ބިދޭސީންނަށް އޮންލައިންކޮށް ހިދުމަތްތައް ދޭ މުއްދަތު އިތުރުކޮށްފި

އިކޮނޮމިކް މިނިސްޓްރީއިން ކުރިޔަށްގެންދާ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ ޕްރޮގްރާމްގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ސަރުކާރު ބަންދުކުރި މުއްދަތު އިތުރުކުރުމާ ގުޅިގެން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ބިދޭސީންނަށް ބައެއް ހިދުމަތްތައް ދޭ މުއްދަތު އިކޮނޮމިކް މިނިސްޓްރީން އިތުރުކޮށްފިއެވެ.

ކޮވިޑް19އާ ގުޅިގެން ސަރުކާރު ބަންދުކޮށްފައިވާ މުއްދަތު އަންނަ އޭޕްރީލް މަހުގެ ދެވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ އިއުލާނު ކުރައްވާފަ އެވެ.

އެއާއެކު ސަރުކާރު ބަންދުކޮށްފައިވާ މުއްދަތުގައި އެކްސްޕެޓް ސިސްޓަމުން ދެމުން އައި ހިދުމަތްތައް ވެސް އެ ތާރީހާ ހަމައަށް ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

ސަރުކާރު ބަންދުވުމާއެކު އެކްސްޕެޓް ސިސްޓަމުން ދެމުން އައި ގިނަ ހިދުމަތްތައް މެދުކަނޑާލި ނަމަވެސް، މި މުއްދަތުގައި މައިގަނޑު ދެ ހިދުމަތެއް އެ ސިސްޓަމުން ފޯރުކޮށްދެ އެވެ. އެއީ އެމްޕްލޯއިމަންޓް އެޕްރޫވަލްގެ ހިދުމަތާއި އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު އިތުރުކުރަން ބޭނުންވާ ކޯޓާގެ މުއްދަތު އިތުރު ކުރުމުގެ ހިދުމަތެވެ.

މި ހިދުމަތްތައް ސަރުކާރު ބަންދުކޮށްފައިވާ މުއްދަތުގައި ހަފުތާ ބަންދު ފިޔަވައި ކޮންމެ ދުވަހަކުވެސް ހެނދުނު 10:00 އިން މެންދުރު 12:00 ހަމައަށް ލިބޭނެ އެވެ.

އެކްޕެޓް ސިސްޓަމްއަކީ ބޭރުގެ މަސައްކަތްތެރިންނަށް ހާއްސަކޮށްގެން ގާއިމްކޮށްފައިވާ ސިސްޓަމެކެވެ.

comment ކޮމެންޓް