ސަރުކާރުން މާލޭގެ ކުލިތައް ރެގިއުލޭޓްކުރަން ވިސްނާނަން: ރައީސް

ރައިސް ސޯލިހު ނޫސްވެރިންގެ ބައްދަލުވުމުގައި: މާލޭގެ ކުލިތައް ބޮޑުކަމަށް ރައީސް ސޯލިހު ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

މިހާރު މުޅި ދުނިޔެ އާއި ރާއްޖޭގައި ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ކުލި ކޮންޓްރޯލް ކުރުމަށް ވިސްނަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން ލޯންތައް ދެއްކުމުގެ މުއްދަތު ފަސްކޮށް ލޯނުގެ އިންޓަރެސްޓް ދެއްކުމުގައިވެސް ވަނީ ލުއިތަކެއް ދީފަ އެވެ.

އެހެންކަމުން މިހާރު ރާއްޖޭގައި ކުއްޔަށް އުޅޭ މީހުންނަށް ހާއްސަ ގޮތްތަކެއް ހަމަޖައްސައިދޭން ސިޔާސަތެއް އެބައޮތްތޯ ރައީސްއާ އިއްޔެ ނޫސްވެރިއަކު ވަނީ ސުވާލުކޮށްފަ އެވެ.

އެ ސުވާލާ ގުޅިގެން ރައީސް ވިދާޅުވީ، މާލޭގެ ކުލިތައް ބޮޑު ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެހެން ނަމަވެސް ކުލި ކޮންޓްރޯލް ކުރުމުގެ ސިޔާސަތެއް ސަރުކާރުގެ އަދި ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މާލޭގައި ރެންޓްތަކުގެ އަގު ބޮޑު ދުނިޔޭގެ ނިސްބަތުންވެސް ބަލާއިރުވެސް. އެންމެ އަގު ބޮޑު ސިޓީތަކެކޭ އެއްވަރު. ސަރުކާރުން އަދިއެއް ރެގިއުލޭޓްއެއް ނުކުރަން. އެހެން ނަމަވެސް ތި ހުށަހެޅުން އަޅުގަނޑު ގަބޫލުކުރަން. އިރާދަ ކުރެއްވިއްޔާ ތިކަމާ ދޭތެރޭ ވިސްނާނަން" ރައީސް ވިދާޅުވި އެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން އޭގެ އަސަރު އިގްތިސާދަށް ވަރަށް ބޮޑަށް ކޮށްފައިވާއިރު، ވަޒީފާ ގެއްލި ކުލި ނުދެއްކިގެން މިހާރުވެސް ބައެއް ފަރާތްތަކުން ދަނީ އުޅެމުންނެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން ސަރުކާރުން މިހާރުވެސް ދަނީ އާންމުންނަށް އެކި ކަންކަމުގައި ލުއިތަކެއް ދެމުންނެވެ. އެގޮތުން ސްޓޫޑަންޓް ލޯން އަނބުރާ ދެއްކުމުގައިވެސް ހަ މަސް ދުވަސް ފަސްކޮށްދިނުމަސް މިހާރު ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން ހުރިހާ ގޭބިސީއެއްގެ ކަރަންޓް ބިލުން، 40 ޕަސެންޓް އަދި ފެން ބިލުން 30 ޕަސެންޓް ހިލޭކޮށްދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އޭގެ އިތުރުން ރިޒޯޓުތަކާއި، ގެސްޓްހައުސްތަކާއި އަދި އެނޫން ވިޔަފާރިތަކަށް، ބީއެމްއެލްގެ އަމިއްލަ ފައިސާއިން 308 މިލިއަން ރުފިޔާ ދޫކުރުމަށް، އެ ބޭންކުންވަނީ ނިންމާފައިވާކަންވެސް ރައީސް ވަނީ އިއުލާންކުރައްވައިފަ އެވެ.

" ބޭންކް އޮފް މޯލްޑިވްސް އިން މިހާތަނަށް ދޫކޮށްފައި ހުރި ލޯނުތައް، އަނބުރާ ދެއްކުން 6 މަސްދުވަހަށް ލަސްކޮށްދިނުމަށާއި، ލޯނު އަނބުރާ ދެއްކުމުގެ މުއްދަތަށް 6 މަސްދުވަސް އިތުރުކޮށްދޭން އެ ބޭންކުން ވަނީ ނިންމާފައި." ރައީސް ވިދާޅުވި އެވެ.

comment ކޮމެންޓް