ޔޫއޭއީން ކޮރޯނާވައިރަހަށް ޕޮޒިޓިވްވީ ދިވެއްސެއް ކަމަށް ނުބެލެވޭ: މަބުރޫކް

މާޗް 25، 2020: ކޮވިޑް19 އާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)އިން، ދިވެއްސަކު ޕޮޒިޓިވްވި ކަމަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުން ނުބެލެވޭ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

މި މަހުގެ 24 ވަނަ ދުވަހު ޔޫއޭއީގެ ހެލްތް އެންޑް ޕްރިވެންޝަން މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ ދުވަހު އެ ގައުމުން އަލަށް ފެނުނު 50 ކޮރޯނާވައިރަސް ކޭހުގެ ތެރެއިން ދިވެއްސަކު ހިމެނޭ ކަމަށެވެ.

އެއަށް ފަހު ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ އެ މީހާގެ މައުލޫމާތު ހޯދަން މިދިޔަ ހަފްތާގެ ތެރޭގައިވެސް މަސައްކަތް ކޮށްފަ އެވެ.

ކޮރޯނާވައިރަސް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19އާ ގުޅޭ ކަންކަމުގައި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބުރޫކް އަޒީޒް ވިދާޅުވީ، ޕޮޒިޓިވްވި ދިވެހި މީހާ ކަމަށް ބުނާ މީހާގެ ނަން ދޭން އެދެމުން ޔޫއޭއީން ރާއްޖެއަށް ދީފައިވާ ނަމަކީ އީސްޓާން ޔޫރަޕް ގައުމެއްގެ މީހެއްގެ ނަން ކަމަށެވެ. އަދި ބޮޑަށް ބެލެވެނީ، އެއީ މޯލްޑޯވާއަށް ނިސްބަތްވާ މީހެއް ކަމަށް މަބުރޫކް ވިދާޅުވި އެވެ.

"މިހާތަނަށް އަޅުގަނޑުމެންނަށް އޮފިޝަލީ ލިބުނު މައުލޫމާތުގައި އެ ބޭފުޅުން ދަންނަވާ ނަމަކީ އީސްޓާން ޔޫރަޕިއަން ނަމެއް. އެހެންވީމާ އަޅުގަނޑުމެންގެ ހީއަކީ ދިވެއްސެއް ނޫނޭ. އެހެން ގައުމެއްގެ މީހަކަށޭ އެ މީހާ ވާނީ. މޯލްޑޯވާ ކަހަލަ ރާއްޖެއާ ނަން ވައްތަރު ގައުމެއް،" މަބްރޫކު ވިދާޅުވި އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވްވީ 16 މީހުންނެވެ. އޭގެ ތެރެއިން ދެ މީހުން ވަނީ ޕޮޒިޓިވްވުމުގެ ކުރިން ފުރައިގެން ގޮސްފަ އެވެ. އޭގެ އިތުރުން އިނގިރޭސިވިލާތުން ރާއްޖެ އައި ދިވެއްސަކުވެސް ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ. ރާއްޖެއިން ވައިރަހަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 11 މީހުން މިހާރު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

comment ކޮމެންޓް