ތުރުކީއާއި ސްޕޭނުން ގަތް ޗައިނާ ޓެސްޓް ކިޓުތައް މަސައްކަތެއް ނުކުރޭ!

ޗައިނާ ކުންފުންޏަކުން ވިއްކި ޓެސްޓު ކިޓުތަކެއްގައި މައްސަލަތަކެއް އުޅޭ ކަމަށް ސްޕެއިން، ތުރުކީ އަދި ޗެކް ރިޕަބްލިކުން ވަނީ ތުހުމަތުކޮށްފައި--

މެޑްރިޑް (މާޗް 27) -- ކޮރޯނާވައިރަސް، ކޮވިޑް-19 އަށް މީހުން ޓެސްޓު ކުރުމަށްޓަކައި ޗައިނާގެ ކުންފުންޏަކުން ގަތް ރެޕިޑް ޓެސްޓު ކިޓުތަކެއް މަސައްކަތް ނުކުރާ ކަމަށް ސްޕެއިންގެ ސަރުކާރުން ބުނެފި އެވެ.

ސްޕެއިންގެ ހެލްތު އިމަޖެންސީސް ކޯޑިނޭޝަން ސެންޓަރުގެ ޑިރެކްޓަރު ފަނާންޑޯ ސިމޯންއާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ބުނީ އެ ކިޓުތަކުން ގިނަ އަދަދެއްގެ ޓެސްޓުތަކެއް ހަދައިގެން އެދެވޭ ނަތީޖާއެއް ލިބިފައިނުވާ ކަމަށެވެ.

އެގޮތުން އެ ކިޓުތަކުން 9،000 ވަރަކަށް ޓެސްޓު ހެދި ކަމަށާއި ޓެސްޓުތަކުގެ އެކިއުރެސީ ލެވެލް ހުރީ 30 ޕަސެންޓުގައި ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

މައްސަލަތަކެއް ދިމާވެގެން އުޅެނީ ޗައިނާ ސަރުކާރުން ފޯރުކޮށްދިން ކިޓުތަކެއް ނޫން ކަމަށާއި އެއީ ޗައިނާއަށް ނިސްބަތްވާ ޝެންޖެން ބަޔޯއީޒީ ނަމަކަށް ކިޔާ ކުންފުންޏަކުން ސްޕެއިންއަށް އެތެރެކޮށްގެން ވިއްކާފައިވާ ކިޓުތަކެއް ކަމަށް ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ.

މި މައްސަލައާއި ގުޅިގެން ބަޔޯއީޒީ ކުންފުނިން ބުނީ މައްސަލަތަކެއް ނަގަންޖެހޭ ގޮތަށް ސާމްޕަލް ނުނެގުމުން ނުވަތަ ނުބައިކޮށް ކިޓުތައް ބޭނުން ކުރުމުން ވެސް ނަތީޖާ ނުބައިވެދާނެ ކަމަށެވެ. އަދި އެތަކެތި ބޭނުން ކުރަންވާ ފުރިހަމަ އިރުޝާދު ކްލައިންޓުންނަށް ފޯރުކޮށްނުދެވޭ ކަމަށް އެކުންފުނިން އެއްބަސްވެ އެވެ.

މައްސަލަ ދިމާވި ކިޓުތަކުގެ ބަދަލުގައި އާ ޓެސްޓް ކިޓު ބެޗެއް އެ ކުންފުނީގެ ފަރާތުން ހޯދަމުންދާ ކަމަށް ސްޕެއިންގެ މިނިސްޓްރީ އޮފް ހެލްތު، ކޮންސިއުމާ އެފެެއާސް އެންޑް ވެލްފެއާއިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ޗައިނާގެ ކުންފުންޏަކުން ތުރުކީއަށް ވިއްކި ޓެސްޓު ކިޓުތަކެއްގައި ހަމަ މި މައްސަލަ ދިމާވެފައިވާ ކަމަށް އެގައުމުން މިއަދު ވަނީ ރިޕޯޓުކޮށްފަ އެވެ.

ސްޕެއިންއިން ބުނީ ތުރުކީގައި މައްސަލަތަކެއް ދިމާވި ކިޓުތަކަކީ ވެސް ޝެންޖެން ބަޔޯއީޒީން ވިއްކި ކިޓުތަކެއް ކަމަށެވެ. ނަމަވެސް ތުރުކީން މިކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

ތުރުކީން ވެސް ބުނީ އެ ކިޓުތަކުން ހެދި ޓެސްޓުތަކުގެ އެކިއުރެސީ ލެވެލް ހުރީ 30-35 ޕަސެންޓާ ދެމެދުގައި ކަމަށެވެ.

މީގެ އިތުރުން މި މަހުގެ ކުރީކޮޅު ޗެކް ރިޕަބްލިކަށް ޗައިނާއިން ފޯރުކޮށްދިން 150،000 ކުއިކް ޓެސްޓު ކިޓުތަކުގެ ތެރެއިން 80 ޕަސެންޓު ކިޓުތަކުގައި މައްސަލަ އުޅޭ ކަމަށް އެގައުމުން ވަނީ ބުނެފަ އެވެ.

ޗައިނާ ކުންފުންޏަކުން ސްޕެއިންއަށް ވިއްކި ޓެސްޓު ކިޓުތަކުން ރަނގަޅު ނަތީޖާއެއް ނުލިބޭ ކަމަށް ބުނެފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ސްޕެއިންގައި ބައިލައްކައަށް ވުރެ ގިނަ މީހުން ކޮވިޑް-19އަށް ވަނީ ޕޮޒިޓިވްވެފަ އެވެ.

އެ ބަލި ޖެހިގެން ސްޕެއިންއިން 4،000އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، މިއީ ޗައިނާއިން އެ ބަލި ޖެހިގެން މަރުވި މީހުންނަށް ވުރެ އިތުރު އަދަދެކެވެ.

ޗައިނާއިން ރާއްޖެއަށް 20،000 ޓެސްޓު ކިޓު ދޭނެ ކަމަށް ވަނީ ބުނެފަ އެވެ. އެއީ ޗައިނާ ސަރުކާރުން ހަދިޔާކުރާ 10،000 ކިޓާއި އެގައުމުގެ ވިޔަފާރިވެރިޔާ ޖެކް މާ ހަދިޔާކުރާ 10،000 ކިޓެވެ.

comment ކޮމެންޓް