ކުނިއުކަން ބޭނުންކުރާ ކޮތަޅު ލައިގެން އެމެރިކާގެ ބައެއް ނަރުހުން ސިއްހީ ޚިދުމަތް ދެނީ

ކުނިއުކާ ކޮތަޅު ލައިގެން މައުންޓް ސިނާއި ހޮސްޕިޓަލުގައި ޚިދްމަތް ދިން އެމެރިކާގެ ބައެއް ނަރުހުން

ނިޔުޔޯކް (27 މާޗް 2020) : އެމެރިކާގައި ކޮރޯނާ ވައިރަސް (ކޮވިޑް-19) އެންމެ ބޮޑަށް ފެތުރިފައިވާ ސްޓޭޓް ކަމަށްވާ ނިޔުޔޯކްގެ ހޮސްޕިޓަލުތަކުގައި ސިއްޙަތާބެހޭ ރައްކާތެރިކަމުގެ ސާމާނު ނެތިގެން މެންހާޓަންގެ މައުންޓް ސިނާއި ހޮސްޕިޓަލުގެ ބައެއް ނަރުހުން ކުނި އުކުމަށް ބޭނުންކުރާ ކޮތަޅު ލައިގެން އުޅޭ ފޮޓޯތަކެއް އާންމު ވެއްޖެއެވެ.

މި ފޮޓޯތައް އާންމުކުރީ މައުންޓް ސިނާއި ހޮސްޕިޓަލުގައި މަސައްކަތްކުރާ ތިން ނަރުހުން އެމީހުންގެ ފޭސްބުޖް ޕޭޖުގައެވެ. ޕޭސްބުކްގައި އެ ފޮޓޯއާއެކު ޝާއިޢުކޮށްފައިވާ ޕޯސްޓްގައި އޭގެތެރެއިން ނަރުހަކު ބުނެފައިވަނީ ކުނި އުކުމަށް ބޭނުންކުރާ ކަޅުކޮތަޅު ލައިގެން އުޅެން އެމީހުންނަށް ޖެހުނީ ކޮރޯނާ ވައިރަސް ޖެހިފައިވާ ބަލިމީހުންނާ މުއާމަލާތްކުރާއިރު އެވައިރެހުން ރައްކާތެރިވާނެ ގައުން ފަދަ ހެދުން ހޮސްޕިޓަލުގައި ނެތުމުންކަމަށާ އެއީ އެމީހުން އަމިއްލައަށް އެޅި ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ކުރިކަމެއް ކަމުގައެވެ. ނަމަވެސް މިކަންވަނީ ދުނިޔޭގެ ކުރިމަތީގައި އެމެރިކާ ލަދުގަންނަވާލި ކަމަކަށް ވެގެން ގޮސްފައެވެ.

ނިޔުޔޯކްގެ އެންމެ ބޮޑު އެއް ހޮސްޕިޓަލް ކަމަށްވާ މައުންޓް ސިނާއި ހޮސްޕިޓަލުގައި ކޮރޯނާ ވައިރަސް ޖެހިފައިވާ ގިނަ އަދަދެއްގެ ބަލިމީހުން ތިބިއިރު އެމީހުންނަށް ފަރުވާދިނުމުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި ނަރުހުންނަށް ސިއްހަތާބެހޭ ރައްކާތެރިކަމުގެ ވަސީލަތް ލިބޭވަރު ކުޑަވުމުން އެމީހުން ޝަކުވާކުރާތާ ދުވަސްތަކެއް ވަނީ ވެފައިވެއެވެ.

ނިޔުޔޯކްގެ މައުންޓް ސިނާއި ހޮސްޕިޓަލް

ނިޔުޔޯކްގެ ނޫހެއްކަމަށްވާ "ނިޔުޔޯކް ޕޯސްޓް" ބުނާގޮތުން މައުންޓް ސިނާއި ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންނާއި އެނޫންވެސް ސިއްޙި ޚިދްމަތްތެރިން މިގޮތަށް މަސައްކަތްކުރަން ޖެހުމުން އޭގެތެރެއިން ބައެއްމީހުންވަނީ ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވްވެފައެވެ. ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނޭ ސްޓާފް ނަރުހެއް ކަމަށްވާ އެސިސްޓެންޓް ޑައިރެކްޓާ އޮފް ނާސިންގް މިދިޔަ އަންގާރަ ދުވަހު ކޮރޯނާ ވައިރަސް ޖެހިގެން މަރުވެފައިވާތީ ނަރުހުންތިބީ ސަރުކާރުދެކެ ވަރަށް ބޮޑަށް ރުޅިއައިސްފައި ކަމަށް އެނޫސް ބުނެއެވެ.

މި ފޮޓޯތަކާ ގުޅިގެން އެމެރިކާގެ އެތަށް ހާސްބަޔަކު ސޯޝަލް މީޑިއާގައި ރައީސް ޑޮނަލްޑް ޓްރަމްޕަށާއި އެމެރިކާގެ އިސްވެރިންނަށް ގެންދަނީ ބަހުގެ ވަރުގަދަ ޙަމަލާތަކެއް ރައްދުކުރަމުންނެވެ. ކޮރޯނާ ވައިރަސް އާ ހަނގުރާމަ ކުރުމުގައި އެމެރިކާ މިހާ ދަށް ފެންވަރަކަށް ދިޔައީ އެކަމާ ކުރިމަތި ލުމުގައި ޓްރަމްޕްގެ ސިޔާސަތެއް އަދި ސްޓްރެޓެޖީ އެއް ނެތިގެން ކަމަށް ބުނެ ސޯޝަލް މީޑިއާގެ އެކި ޕޯސްޓްތަކުގައި އެމެރިކާގެ އާންމުންވަނީ ރުޅިވެރިކަން ފާޅުކޮށްފައެވެ.

އެމެރިކާއަކީ ސިއްހަތާބެހޭ ރައްކާތެރިކަމުގެ ސާމާނު ކަމަށްވާ ގައުން، މާސްކް، އަންގި ފަދަ ތަކެތި އުފެއްދުމުގެ ގާބިލްކަން ލިބިފައވާ ގައުމެކެވެ. ނަމަވެސް ދުނިޔޭގައި ކޮރޯނާ ވައިރަސް ޖެހިފައިވާ ބަލިމީހުންގެ އަދަދު އެންމެ ގިނަ ގައުމަކަށް އެމެރިކާ ވެގެންދިޔަ އިރުވެސް މިތަކެތީގެ ސްޓޮކް އިތުރު ކުރުމަށް އެމެރިކާއަށް ކުރެވުނު މާބޮޑުކަމެއް އަދި އެޅުނު މާގިނަ ފިޔަވަޅުތަކެއް ނެތެވެ. އަދި މިތަކެތި އުފެއްދުން އަވަސްކުރުމަށް އެދި އެމެރިކާގެ ކަމާބެހޭ ކުންފުނިތަކާއި ކާރުޚާނާތަކަށްވެސް އެމެރިކާ ސަރުކާރުން ނާންގާކަމަށް އެމެރިކާގެ ނޫސްތަކާއި މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ނިޔުޔޯކްގެ މައުންޓް ސިނާއި ހޮސްޕިޓަލުގެ ބައެއް ނަރުހުން ކުނި އުކަން ބޭނުންކުރާ ކަޅުކޮތަޅު ލައިގެން ސިއްޙީ ޚިދްމަތް ފޯރުކޮށްދެމުން ގެންދިޔަ މައްސަލާގައި ޓްރަމްޕަށް ފާޑުކީ ފަރާތްތަކުންވަނީ މިފަދަ ހާލަތްތަކުގައި ސިއްހަތާބެހޭ ރައްކާތެރިކަމުގެ ސާމާނު އުފައްދާ ކުންފުނިތަކަށް އެތަކެތި އެތަށް ގުނައެއް އިތުރަށް އުފައްދަން އަމުރުކުރުމުގެ ގާނޫނީ ބާރު ޓްރަމްޕަށް ލިބިވަޑައިގަންނަވާކަން ހާމަކޮށް އެކަމާމެދު ހިތާމަކުރާ ކަމަށް ބުނެފައެވެ.

ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރޭ މަރުކަޒަކަށް އެމެރިކާ ވެގެންދިޔައީ އެކަން އެގޮތަށް ވެދާނެކަމުގެ އިންޒާރު ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާއިން އެމެރިކާ ސަރުކާރަށް ދެމުން ގެންދަނިކޮށެވެ. މިހާރު އެމެރިކާގައި ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދުވަނީ 85 ހާހަށްވުރެ މައްޗަށް ގޮސްފައެވެ. އެމެރިކާއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި ކޭސްތަކުގެތެރެއިން ދެބައިކުޅަ އެއްބައި މީހުން ފެނިފައިވަނީ ނިއުޔޯކްއިންނެވެ.

އެ ސްޓޭޓުން އެކަނިވެސް 37،000 މީހުންނަށް ކޮރޯނާ ވައިރަސް ޖެހިފައިވެއެވެ. ނިޔުޔޯކްގެ ހޮސްޕިޓަލްތައްވަނީ ކޮރޯނާ ވައިރަސް ޖެހިފައިވާމީހުން ގިނަކަމުން ފުރިބާރުވެ ނުކަތާ ހިސާބަށް ގޮސްފައެވެ. އަދި ކުރިއަށްއޮތް ހަފްތާ އެއްހާ ދުވަހުގެތެރޭ ނިއުޔޯކްގެ ހޮސްޕިޓަލްތަކުގައި ބަލި މީހުން އެނދުމަތިކޮށްގެން ފަރުވާދޭނެ ޖާގަ ނުހުންނާނެކަމަށްވެސް އެސްޓޭޓްގެ މަސްއޫލުވެރިން ވިދާޅުވެއެވެ.

މީގެއިތުރުން ނިޔުޔޯކްގެ ހޮސްޕިޓަލްތަކުގައި ވެންޓިލޭޓަރުތައްވެސް މަދުކަމުން ކޮރޯނާ ވައިރަސް ޖެހިފައިޥާ ބަލި ދެމީހަކު އެއް ވެންޓިލޭޓަރު ޝެއާ ކުރުމުގެ ހުއްދަވެސް ވަނީ ދީފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ އެމެރިކާއަށް ބޭނުންވާ ސިއްޙީ އެހީތައް އަވަސް ގޮތަކަށް ހޯދުމާބެހޭގޮތުން ރޭ ޗައިނާގެ ރައީސް ޝީޖިންޕިން އާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައެވެ.

(އެމެރިކާގެ ނޫސްތައް + އަލްޖަޒީރާ + ސޯޝަލް މީޑިއާ)

comment ކޮމެންޓް