ރަންވީރުގެ "83" އަންނަ ޖޫން މަހަށް؟

ފިލްމު "83"ގެ ޕޯސްޓަރެއް---

ކައިވެންޏަށް ފަހު ބޮލީވުޑްގެ ކާމިޔާބު ދެ ތަރިން ކަމަށްވާ ރަންވީރު ސިންހް އަދި ދީޕިކާ ޕަދުކޯން އެކުގައި ސްކްރީނުން ފެނިގެންދާ ފިލްމު "83" އަންނަ ޖޫން މަހު އަޅުވަން ތާވަލްކޮށްފިކަމަށް ބައެއް ޚަބަރުތައް ބުނެފިއެވެ.

ޖޫން މަހުގެ 25 ވަނަ ދުވަހު ފިލްމު ރިލީޒްކުރާނެ ކަމަށް ބައެއް ޚަބަރުތައް ބުނިނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން އެކަން ކަށަވަރުކޮށްދީފައެއްނުވެއެވެ. ޖޫން 25 އަކީ މި ފިލްމު ރިލީޒްކުރަން އެންމެ އެކަށީގެންވާ ތާރީޚު ކަމަށްވެސް ހަބަރުތައް ބުނެއެވެ. ސަބަބަކީ އެ ތާރީޚަކީ 1983 ގެ ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކުރި ދުވަސްކަމަށްވާތީއެވެ.

މި ފިލްމަކީ އިންޑިއާގެ ކުރީގެ ކްރިކެޓް ތަރި ކަޕިލް ދޭވް ގައުމީ ކްރިކެޓް ޓީމްގެ ކެޕްޓަންގެ ދަށުން 1983 ގައި ބޭއްވި ކްރިކެޓް ވޯލްޑް ކަޕް އިންޑިއާ ކާމިޔާބުކުރި ގޮތް ދައްކުވައިދޭ ފިލްމެކެވެ.

ފިލްމުގެ ފިރިހެން ލީޑަކީ ރަންވީރު ސިންހްއެވެ. އަދި އަންހެން ލީޑަކީ ރަންވީރުގެ އަންހެނުން ދީޕިކާ ޕަދުކޯންއެވެ. ފިލްމުގައި ދީޕިކާ ކުޅޭނީ ކަޕިލް ދޭވްގެ އަންހެނުން ރޯމީ ބާޓިއާގެ ރޯލެވެ.

އެ ފިލްމުގައި ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ ދައިރިއާ ކަރްވާ، ޑިންކަރް ޝަރުމާ، ސާގިބް ސަލީމް އަދި ތާހިރު ރާޖް ބާސިންއެވެ.

comment ކޮމެންޓް