ފްރާންސް މަނަވަރު އައީ ކުރިން ރޭވިފަ އޮތް ދަތުރެއްގައި، މިއަދު ފުރާނެ: މަބްރޫކް

އިއްޔެ ފްރާންސްގެ އަސްކަރީ ދެ މަނަވަރު ރާއްޖެ އައިސްފައި ވަނީ ކުރިން ރޭވިިފައި އޮތް ދަތުރެއްގައި ކަމަށާއި، އެ އުޅަނދުތައް ރާއްޖެ އައުމަށް ދަތުރުކުރާތާ މަހެއްހާ ދުވަސް ވެފައިވާ ކަމަށް ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

އިއްޔެ ހެނދުނުގެ ވަގުތެއްގައި ދެ މަނަވަރެއް ވަނީ މާލެ ކައިރީގައި ބަނދަރުކޮށްފަ އެވެ. އަދި އެ މަނަވަރުގައި އައި ހަތަރު ހެލިކޮޕްޓަރުތައް ރާއްޖޭގައި އެކި ސަރަހަދުތަކުގެ މަތިން ދަތުރުކުރި ފޮޓޯ އާއި ވީޑިއޯތަކެއް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފަ އެވެ.

ކޮރޯނާވައިރަހާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ މިއީ ރާއްޖެ އާއި ފްރާންސް އާދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 51 އަހަރު ފުރޭ އަހަރު ކަމަށްވުމާއެކު، އެ މަނަވަރުތަައް ރާއްޖެ އަންނަން ދަތުރު ފެށީ ރާއްޖޭގައި ބައެއް ތަމްރީނުތައް ވެސް ހެދުމަށް ކަމަށެވެ.

މަނަވަރުތަކަށް ޖިބޫޓީން ފުރައިގެން ރާއްޖެ އާދެވުނީ ދަތުރު ފެށިތާ 29 ދުވަސް ފަހުން ކަމަށާއި، މިހާރު ހާލަތު ބަދަލުވެފައި ވާތީ، މަނަވަރުތައް ރާއްޖޭގައި މަޑުނުކުރާނެ ކަމަށެވެ.

"މިހާރު މި އައި ހާލަތާ އެކީގައި އަޅުގަނޑުމެން މިހާރު ނިންމުމަކީ އެ ބޯޓު ރާއްޖެ އައިސް، ރާއްޖޭގައި ޑޮކް ކޮށްފަ، ތެޔޮ އަޅައިގެން ކާބޯތަކެތި އަރުވައިގެން ފުރާގޮތަށް. އެ ބޯޓުން އެއްވެސް މީހަކު ނުއެއް ފައިބާނެ،" މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ ހެލިކޮޕްޓަރު ފަދަ އެއްޗެހި ހިފައިގެން ދަތުރުކުރާ އުޅަނދެއް ރާއްޖެ ވަދެއްޖެނަމަ، ހެލިކޮޕްޓަރުތައް ދުއްވުމުގެ ހުއްދަ އާންމުކޮށް ވެސް ދޭ ކަމަށެވެ.

އަދި އިއްޔެ މަނަވަރުގައި އައި ހެލިކޮޕްޓަރުތަކަށް ވެސް ހުއްދަ ދީފައިވާނެ ކަމަށާއި، އެތަނުން އެއް ހެލިކޮޕްޓަރު ފަޅުރަށެއްގައި ޖައްސާފައި ވަނީ އެއަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ.

އަދި އެ ހެލިކޮޕްޓަރަށް އެހީތެރިކަން ފޯރުކޮށްދޭން ދިޔަ އިތުރު ހެލިކޮޕަޓަރެއް ވެސް ޖައްސާފައި ވާނެ ކަމަށެވެ.

"އެހެން ނަމަވެސް މިހާރު އެ އެއްޗެހި އަނބުރާ ކްރާފްޓަށް ގޮސް މިއަދު ފުރައިގެން ދާނެ،" މަބްރޫކް ވިދާޅުވި އެވެ.

މީގެ އިތުރުން ކްރޫޒް ޔޮޓެއް ވެސް ރާއްޖެ އައިސްފައިވާކަން މަބްރޫކް ވަނީ ހާމަކުރައްވައިފައެވެ. މަބްރޫކް ވިދާޅުވީ އެ ޔޮޓުގައި ތިބީ ދެ މީހުން ކަމަށާއި، އެމީހުންނަށް ވެސް ރާއްޖެ އާދެވިފައި ވަނީ ރާއްޖޭގެ ކަނޑުތަކަށް ވަދެވެން އޮތް މުއްދަތަށް ވުރެ ލަހުން ކަމަށެވެ.

ޔޮޓުން ތެޔޮ ހުސްވާން ކައިރިވެފައި ވާތީއާއި، ވައި ބަދަލުވަންދެން ހަފްތާއެއްގެ މުއްދަތަށް ރާއްޖޭގައި މަޑުކުރުމުގެ ހުއްދައަށް އެމީހުން އެދުނު ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަޅާފައި އޮތް ފިޔަވަޅަކީ ތެޔޮ އެޅުމަށް ރާއްޖެއަށް ވަދެވޭނެ ކަމަށް އެހެން ނަމަވެސް ޔޮޓުން ނުފައިބާ، ކޮރަންޓީން މުއްދަތު ހަމަކޮށްފައި ނޫނީ އެޔަކަށް ނުދެވޭނެ ފުރައިގެން،" މަބްްރޫކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމީހުން ކަރަންޓީނު މުއްދަތު ކަމުގައިވާ ދެ ހަފްތާ ފުރިހަމަ ކުރާނީ ޔޮޓުގައި ކަމަށާއި، އެއަށްފަހު ރާއްޖެއިން ފުރައިގެން ދިއުމުގެ ހުއްދަ ދޭނެ ކަމަށެވެ.

comment ކޮމެންޓް