ކޮރޯނާވައިރަސް ޖެހުނު އިތުރު ދެ މީހަކު ރަނގަޅުވެއްޖެ

މާޗް 25، 2020: މުޅި ދުނިޔޭގައި ބާރަށް ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާވައިރަސް، ކޮވިޑް-19 ޖެހިގެން ފަރުވާދެމުން ދިޔަ، އަނެއްކާ ވެސް އިތުރު ދެ ބަލި މީހަކު ރަނގަޅުވެފައިވާކަން ސަރުކާރުން މިއަދު ހާމަކޮށްފި އެވެ.

އެ ދެ މީހުންނާއެކު މިހާތަނަށް ރާއްޖޭގައި ބަލިންް ރަނގަޅުވި މީހުންގެ އަދަދަކީ، 11 އެވެ. ޕޮޒިޓިވްވި މީހުންގެ އަދަދަކީ 16 އެވެ. އަދިވެސް ވައިރަސް ޖެހުނު ތިން މީހަކަށް ދަނީ ފަރުވާދެމުންނެވެ.

އިމަޖެންސީ ރެސްޕޮންސް ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައިރަހުން ދެ މީހަކު ރަނގަޅުވި ކަން އިއުލާން ކުރެއްވީ، ޑރ. މުއާޒު މޫސާ އެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް ޑރ. ހާމައެއް ނުކުރައްވަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަ ދައްކަވަމުން ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ، ފަރުވާ ދެމުން އަންނަ ބާކީ ތިން މީހުންގެ ހާލުވެސް ރަނގަޅުކަމަށެވެ. އޭގެ ތެރޭގައި އިނގިރޭސީ ވިލާތުން އައި ދިވެހި މީހާވެސް ހިމެނެ އެވެ. ފަރުވާ ދެމުން ދެން ދަނީ ހަތަރު ބިދޭސީންނެވެ.

މިހާތަނަށް ރާއްޖެއިން 880 ސާމްޕަލް ޓެސްޓު ކުރި އިރު، 860 މީހަކު ވަނީ ވައިރަހަށް ނެގަޓިވްވެފަ އެވެ. ނަތީޖާ ނުލިބޭ ސާމްޕަލްއެއް ނެތް ކަމަށް މަބްރޫކު ވިދާޅުވި އެވެ.

މޮނީޓަރިންގެ ހާލަތުގައި އޮތީ، ތިން ރިސޯޓަކާއި އެއް ސަފާރީ އެވެ. އެއީ، ރެޒިޑެންސް މޯލްޑިވްސް ދިގުރަށް ރިސޯޓާއި ތާޖް އެގްޒޯޓިކާ ރިސޯޓު އާއި ފިލިތެޔޮ އައިލެންޑް ރިސޯޓު އަދި އާކް ނޯވަލް ސަފާރީ އެވެ.

މިހާތަނަށް 199 ގައުމަކުން 590,000 އަށް ވުރެ ގިނަ މީހުން ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 130,000 އަށްވުރެ ގިނަ މީހުން ވައިރަހުން ރަނގަޅުވިއިރު، 26,977 މީހުން ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް