މެސީ އަށްވުރެ ރޮނާލްޑޯ މޮޅު: ޕެލޭ

ބާސެލޯނާ އާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗެއްގައި ރޮނާލްޑޯ އަދި މެސީ --- ފޮޓޯ : ގޯލް

މިވަގުތު ފުޓުބޯޅައިގެ ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިންނަށް ބަލާއިރު ލިއޮނެލް މެސީއަށްވުރެ، ކްރިސްޓިއާނޯ ރޮނާލްޑޯ މޮޅު ކަމަށް ބްރެޒިލްގެ ފުޓުބޯޅަ ލެޖެންޑެއް ކަމަށްވާ ޕެލޭ ބުނެފިއެވެ.

ޕެލޭގެ ޔޫޓިބް ޗެނަލްގައި ދާދިފަހުން އޭނާ ބުނެފައިވަނީ މިހާރުގެ ފުޓުބޯޅަ ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިޔަކީ ރޮނާލްޑޯ ކަމަށެވެ.

އެހެންނަމަވެސް މެސީގެ މަތިން ހަނދާން ނައްތާ ނުލެވޭނެ ކަން ފާހަގަކޮށް ޕެލޭ ބުނީ، ރޮނާލްޑޯ އެންމެ މޮޅު ކުޅުންތެރިޔަކަށް ވަނީ އޭނާއަކީ އަބަދުވެސް އެއްވަރެއްގައި ހިފަހައްޓާ ކުޅުންތެރިޔަކަށް ވާތީ ކަމަށެވެ.

އެ ދެ ކުޅުންތެރިން ކިތަންމެ މޮޅު ނަމަވެސް މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔަކީ ޕެލޭ ކަމަށް އޭނާ އަމިއްލައަށް ވަނީ ބުނެފައެވެ.

ޖުމްލަ ތިން ފަހަރަކު ވޯލްޑު ކަޕްގެ ތަށި އުފުލާފައިވާ ޕެލޭ އަކީ މިހާތަނަށް އެންމެ ގިނަ ގޯލު ޖައި ގީނެސް ބުކް އޮފް ވޯލްޑް ރެކޯޑްސްގައި ހިމެނޭ ކުޅުންތެރިޔެކެވެ. އެގޮތުން އޭނާ ވަނީ 1،281 ގޯލު، އޭނަގެ ކެރިއަރުގައި ޖަހާފައެވެ.

މިހާތަނަށް 1،000 މެޗު ކުޅެގެން ރޮނާލްޑޯ ވަނީ 725 ގޯލު ޖަހާފައެވެ. ރޮނާލްޑޯ އަކީ މެސީއަށްވުރެ ސީނިއާ ކުޅުންތެރިޔަކަށް ވި ނަމަވެސް މެސީވެސް ވަނީ ގިނަ ލަނޑުތަކެއް ޖަހާފައެވެ. އެގޮތުން 856 މެޗު ކުޅެގެން މެސީ ވަނީ 697 ގޯލު ޖަހާފައެވެ.

comment ކޮމެންޓް