ޕޮޒިޓިވްވި ދެ މީހުން ފުރުވާލެވުމަކީ އިސްލާހުކުރަން ލިބުނު ފިލާވަޅެއް: މައިމޫނާ

މައިމޫނާ: ޕޮޒިޓިވްވި ދެ މީހުން ފުރުވާލެވުމަކީ އިސްލާހުކުރަން ލިބުނު ފިލާވަޅެއް

ޕޮޒިޓިވްވި އިޓަލީގެ ދެ ފަތުރުވެރިން ފުރުވާލެވުމަކީ، ކަންކަން ހަރުދަނާކުރަން ލިބުނު ފިލާވަޅެއް ކަމަށް ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ވިދާޅުވެއްޖެ އެވެ.

އެ ދެ ފަތުރުވެރިންނަކީ، އައިލެންޑް ސަފާރީ އިން މިމަހު 15 ވަނަ ދުވަހު ޕޮޒިޓިވްވި ފަތުރުވެރިންނާ އެއް ސަފަރީއެއްގައި ތިބި ދެ މީހުންނެވެ. އެމީހުންގެ ޓެސްޓު ނަތީޖާ މިއަދު ލިބުނު އިރު، އެމީހުން ވަނީ ރާއްޖެއައި ޗާޓަރު ފްލައިޓެއްގައި ފުރާފަ އެވެ.

އިމަޖެންސީ ރެސްޕޮންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައިމޫނާ ވިދާޅުވީ، މިކަމުން ކަންކަން އިތުރަށް ހަރުދަނާ ކުރަން ހުރިކަން ފާހަގަވެގެން ގޮސްފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބަބުން އަމަލުކުރަމުން އަންނަ އުސޫލަށް ބަދަލެއް ގެންނަ ފެންނަ ނަމަ، އެކަން ކުރާނެ ކަމަށް މައުމޫނާ ވިދާޅުވި އެވެ.

"އެއީ ރަނގަޅަކަށްވީ ކަމެއްކަން އަޅުގަނޑުމެން ބަލައިގަންނަން. އެކަންތައްތައް އެގޮތަށް ކުރަން [އުސޫލަށް] ބަދަލެއް ގެންނަންޏާ ގެންނައުމަށްޓަކައި ލިބުނު ރަނގަޅު ލެސަންއެއް [ފިލާވަޅެއް] ކަމަށް ނުވަތަ ލާނިން އެއް ކަމަށް،" ޓެސްޓް ނަތީޖާ ނުލިބެނީސް އެމީހުން ފުރައިގެން ދިޔުމަކީ ގޯސްކޮށްވީ ކަމެއްތޯ ސުވާލުކުރުުމުން މައިމޫނާ ވިދާޅުވި އެވެ. "މިއީ ހަރުދަނާކުރުމަށް އިތުރު ކަންތައްތަކެއް ހުރިކަން. ވާ ކަން ފާހަގަވެގެން ހިނގައްޖެ. މިއަދު ފުރައިގެން ދިޔަ ދެ ބިދޭސީންގެ ފަރާތުން ޕޮޒިޓިވްވެފައި ވާތީ، އެކަމަށްޓަކައި އަޅުގަނޑުމެން އިތުރަށް ކުރަން ޖެހޭ ކަންތައްތައްވެސް އަލުން ރަނގަޅަށް ބަލައި، ހަރުދަނާ ކުރަން ލިބުނު ފުރަސަތެއްގެ ގޮތުގައި އަޅުގަނޑު ފާހަގަ ކުރަން،"

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: މައިމޫން ވިދާޅުވީ، މިއީ ކަންކަން ހަރުދަނާ ކުރުމަށް ލިބުނު ފިލާވަޅެއް ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭނާ އަދި ވިދާޅުވީ އޮންނަ އުސޫލުގެ ދަށުން، އެކަން ފްލައިޓަށް ވަގުތުން އެންގި ކަމަށެވެ. އަދި ފްލައިޓް ދަތުރުކުރި ގައުމަށް ވެސް އެކަން އެންގި ކަމަށް ވެސް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، ސަފާރީގެ ތިބި މީހުންގެ ޓެސްޓުތަށް ހެދުމަށް ސާމްޕަލް ނެގީ ހަދަމުންދާ ރީސާޗަކާ ގުޅިގެން ކަމަށާއި އަމަލު ކުރަމުންދާ ޕްރޮޓޮކޯލް ބުނާ ގޮތުން ސާމްޕަލް ނަގާކަށް ނުޖެހޭ ކަމަށެވެ.

"ސާމްޕަލް ނެގި ސަބަބަކީ، ޕޮލިސީއަށް ބަދަލެއް އަންނަންޖެހޭތޯ ބެލުމައްޓަކައި އާއި ދޭތެރެ ދޭތެރެއިން ނަގާ ސާމްޕަލްގެ ތެރެއިން ސާމްޕަލް ނެގުނީ. އޮޕަރޭޓިން ޕްރޮޓޮކޯލް ބުނާ ގޮތުން ނުޖެހޭ ނަގާކަށް،" މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ، މިހާރު އަމަލު ކުރަމުން އަންނަ އުސޫލަކީ، ޕޮޒިޓިވްވެފައިވާ މީހަކާ ބައްދަލުވުމުން 14 ދުވަހުގެ މުއްދަތަކަށް އެކަހެރިކުރުމަށްފަހު، ބަލީގެ އަލާމާތެއް ނުފެންނަ ނަމަ އެ މުއްދަތުގެ ފަހުން އެމީހަކަށް ފުރައިގެން ދެވޭނެ ގޮތަށް އޮންނަ އުސޫލު ކަމަށެވެ.

އައިލެންޑް ސަފާރީގައި ހުރި މީހެއްގެ ފަރާތުން އަލާމާތްތައް ފެނިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް އެނގީ މިމަހު 13 ވަނަ ދުވަހު ކަމަށް މަބްރޫކު ވިދާޅުވިއެވެ. އެއާއެކު ހަމަ އެދުވަހު، އެ ސަފާރީގައި ތިބި މީހުން ކަރަންޓީން ކުރުމަށް ލިޔުމެއް ފޮނުވި ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއަދަކީ، 13 މާޗުން ފެށިގެން 14 ދުވަސް ހަމަވާ ދުވަސް.. އެމީހުން ފުރީ މިއަދު" މަބްރޫކު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަބްރޫކު ވިދާޅުވީ، އެމީހުން ފުރީ މިއަދު އައި އިޓަލީ ޗާޓަރު ފުލައިޓެއްގައި ކަމަށާއި އެ ފްލައިޓުގައި އައިލެންޑް ސަފާރީގައި ތިބި އެހެން މީޙުންވެސް ފުރި ކަމަށެވެ. އަދި ޓެސްޓުގެ ނަތީޖާ ލިބުނީ އެ ފްލައިޓު ވައިގެތެރޭގައި ވަނިކޮށް ކަމަށެވެ.

"މި ބޯޓުން ފުރި އެކަކުގެ ގައިންވެސް ބަލީގެ އަލާމާތެއް ފެންނާކަށް ނެތް،" މަބްރޫކު ވިދާޅުވި އެވެ.

މަބްރޫކު އިތުރަށް ވިދާޅުވީ، މިކަމާ ގުޅިގެން އިތުރު ނިންމުންތަކެއް ނިންމަވާނެ ކަމަށެވެ. އަދި ނިންމުންތަން ނިމުނުހާ އަވަހަކަށް ހާމަ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އެ ދެ ފަތުރުވެރިންނާއެކު މިހާނަތަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ، 16 އެވެ. ވައިރަހުން ރަނގަޅުވި މީހުންގެ އަދަދަކީ، ނުވަ އެކެވެ.

comment ކޮމެންޓް