ކޮރޯނާ ޖެހިގެން ލަންކާގައި ފުރަތަމަ މަރު

ލަންކާ އެއާޕޯޓު --

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ނުރައްކަލަށް ހުށަހެޅި، ސްރީލަންކާގައި ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެއެވެ.

ލަންކާގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާގޮތުގައި މަރުވެފައިވަނީ އުމުރުން 60 އަހަރުގެ މީހެކެވެ. އޭނާ އަކީ ކިޑްނީގެ ބައްޔަށް ބޭސްކޮށްފައިވާ، ހައިރިސްކު މީހެއް ކަމަށް އެގައުމުގެ ނޫސްތަކުގައި ބުނެފައިވެއެވެ.

ސްރީލަންކާ އިން މިހާތަނަށް ބަލިޖެހިފައިވާ 110 މީހަކު ފެނިފައިވާއިރު ނުވަ މީހަކު ވަނީ ރަނގަޅުވެފައެވެ. ސީރިއަސް ހާލުގައި ފަސް މީހަކު އެބަތިއްބެވެ.

ކޮރޯނާ އާއި ގުޅިގެން ލަންކާގެ ވެރި ރަށް ކޮލަމްބޯގައި ވަނީ މުއްދަތެއް ނެތްގޮތަށް ކާފިއު ހިންގައިފައެވެ.

ލަންކާގައި ވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ސްކޫލުތަކާއި ޔުނިވާސިޓީތައް ބަންދުކޮށް، މި ހަފްތާގައި އެންމެން ގޭގައި ތިބެގެން މަސައްކަތް ކުރަން އެންގުން ހިމެނެ އެވެ. އަދި އެގައުމަށް ވައިގެ މަގުންނާއި ކަނޑު މަގުން މީހުން އެތެރެވުން މުއްދަތެއް ނެތް ގޮތަށް މަނާކުރުން ހިމެނެ އެވެ.

މުޅި ދުނިޔެއިން ބައްޔަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 600،000 އަށް ވުރެ އިތުރުވެފައިވާއިރު 28،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް