ސިއްހީ ދާއިރާއަށް ބޭނުންވާ ސާމާނު ހޯދަން މެލޭޝިއާގެ އެހީއަށް އެދިއްޖެ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު -- ފޮޓޯ: ފޮރިން މިނިސްޓްރީ

މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ ބައެއް މެޑިކަލް އިކުއިޕްމެންޓް ހޯދުމަށް ރާއްޖެއިން މެލޭޝިއާގެ އެހީއަށް އެދިއްޖެއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، މެލޭޝިއާގެ ފޮރިން މިނިސްޓަރު ޑާޓޯ ސެރީ ހިޝާމުއްދީން އާއި ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިން އެ ގައުމުގެ އެހީއަށް އެދިލައްވާފައިވާއިރު، މިނިސްޓަރު ވަނީ މެލޭޝިއާގައި ތިބި ދިވެހިންގެ ހާލަތު ގާތުން ބަލަމުންދާކަމަށްޓަކާ މެލޭޝިއާގެ ސަރުކާރަށް ޝުކުރު އަދާކުރައްވައިފައެވެ.

މިނިސްޓަރު ވަނީ ރާއްޖޭގެ ސިއްހީ ދާއިރާގެ ހާލަތު އޮޅުންފިލުއްވައިދެއްވާ، ރާއްޖޭގެ އިގްތިސޯދަށް އަންނަމުންދާ ލޮޅުންތަކާ ގުޅޭ މައުލޫމާތުވެސް މެލޭޝިއާގެ ފޮރިން މިނިސްޓަރާ ހިއްސާ ކުރައްވައިފައެވެ.

މީގެ އިތުރުން މިނިސްޓަރު ޝާހިދު ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖެއި ޝަަންކަރުއާ ފޯނުން ގުޅުއްވާ ކޮރޯނާގެ ހާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.

މިހާލަތުގައި އިންޑިއާ އިން ރާއްޖެއަށް ވެދީފައިވާ އަދި ވެދެމުންދާ އެހީތެރިކަން ފާހަގަކުރައްވާ މިނިސްޓަރު ވަނީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވައިފައެވެ.

މި ފޯނު ކޯލުގައި މިނިސްޓަރު ޖެއިޝަންކަރު ވަނީ އިންޑިއާ އިން ރާއްޖެއަށް އެތެރެކުރާ ބޭހާއި ކާބޯތަކެތި އެއްވެސް ދައްޗެއްނެތި ލިބޭނެކަމުގެ ޔަގީންކަން އަރުވައިފައެވެ.

comment ކޮމެންޓް