ބޭންކުތައް ހުޅުވާނީ މިމަހުގެ 30 އަދި އަންނަ މަހު 2 ގައި

ހުޅުމާލޭގައި ހުންނަ ބޭންކުގެ ބްރާންޗް -- ސަން ފޮޓޯ: ފަޔާޒު މޫސާ

އިތުރު އެއް ހަފްތާ އަށް ސަރުކާރު ބަންދު ކުރުމާ ގުޅިގެން މަރުކަޒީ ބޭންކާއި ބޭންކުތަކުން ހިދުމަތްދޭނީ މިމަހުގެ 30 ވަނަ ދުވަހާއި އަންނަ މަހުގެ ދެ ވަނަ ދުވަހު ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭ އިން ބުނީ މި ދުވަސްތަކުގައި އެމްއެމްއޭ އިން ފައިސާ ބަލައިގަތުމާއި ދޫކުރުމުގެ ހިދުމަތް ދޭނީ ހެނދުނު 9:30 އިން 11:30 އަށް ކަމަށާއި ވަކިލާރި ބަލައިގަތުމާ ދޫކުރުން ކުރިއަށްގެންދާނީ ހެނދުނު 9:30 އިން 11:00 އަށް ކަމަށެވެ. އަދި މި މުއްދަތުގައި އެ އޮތޯރިޓީ އަށް ސިޓީ ބަލައިގަންނާނީ އީމެއިލް މެދުވެރިކޮށް ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

ކޮރޯނާވައިރަހާ ގުޅިގެން ސަރުކާރު ބަންދު ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ސަރުކާރު އެއް ހަފްތާ އަށް ބަންދު ކުރިނަމަވެސް އިތުރު އެއް ހަފްތާ އަށް ބަންދު ކުރަން ނިންމާފައިވާކަން ރައީސް އިއްޔެ ވަނީ އިއުލާނު ކުރައްވައިފަ އެވެ.

ސަރުކާރު ބަންދު މުއްދަތުގައި ބޭންކުތަކުން ދޭ ބައެއް ހިދުމަތްތައް އޮންލައިން ކޮށްފައިވާއިރު ބައެއް ހިދުމަތްތައް ދިނުން ވަގުތީ ގޮތުން ވަނީ މެދުކަނޑާލައިފަ އެވެ.

ކޮރޯނާ އާއި ގުޅިގެން ކުރިމަތިވެފައިވާ މާލީ ދަތިތަކާ ހުރެ ބޭންކު ތަކުގެ ލޯނު ދެއްކުން ހަ މަހަށް ފަސްކޮށްފައިވާއިރު ސަރުކާރުން ވަނީ ވިޔަފާރިތަކަށް އިގްތިސާދީ ޕެކޭޖެއްވެސް ތައާރަފުކޮށްފަ އެވެ.

comment ކޮމެންޓް