ޕޮޒިޓިވްވި ފަތުރުވެރިޔާ ފުރި މައްސަލައިގައި ކުރެއްދޫ ރިސޯޓުގެ ޑޮކްޓަރުގެ ޕާސްޕޯޓު ހިފަހައްޓައިފި

ޕާސްޕޯޓު ހިފަހެއްޓި ޑޮކްޓަރު--

ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުން ފުރައިގެން ދިޔަ ފަހުން ކޮރޯނާއަށް ޕޮޒިޓިވް ވި އިޓަލީގެ ފަތުރުވެރިޔާ ފުރި މައްސަލައިގައި ފުލުހުން ހިންގާ ތަހުގީގާ ގުޅިގެން އެ ރިސޯޓުގައި މަސައްކަތްކުރާ ޑޮކްޓަރުގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް އިމިގްރޭޝަންގެ މައްޗަށް ކްރިމަނިލް ކޯޓުން ނެރުނު އަމުރުގެ ކޮޕީ އެއް "ސަން" އަށް ވަނީ ލިބިފައެވެ. އެ އަމުރަކީ ސައްހަ އަމުރެއްކަން ކްރިމިނަލް ކޯޓުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

މިދިޔަ ހޯމަ ދުވަހު ގާޒީ އިބްރާޙިމް އަލީމް ސޮއިކޮށް ނެރެފައިވާ އެ އަމުރުގައި ބުނެފައިވަނީ، ކުރެއްދޫ ރިސޯޓުގެ ޑޮކްޓަރު އިސިން ސެކެން ކޮކަބަސްގެ ޕާސްޕޯޓު ހިފަހެއްޓުމަށް އަމުރު ނެރުނީ، ފަތުރުވެރިޔާ ފުރައިގެން ދިޔަ މައްސަލައިގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭތީވެ، ތަހުގީގު ނުނިމެނީސް އޭނާ ފުރައިގެން ގޮސްފާނެ ކަމަށް ބެލެވޭތީ ކަމަށެވެ.

"މީނާއަކީ ބިދޭސީއެއް ކަމުގައިވުމާއި އަދި މި މައްސަލައިގައި ތަހުގީގު ކުރަން ފެށުމުން މީނާ ރާއްޖެއިން ބޭރަށް ފުރައިގެން ދިޔުމަށް މަސައްކަތްކޮށްފާނެތީ،" އޭނާ ރާއްޖެއިން ފިލައިގެން ގޮސްދާނެ ސަބަބުގެ ގޮތުގައި ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެއެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ، ފަތުރުވެރިޔާގެ ކިބައިން ކޮރޯނާވައިރަސްގެ އަލާމާތްތަކެއް ހުރިކަން އެނގިހުރެ، އެކަން އަންގަން ޖެހޭ ފަރާތްތަކަށް ނޭންގުމާއި އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ ފަރުވާކުޑަކޮށް، އިހުމާލުވި މައްސަލަ ކަމަށް ކޯޓު އަމުރުގައި ބުނުފައިވެއެވެ.

އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް އަމުރުނެރެފައިވަނީ، މިދިޔަ ހޯމަ ދުވަހުން ފެށިގެން އަންނަ މަހު 22 ވަަނަ ދުވަހުގެ ނިޔަލަށެވެ.

ރާއްޖެއިން އެންމެ ފުރަމަ ކޮރޯނާވައިރަސްއަށް މީހަކު ޕޮޒިޓިވްވީ މިމަހު ހަތް ވަނަ ދުވަހު ކުރެއްދޫ ރިސޯޓުންނެވެ. އެ ރިސޯޓުން ފަސް މީހުން ޕޮޒިޓިވި އިރު، އޭގެ ތެރޭގައި އެ ޑޮކްޓަރުވެސް ހިމެނެއެވެ. ނަމަވެސް މިހާރު ޑޮކްޓަރުން ވަނީ ބަލިން ރަނގަޅުވެ ދޫކޮށްލާފައެވެ.

ޑޮކްޓަރުގެ ޕާސްޕޯޓު ހިފަހެއްޓި މައްސަލައިގައި ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެފަދަ މައުލޫމާތުތައް ކުރީބައިގައި ހާމަނުކުރައްވާ ކަމަށެވެ. ނަމަވެސް އެކަން އޭނާ ދޮގެއްވެސް ނުކުރެ އެވެ.

މި މައްސަލައާ ގުޅިގެން މިމަހު 19 ވަނަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ރިޔާޒް ވިދާޅުވީ ފަތުރުވެރިޔާގެ ގައިން ބަލީގެ އަލާމާތްތައް ފެންނަމުން ދިޔަކަން ކުރެއްދޫ ރިސޯޓަށް ޝައްކު ކުރެވިފައިވީ ނަމަވެސް، އެ ފަރާތުން ކަމާ ބެހޭ ފަރާތްތަކަށް އެކަން އަންގާފައި ނުވާ ކަމަށެވެ.

ރިޔާޒް ވިދާޅުވީ އެ ފަތުރުވެރިޔާގެ ފަރާތުން ފެންނަމުން ދިޔަ އަލާމާތްތަކާއި، އަދި އެކަމާ ގުޅިގެން ޑޮކްޓަރާއި ރިސޯޓުގެ މެނޭޖްމަންޓައި ސްޓާފުންގެ ކަންބޮޑުވުން ހުރި މިންވަރުން ފަތުރުވެރިޔާއަށް ދިމާވެގެން އުޅެނީ ވައިރަހުގެ ގެ އަލާމާތްތަކެއް ކަން ގަބޫލުކުރެވޭ ކަމަށެވެ. އަދި އެކަން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓު ކުރަން ޖެހޭ ސަބަބުތައް ހުރިކަމަށް އެހާތަނަށް ލިބިފައިވާ މައުލޫމާތުން ތަހުގީގަށް ފާހަގަވާ ކަމަށެވެ.

ރިޔާޒު ވިދާޅުވީ ޑޮކްޓަރު އެޗްޕީއޭގެ ހޮޓްލައިންއަށް އެދުވަސްވަރު ގުޅި ކަމަށާއި ނަމަވެސް ފަތުރުވެރިޔާ ގައިން ބަލީގެ އަލާމާތްތައް ފެންނަކަން ރިޕޯޓުނުކޮށް އޭނާ ދެއްކީ އެހެން ވާހަކަތަކެއް ކަމަށެވެ. އެގޮތުން ތިން މިނެޓު 24 ސިކުންތަށް ދެމިގެން ދިޔަ އެ ކޯލުގައި މަޝްވަރާކޮށްފައި ވަނީ، އެބަލި ރިޕޯޓުކުރުމުގެ ކްރައިޓީރިއާއަށް އެއްވެސް ބަދަލެއް އައިސްފައިވޭތޯ އާއި، ސަސްޕެކްޓު ކުރާ ކްރައިޓީރިއާއަށް ފެތޭ ގައުމުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ގައުމުތަކަށް އިތުރު ބަދަލެއް އައިސްފައިވޭތޯ ކަމަށް ފުލުހުންގެ ތަހުގީގުން ވަނީ ހާމަވެފައެވެ.

ނަމަވެސް އެކަން ސީދާ ކަނޑައެޅިގެން މިކަން ބަޔަކު ނުވަތަ މީހަކު ސިއްރު ކުރީ ކަމެއް އަދި ނުނިންމޭނެ ކަމަށްވެސް ރިޔާޒު ވަނީ ވިދާޅުވެފައެވެ.

ފުލުހުން މި މައްސަލައިގައި ޖިނާއީ ތަހުގީގެއް ފެށީ، ޕްރޮސެކިއުޓަ ޖެނެރަލް ހުސެން ޝަމީމް ކުރެއްވި އަމުރާ ގުޅިގެންނެވެ.

comment ކޮމެންޓް