ރިސޯޓުން ވައްކަންކުރި މައްސަލާގައި އިތުރު ބަޔަކު ހައްޔަރު ކޮށްފި

އެކި ދުވަސްމަތިން ހއ. އަލިދޫ ރިސޯޓުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގާފައިވާ މައްސަލާގައި އިތުރު ބަޔަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލަ އާއި ގުޅިގެން އިއްޔެ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނަކާއި 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު އިހަވަންދޫ މެޖިސްޓްރޭޓު ކޯޓަށް ހާޒިރު ކުރުމުން އެ މީހުންގެ ބަންދަށް 10 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ އާއި ގުޅިގެން މީގެ ކުރިން ހަތަރު ދިވެއްސަކު ވަނީ ހައްޔަރު ކޮށްފައެވެ. މިމަހުގެ 24 ވަނަ ދުވަހު ހުށަހެޅުނު މައްސަލައާއި ގުޅިގެން ބުރާސްފަތި ދުވަހު ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަަހަރާ 35 އަހަރާ ދެމެދުގެ ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.

އަދި ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހއ އުތީމުގެ ދެ ގެއެއް ބަލާސް ފާސްކޮށް ގިނަ އަދަދެއްގެ ތަކެތި ހޯދާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ބުރާސްފަތި ދުވަހު ހއ ފިއްލަދޫ ކޯޓަށް ގެންދިޔުމުން އެމީހުންގެ ބަންދަށް 10 ދުވަސް ދީފައިވާ ކަމަށާއި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

https://sun.mv/133844

comment ކޮމެންޓް