ފިލިޕީންސްގައި ތިބި 61 ދިވެއްސަކު މާދަމާ ރާއްޖެ ގެނެވޭނެ: މިނިސްޓަރު

މިނިސްޓަރު އަބްދުﷲ ޝާހިދު--- ސަން ފޮޓޯ: ފަޔާޒު މޫސާ

ފިލިޕީންސްގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ 61 ކުދިން މާދަމާ އާއި ހަމައަށް ރާއްޖެ ގެނެވޭނެ ކަމަށް ފޮރިިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ކޮރޯނަ އާއި ގުޅިގެން ޗައިނާ އިން ރާއްޖެއަށް ދޭ އެހީ ހަވާލު ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަނީ ބޭރުގައި ތިބި ދިވެހިންނަށް އެހީ ފޯރުކޮށްދެވެން އޮތް މިންވަރަކުން އެހީ ދިނުމަށް ކަމަށެވެ.

"ސަރުކާރުން މި މަސައްކަތްކުރަނީ މިހާލަތުގައިވެސް ވެދެވެން އޮތް އެހީއެއް ވެ ދިނުމަށް. އެނގިވަޑައިގަންނަވާނެ، ފިލިޕީންސްގައި ތިބި ދިވެހި ކުދިންގެ ތެރެއިން ގިނަ ކުދިން ރާއްޖެއަށް ފޯރާނެ. މާދަމާއާއެކު ރާއްޖެ އަންނަން ބޭނުންވެފައިތިބި 61 ކުދިން ގެނެސް ނިމޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުގައި ތިބި މެޑިސިން ކިޔަވާ ދަރިވަރުން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަނީ، ކޮރޯނާ އާ ދެކޮޅަށް ކުރާ މަސައްކަތުގައި ތައްޔާރީ ހާލަތުގައި ބޭތިއްބުމަށްކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މީގެ ކުރިން ނޭޕާލުގައި ތިބި މެޑިސިން ކިޔަވާ ދަރިވަރުންތަކެއް ވެސް މާލެ ގެނެސްފައިވާއިރު 17 ކުއްޖަކަށް ނާދެވިފައި އެބަތިއްބެވެ.

"ނޭޕާލުގައި ތިބި 100 އެތައް ކުދިންގެ ތެރެއިން 17 ކުދިން ފިޔަވާ އެހެންކުދިން ގެނެވުނު. 17 ކުއްޖަކު އެތިބީ އެއާޕޯޓުގައި ތާށިވެފައި. އެއީ އެއާޕޯޓަށް ދަނިކޮށް ފްލައިޓު ކެންސަލްވީ. ނެޕާލު ލޮކްޑައުން އަށް ދިޔައީ. އެ ހިސާބުން އަޅުގަނޑުމެންނަކަށްވެސް ނެތް އެކުދިން ގެނެވޭނެ ގޮތެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ ނޭޕާލުގައި ތިބި ކުދިން ރާއްޖެ ގެނައުމާ ގުޅޭގޮތުން މީގެ ހަތަރު ދުވަސްކުރިން އެ ގައުމުގެ ފޮރިން މިނިސްޓަރާވެސް މަޝްވަރާ ކުރެއްވި ކަމަށެވެ. ބަންގްލަދޭޝްގައިވެސް މެޑިސިން ކިޔަވާ ދަރިވަރުން އެބަތިބި ކަމަށާއި އެ ގައުމުވެސް އޮތީ ލޮކްޑައުންގައިކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ އެ ދަރިވަރުން ރާއްޖެ ގެންނަން އަދިވެސް މަސައްކަތް ކުރައްވާ ކަމަށެވެ.

"ކޮން ދިމަ ދިމާއަކަށް ކުދިން ގެންގޮސްގެންތޯ މާލެއާ ހަމައަށް ގެނެވޭނީ، ހުރިހާ އޮޕްޝަނެއް އެބަ ބަލަން. ދަތިކަން ހުރެގެން ނުގެނެވިގެން އުޅެނީ،" މިނިސްޓަރު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އިންޑިއާ އާއި ލަންކާ އަދި މެލޭޝިއާގައިވެސް ދިވެހިން އެބަތިބި ކަމަށާއި އެ ގައުމުތައްވެސް އޮތީ ލޮކްޑައުންގައި ކަމަށެވެ. މިވަގުތު ހާލަތު އޮތްގޮތުން ދެވެން ހުރި ހުރިހާ އެހީއެއް އެގައުމުތަކުގައި އުޅޭ ދިވެހިންނަށް ފޯރުކޮށްދެމުންދާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެ ފުލް ލޮކްޑައުންއަށް ދިޔުން ދަތިވާނެ ކަމަށާއި އިމްޕޯޓަށް ބަރޯސާވާ ރާއްޖެއަށް ބޭނުންވާ އަސާސީތަކެތި ގެނައުމަށް ބޭރުގެ ގައުމުތަކާ މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި އެއްވެސް ދައްޗެއްނެތި ޒަރޫރީ ތަކެތި ރާއްޖެއަށް ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް