ކިޔައިދިނީމަ... ތަން ކޮޅެއް ކުރިން ކިޔައިދިންނަމަ އެ ލާރި ވެސް ދޭކަށް ނުޖެހޭނެ.... ބައްޕަ ވަރަށް ދެރަވޭ... މިކަން އައިރީންއަށް އެނގުނީމަ، ޖަލީލު ދުނިޔޭގައި ވެސް ބޭނުންވި ކަމެއް ނޫންމީ... ރީންއަށް ހަޤީގަތް އެނގެން.... ބައްޕައަކަށް ނޭނގެ ރީންއަށް ހަޤީގަތް އެނގުމަކީ ރަނގަޅުކަމެއް ކަމެއް ނޫނީ ނޫން ކަމެއް ކަމެއްވެސް، އެކަމަކު ބުނެލަން ބޭނުންވަނީ، ރީން ބަލާ ބޮޑުކޮށް ތިވަރު ކުރީ ޖަލީލުއޭ... އެހެންވީމަ ރީންގެ މައިންބަފައިންނަކީ ވެސް ހަމަ ޖަލީލު އާ އޭނަގެ އަންހެނުން..." އާމިރު ބުނެލިއެވެ.

"ރީން ރީންއަށް ހަދައިދިނީ އެ ދެމީހުން ކަން އަބަދުވެސް ހަނދާން ބަހައްޓާތި... ދެކުދިންނަށް ހަޤީގަތް އެނގުނީމަ ދެން ބައްޕަ އަތުގަ ޑޮކިއުމެންޓްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް... އިޔާން ގެންދޭ ހުރިހާ ޑޮކިއުމެންޓެއް... އަދި އެއްވާހަކަ ރީންވާނެ ސައިކޭޓްރިސްޓެއް ކައިރިއަށް ދާން... އެއީ ބައްޕަގެ އެދުމެއް" އާމިރު ސޭފުން ފައިލްތައް ގެނެސް އިޔާންއާ ހަވާލުކުރުމަށްފަހު އައިރީންއަށް ބަލާލާ ހިނިތުންވެލިއެވެ. އައިރީންވެސް ރައްދުގައި ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. އޭނާ ޝުކުރު އަދާކުރިއެވެ.

"މި ފަދަ އާއިލާއެއް އަޅުގަނޑަށް ލިބުމަކީ ހަމަ ނަސީބު" އައިރީންގެ ދެލޯ ފެންކަޅިވިއެވެ. އެހެންނަމަވެސް މިފަހަރު އުފަލުންނެވެ. ދެމީހުން ސްޓަޑީއިން ނުކުމެގެން ދިޔައީ ކޮޓަރިއަށެވެ.

"ރީން... ރީންއަށް" އިޔާން އޭނާގެ އަތުގައި ހުރި ޑޮކިއުމެންޓްތައް އައިރީންއަށް ދިއްކޮށްލިއެވެ.

"ނޫން... އިޔާން ބޭނުންތަނަކު ބަހައްޓާ" އައިރީން ހިނިތުންވެލާ ޖަވާބުދިނެވެ. އޭނާ އިޔާންގެ ގައިގައި ކުޑަކޮށް ބައްދާލިއެވެ. ދުވަހަކު ހިންހަމަޖެހުން ނުލިބޭ ވަރަށް މިއަދު ހަމަޖެހުން އޭނާގެ ނަފްސަށް ލިބިއްޖެކަމުގައި ބުންޏެވެ.

*****

ފަތިހު އައިރީން ހޭލިއިރު ވާރޭ ވެހެއެވެ. އޭނާ ނަމާދަށް ދާން އިޔާންއަށް ގޮވާލާފައި ގޮސް ބެލްކަންޏަށް ނުކުމެލިއެވެ. ވާރޭ ވެހެނީ މާ ބޯކޮށް ނޫނަސް ތެމޭހާވެއެވެ.

ވާރޭގެ އެ ހިތްގައިމު މިއުޒިކީ އަޑު އަހަން ހުރިއިރު އޭނާގެ ވިސްނުން އެ ވީޑިއޯ އާ ގުޅިގެން ދިޔައެވެ. ޖަހާލި ވިދުވަރާއެކު ކުއްލިއަކަށް އޭނާގެ ކަންފަތް ބުޑުގައި ކުޑަ ކުއްޖަކު ހަޅޭއްލަވައި ގަތްފަދަ އިޙްސާސްއެއްކުރެވި ސިހުނު އައިރީން ގޮސް ކޮޓަރިއަށް ވަނެވެ. އޭރު އިޔާން ފާހާނާއިން ނުކުންނަނީއެވެ. އެ އޮތް ފިނީގައިވެސް އައިރީންގެ ނިތުން ދާ ތިކިތައް ފައިބަން ފެށިއެވެ. ހިތް ތެޅެމުން ދިޔަލެއް ބާރުކަމުން ހީވަނީ މޭ ފަޅާފައި ބޭރަށް ފުންމާލަފާނެހެންނެވެ. އެ ދިޔަ ބާރުމިނުގައި ގޮސް އިޔާންގެ ގަމީހުގައި ފަހަތުން ހިފައްޓާ ބޮޑިކޮށްލިއެވެ. އޭރު އޭނާގެ ދެއަތް ވެސް ތުރު ތުރު އަޅައެވެ. (ނުނިމޭ)

comment ކޮމެންޓް