ބަޔާން އާއި ބޮރުއްސިއާ ކުޅުންތެރިންގެ މުސާރަ ކުޑަކޮށްފި

ކޮރޯނާ ވައިރަސް އާ ގުޅިގެން ކުޅިވަރުތައް މެދުކަނޑާލުމުގެ ކުރީން ބަޔާން މިއުނިކްގެ ކުޅުންތެރިން ޓްރެއިނިންގައި --- ފޮޓޯ: ގެޓީ

ބަޔާން މިއުނިކް އާއި ބޮރުއްސިއާ ޑޯޓުމުންޑްގެ ކުޅުންތެރިންނާއި ޑައިރެކްޓަރުންގެ މުސާރައިން ބައެއް ކުޑަކުރަން އެ ފަރާތްތަކުން އެއްބަސްްވެއްޖެ އެވެ.

މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ދަނޑުތައް ބަންދުކޮށް، މެޗުތައް މެދުކަނޑާލުމުގެ ސަބަބުން ކްލަބުތަކުގައި ހިމެނޭ ކުޅުންތެރިންނާއި ޑައިރެކްޓަރުން ފިޔަވާ އެހެން ގިނަ ފަރާތްތަކެއްގެ ވަޒީފާތައް ވަނީ ގެއްލިފައެވެ. އެހެންކަމުން އެ ފަރާތްތަކަށް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ކުޅުންތެރިންގެ އަތުން މުސާރަ ކުޑަކޮށް، އެފަރާތްތަކަށް ފައިސާ ދިނުމަށް ކުޅުންތެރިން އެއްބަސްވިއެވެ.

ބަޔާންގެ ކުޅުންތެރިން ބުނެފައިވަނީ އެ ފަރާތްތަކުންގެ އާމްދަނީއިން 20 ޕަސެންޓު ކުޑަކުރާނެ ކަމަށެވެ. އަދި އެ 20 ޕަސެންޓް ދާނީ ބަޔާންގެ މުވައްޒަފުންނަށް ކަމަށް ކުޅުންތެރިން ވަނީ ނިންމާފައެވެ.

ބޮރުއްސިއާގެ މުސާރައިން ބައެއް މަދު ކުރާނެ ކަމަށް ބުނެފައިވި ނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

ކުޅުންތެރިން މުސާރައިން މުވައްޒަފުންނަށް ފައިސާ ފޯރުކޮށްދޭއިރު އެގޮތަށް ފައިސާ ފޯރުކޮށްދޭނެ މުއްދަތުގެ މައުލޫމާތެއް އެއް ކްލަބަކުންވެސް ހާމަކޮށްފައެއް ނުވެއެވެ.

ޖަރުމަނުގެ ދެ ޓީމުގެ ކުޅުންތެރިންގެ މުސާރަ ކުޑަކުރުމަށް ނިންމިއިރު، ޖަރުމަނުގެ ފުޓުބޯޅަ ލީގު ބުންޑެސްލީގާ ވަނީ ކޮވިޑް-19ގެ ސަބަބުން މި މަހުގެ އަށަކުން ފެށިގެން މެދުކަނޑާލާފައެވެ.

comment ކޮމެންޓް