ސިއްހީ ދާއިރާގައި އުޅޭ މީހުންނަށް ހާއްސަ ގޮތްތަކެއް ރާވަނީ

ކޮވިޑް-19 އާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ، ނޫސްވެރިންނާ ބައްދަލުކުރެއްވުން - ފޮޓޯ/ރައީސް އޮފީސް

ކޮރޯނާވައިރަސް ކޮންޓްރޯލްކުރުމަށް މަސައްކަތްކުރަމުން އަންނަ ސިއްހީ ދާއިރާގެ ހުރިހާ ފަރާތްތަކަށް ހާއްސް ގޮތްތަކެއް ރާވަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތައް ހާމަކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ރާއްޖޭގައި ބަލި އިތުރަށް ފެތުރުނަ ނުދިނުމަށް، ސިއްހީ ހިދުމަތްތެރިން ކުރަމުން އަންނަ މަސައްކަތް ފާހަގަކުރައްވައި އެފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ.

އެގޮތުން ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ މަސައްކަތް ވިލަރެސް ކުރުމުގައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ)ގެ ދަށުން ނޭޝަނަލް ޓާސްކްފޯސްގެ ފަރާތުން، 46 އިދާރާއެއް ގުޅިގެން ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކާއި، ކޮރޯނާވައިރަހާ ގުޅިގެން އިސް ސަފަށް ނުކުމެ އުޅުއްވީ ސިއްހީ ދާއިރާއަށް ނިސްބަތްވާ ފަރާތްތަކަކީ ކޮންމެ ދުވަހަކުވެސް ފުރާނަ އަތްމައްޗަށް ލައިގެން ބުރަ މަސައްކަތްތަކެއް ކުރައްވާ ބައެއް ކަމަށެވެ.

"އަޅުގަނޑުމެން އެ ފަރާތްތަކަށް ހާއްސަ ގޮތްތަކެއް އެބަ ރާވަން. އިރާދަކުރެއްވިއްޔާ ރަނގަޅު އެހީތެރިކަމެއް އަޅުގަނޑުމެން ފޯރުކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި އަހަރު ހުރިހާ ދާއިރާއެއްގައި މަސައްކަތް ކުރާ ފަރާތްތަކުގެ މުސާރަތައް ހާމަނައިޒްކުރުން، ނުވަތަ ކުރާ މަސައްކަތާ ބައްދަލު އުޖޫރައެއް ދިނުމަށް ސަރުކާރުން ނިންމައި އެކަމުގެ ދިރާސާވެސް ނިންމާފައިވާ ކަމަށެވެ.

އެހެން ނަމަވެސް މުސާރަތައް ހާމަނައިޒްކުރުމުން ވެސް ދައުލަތުގެ ބަޖެޓުން މުޅި ޖުމްލަ ހަތް ބިލިއަން ހަރަދުވާ ކަމަށާއި، އެހެންކަމުން މިހާރު އޮތް ހާލަތުގައި އެކަން ފަސްކޮށްލަން ޖެހިފައިވާ ކަމަށެވެ.

"އެހެން ނަމަވެސް ސިއްހީ ދާއިރާވެސް އަދި ތައުލީމީ ދާއިރާވެސް އެ ތިއްބެވި ހިދުމަތްތެރިންނަކީ ރަނގަޅު އިނާޔަތެއް، ރަނގަޅު މުސާރައެއް ލިބެންޖެހޭ ބައެއްކަމަށް އަޅުގަނޑު ގަބޫލުކުރަން،" ރައީސް ވިދާޅުވިއެވެ.

ރައީސް އިއްޔެ ވިދާޅުވީ ޗައިނާގައި ކޮރޯނާ ފެތުރެން ފެށުމާއެކު، ޖެނުއަރީ ހަވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަައި ހާލަތާ ގުޅޭގޮތުން ކަންކަން ބަދަލުކުރަމުން އަންނަނީ ސިއްހީ ތަޖުރިބާކާރުންގެ ލަފަޔާ އެއްގޮތަށް ކަމަށެވެ.

އަދި މިކަމުގައި އެންމެ އިސް ބަސްވެސް، އަދި އެންމެފަހު ބަސްވެސް ބުނާނީ، ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ކަމަށާއި ސަރުކާރުން ކުރާ ކަމަކީ، އެ ބޭފުޅުންގެ އިރުޝާދުތައް ތަންފީޒު ކުރުމަށް މަގުފަހިކޮށްދިނުން ކަމަށެވެ.

އެހެންކަމުން ހުރިހާ ދިވެހި ރައްޔިތުންވެސް ސިއްހީ ތަޖުރިބާކާރުން ދެއްވާ އިރުޝާދުތަކަށް އަމަލުކުރެއްވުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.

"އެ ބޭފުޅުން އެ މަސައްކަތް ކުރައްވަނީ ތިޔަބޭފުޅުންނަށްޓަކައި. ތިޔަބޭފުޅުން ކޮށްދެއްވަންވީ ކަމަކީ، ބޭރަށް ނުކުމެވަޑައިނުގެން ގޭގައި މަޑުކޮށްދެއްވުން،" ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް