މިވަރުގެ ފަޅުކަމެއް، ހިމޭންކަމެއް ނުދެކެން!

އެއާޕޯޓްގެ ޑިޕާޗާ ޓާމިނަލް: މިއީ ކުރިން ވަރަށް ބިޒީ ސަރަހައްދެއް ނަމަވެސް މިހާރު ފެންނަނީ ފަޅުކަން -- ޓްވިޓާ ފޮޓޯ/ ރިޒްނާ ޒަރީރު

ކޮރޯނާވައިރަސް އާއެކު ރާއްޖޭގެ މައި ދޮރާށީގައި ރޭގެ މެންދަމު 12:00 އިން ފެށިގެން ވަނީ ތަންޑު އެޅުވިފަ އެވެ. ފަތުރުވެރިކަމަށް ބަރޯސާވާ ރާއްޖޭގެ ރީތިކަން ދެކިލުމަށް އަންނަ ފަތުރުވެރިންގެ އަދަދު ބަލިމަޑުކަމާއެކު މަޑުމަޑުން ދަށަށް ދާން ފެށީ މިދިޔަ މަހުގެ ތެރޭގަ އެވެ. މީގެ ކުރިން ދުވާލަކަށް 5000 އެއްހައި މީހުން ޒިޔާރަތްކުރާ ރާއްޖެއަށް އިއްޔެ މެންދުރާއި ހަމައަށް އައިސްފައިވަނީ އެންމެ 39 މީހުންނެވެ.

ރޭ ދަންވަރު 12:00 އިން ފެށިގެން ރާއްޖެއަށް އެތެރެވުމަށް ދޫކުރާ އޮން އެރައިވަލް ވިސާ ދޫކުރުން ވަނީ މުއްދަތެއް ނެތްގޮތަށް ހުއްޓާލުމާ އެކު ރާއްޖެއިން ހުއްދަ ދޭ ބަޔަކަށް ނޫނީ ދެން ރާއްޖޭގެ ބޯޑަރު ހުރަހެއް ނުކުރެވޭނެ އެވެ.

މީގެ ކުރިން ދުވާލާއި ރޭގަނޑު ހަލަބޮލިކޮށް އޮންނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މިއަދު އޮތީ ފަޅަށެވެ. ރާއްޖެ އަށްފަތުރުވެރިން ގޮވައިގެން އަންނަ ބޯޓުތަކުގެ ދަތުރުތައް ވަނީ ހުއްޓާލައިފަ އެވެ. ރާއްޖެ އަށް ދަތުރުކުރާ ގިނަ އެއާލައިންތަކުން ފާއިތުވި ދެތިން ހަފްތާތެރޭ ދަތުރުތައް ހުއްޓާލަން ފެށުމާއެކު ފަޅުވާން ފެށި އެއާޕޯޓު މިއަދު އޮތީ ހުހަށެވެ. އެއާޕޯޓުގެ އާންމު ސަރަހައްދުތަކުގައި ހުރި ބޮކިތައް ނިންވާލާ، ފަންކާތައް ވެސް ނިންވާލާފައިވާއިރު ދިވެހިންގެ މައި ގޭޓުގައި މިއަދު އޮތީ މަރުފަދަ ހިމޭންކަމެކެވެ.

އެއާޕޯޓްގައި ހުންނަ ގެސްޓް ރިލޭޝަން ކައުންޓަރުތައް: މީގެ ގިނަ ތަންތަން ވަނީ ބަންދުކޮށްފައި -- ޓްވިޓާ ފޮޓޯ/ ރިޒްނާ ޒަރީރު

އެތެރޭގެ ދަތުރުތައްވެސް ބޮޑުތަނުން މަދުކޮށްފައިވާއިރު ޑޮމެސްޓިކް ދަތުރުތަކުގެ ހިދުމަތްދޭ އަމިއްލަ ދެ އެއާލަައިންގެ އޮޕަރޭޝަންތައް އެއްކޮށްހެން ވަނީ ހުއްޓިފަ އެވެ. ގައުމީ އެއާލައިންގެ ދަތުރުތައް މަދުމަދުން ބާއްވަ އެވެ.

އެއާޕޯޓުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން ބުނީ ވަޒީފާގައި ހޭދަވި މުއްދަތުގައ މިފަދަ ކަމެއް ދިމާވެދާނެ ކަމަށް އަންދާޒާވެސް ނުކުރެވޭ ކަމަށާއި ޑިއުޓީ އަށް ނިކުތަސް ކުރާނެ ކަމެއް ނެތި ތިބެން ޖެހެނީ އަތް އުރާލައިގެން ކަމަށެވެ.

"ކުރިން އަބަދު ބިޒީކޮށް އުޅެން ޖެހެނީ. މިހާރު މިތިބެން ޖެހެނީ ފޫހިވެފައި. މިވަރުގެ ހުސްކަމެއް އަދި ނުދެގެން އެއާޕޯޓުން،" މުވައްޒަފަކު ބުންޏެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ): އެއާޕޯޓް އޮންނަނީ ފަޅުވެފައި -- ޓްވިޓާ ފޮޓޯ/ ރިޒްނާ ޒަރީރު

ރާއްޖޭގައި މިހާރު ތިބި ފަތުރުވެރިންނަށް ރާއްޖެެ ދޫކޮށް ފުރޭނީ ރާއްޖެ އައިތާ 14 ދުވަސްފަހުން، ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށްފަހު އެވެ. ރާއްޖޭގައި މިހާރު ތިބި ފަތުރުވެރިން ބަލައި، ބައެއް އެއާލައިންތަކުން ދަތުރުތައް ބޭއްވި ނަމަވެސް އެ ބޯޓުތަކުގައި އެއްވެސް ބަޔަކު ރާއްޖެއަކަށް ނާންނާނެ އެވެ.

އެއާޕޯޓު ފަޅުވެ މަސައްކަތް އެއްކޮށްހެން ހުއްޓުމަކަށް އައިސްފައިވާއިރު އެއާޕޯޓުގެ މުވައްޒަފުންގެ މަސައްކަތުގަޑި ވެސް ވަނީ ކުޑަކޮށްފަ އެވެ. އަދި އެއާޕޯޓްގެ މުވައްޒަފުންގެ ތެރެއިން ހައިރިސްކު މުވައްޒަފުންނަށް ވަޒީފާގެެ ލުއިތަކެއްވެސް ވަނީ ދީފަ އެވެ.

https://sun.mv/133758

ވައިރަހުން ރައްކާތެރިވުމަށް އެމްއޭސީއެލް އިން މީގެ ކުރިން ވަނީ އެއާޕޯޓުގެ މަގުތަކާއި ކޮމަން އޭރިއާތައް ޑިސް އިންފެކްޓު ކުރުމުގެ މަސައްކަތްވެސް ކޮށްފަ އެވެ.

އެއާޕޯޓަށް އައިސްފައިވާ ފަޅުކަމާއެކު އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ އާމްދަނީ އަށާއި ރާއްޖޭގެ ބަޖެޓް އިންކަމް އަށް ބޮޑު އަސަރެއް ކުުރާނެ އެވެ. ހާއްސަކޮށް ފުރާ މީހުންގެ އަތުންނަގާ ޓެކްސް ބޮޑުކުރަން ނިންމާފައިވާ މި ދަނޑިވަޅުގައި ބޭރުން މީހުން ނާންނަނަމަ، އޭގެ އަސަރު ކުރާނެ އެވެ.

އެއާޕޯޓްގެ ޑޮމެސްޓިކް ޓާމިނަލް ތެރެ ފަޅަށް. -- ޓްވިޓާ ފޮޓޯ/ ރިޒްނާ ޒަރީރު

ބުދަ ދުވަހު ރައީސް ވިދާޅުވީ އިރުމަތީ އޭޝިއާގެ ސަރަހައްދުގައި ބަލި ފެތުރުން ކޮންޓްރޯލު ވެއްޖެނަމަ، އެ ގައުމުތަކަށް ރާއްޖޭގެ ބޯޑަރު ހުޅުވާލާނެ ކަމަށެވެ.

މިއީ އެންމެ ގިނައިން ފަތުރުވެރިން އަންނަމުން ދިޔަ ޗައިނާގެ ފަތުރުވެރިން ރާއްޖެ ގެނައުމަށް ހުޅުވާލެވޭނެ ދޮރެކެވެ. ރައީސް ވިދާޅުވި ގޮތުގައި، ބައެއް ގައުމުތަކަށް ރާއްޖޭގެ ބޯޑަރު ހުޅުވާލެވިއްޖެ ނަމަ، އިގްތިސާދު ހަމައަކަށް އެޅެން ފަށާނެ ކަމަށެވެ. އަދި ބަލިމަޑުކަމުން އަރައިގަތުމާއެކު، މި އަހަރުގެ ފަހު ކުއާޓަރާއި، އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި "އިކޮނޮމިކް ބޫމް" އެއް އަންނާނެ ކަމަށް އަންދާޒާާ ކުރެވޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓް ފަޅަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން މިހާތަނަށް 14 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު ބަލިން ރަނގަޅުވެފައި ވަނީ އަށް މީހެކެވެ.

ކޮރޯނާވައިރަސް ފެތުރެމުންދާ މިންވަރު މުޅި ދުނިޔޭގައިިވެސް ކޮންޓްރޯލު ނުކުރެވި ވާއިރު ދުނިޔެ އަށް ރާއްޖޭގެ މައި ދޮރާށި ހުޅުވާލެވޭނެ ސީދާ ދުވަހެއް އަންދާޒާ ކުރަން ދައްޗެވެ.

comment ކޮމެންޓް