ކޮރޯނާވައިރަސްއާ ގުޅިގެން މާލެ ސަރަހައްދުގައި ގާއިމްކޮށްފައިވާ ދެ އައިސޮލޭޝަން ފެސިލިޓީއަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ޒިޔާރަތް ކުރައްވައިފި އެވެ.
ރައީސް ސޯލިހު މިއަދު ހެނދުނު ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ފަރުކޮޅުފުށީ ފެސިލިޓީ އާއި ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލު ސަރަހައްދުގައި ގާއިމް ކުރަމުންދާ އައިސޮލޭޝަން ފެސިލިޓީ އަށް ޒިޔާރަތް ކުރައްވައިފަ އެވެ.
ކޮރޯނާ އާއި ގުޅިގެން އައިސޮލޭޝަން އަދި ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި އެންމެ ފުރަތަމަ ބޭނުންކުރަންފެށި ފަރުކޮޅުފުށި މަރާމާތަށް މިހާރު ވަނީ ހުސްކޮށްފަ އެވެ.
ރާއްޖޭގެ ބައެއް ރިސޯޓުތައް މިިހާރު އައިސޮލޭޝަން އަދި ކަރަންޓީނު ފެސިލިޓީތަކުގެ ގޮތުގައި ބޭނުންކުރާއިރު، ހާލު ބޮޑު ބަލިމީހުންނަށް ފަރުވާ ދެނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ގާއިމްކޮސްފައިވާ ހައްސަ އައިސީޔޫގަ އެވެ.
ކަރަންޓީން އަދި އައިސޮލޭޝަން ފެސިލީޓީގެ ގޮތުގައި ޖުމްލަ 641 ޖާގަ މިހާރު ގާއިމްކޮށްފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ރާއްޖެއިން ކޮރޯނާ ޖެހިފައިވާ 13 މީހަކު ފެނިފައިވާއިރު އަށް މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.
ކޮރޯނާ އިން ރައްކާތެރިވުމަށް ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން މާދަމާއިން ފެށިގެން ރާއްޖެއަށް އެތެރެވުމަށް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލާނެ އެވެ.