ގައުމީ ޝިޕިންލައިންގެ ފުރަތަމަ ބޯޓް އަންނަ ހަފްތާ ރާއްޖެއަށް

މުދާ ބަރުކޮށްފައިވާ ބޯޓަކުން މުދާ ބާލަނީ--- ސަން ފައިލް ފޮޓޯ

އަލަށް އުފެއްދި ގައުމީ ޝިޕިން ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ފުރަތަމަ ބޯޓް މި މަހުގެ 30 ވަނަ ދުވަހު ރާއްޖެ އަންނާނެ ކަމަށާއި 700 ކޮންޓެއިނަރުގެ ޖާގައެއް ލިބޭނެ ކަމަށް އެމްއެމްއެސްގެ މައި ކުންފުނި އެސްޓީއޯއިން ބުނެފި އެވެ.

އެމްއެސްއެސްގެ ފުރަތަމަ ބޯޓު މި މަހުގެ 30ވަނަ ދުވަހު ރާއްޖެއަށް އަންނާނެ ކަމަށް މިއަދު ހަވީރު ކޮވިޑް19އާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ އިއުލާނު ކުރައްވާފަ އެވެ.

އެމްއެސްއެސްއަކީ އެސްޓީއޯގެ ދަށުން ހިންގާ ސަބްސިޑަރީ ކުންފުންޏެކެވެ.

މިކަމާ ގުޅޭގޮތުން އެސްޓީއޯގެ ޖެނެރަލް މެނޭޖަރު. ފިއުލް، ލޮޖިސްޓިކްސް އެންޑް ކޮންސްޓްރަކްޝަން އަބްދުލް ވާހިދު މޫސާ "ސަން"އަށް ވިދާޅުވީ ފުރަތަމަ ގެންނަ ބޯޓަކީ 700 ކޮންޓެއިނަރު އުފުލޭވަރުގެ ބޯޓެއް ކަމަށެވެ.

"މި މަހުގެ 30 ހިސާބުގައި ބޯޓު އަންނާނެ. ދެ ތިން ދުވަހުގެ ތަފާތެއް ވެސް އައިސްދާނެ. ފުރަތަމަ ބޯޓަކީ 700 ކޮންޓެއިނަރު ބަރުކުރެވޭ ވަރުގެ ބޯޓެއް. މި ޝިޕިން ލައިނުން މުދާ ގެނައުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާނެ." ވާހިދު ވިދާޅުވި އެވެ.

މީގެ ކުރިން ވާހިދު ވިދާޅުވީ މި ޝިޕިން ލައިން ފަށައިގަންނައިރު މަހަކު ދެ ދަތުރު ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިއަދުގެ ޕްރެސްގައި ރައީސް ޞާލިހު ވިދާޅުވީ ރާއްޖެ އޮތީ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވެފައި ކަމަށާއި އެކަން ބަދަލު ކުރުމަށް އެހެން ސިނާއަތްތަކަށް އިންވެސްޓު ކުރަން ޖެހޭ ކަމަށެވެ.

އެގޮތުން މި ޝިޕިން ލައިނަށް އިންވެސްޓު ކުރުމަކީ އޭގެ ތެރެއިން މުހިންމު އެއް މަސައްކަތް ކަމަށާއި މިކަމުގައި ކުރިން ރާއްޖޭގެ ފަހުރުވެރި ތާރީހު އަލުން އިޔާދަކުރައްވާނެ ކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ.

އެސްޓީއޯއިން ޝިޕިންގެ ހިދުމަތް ފަށައި، އެ ވިޔަފާރީގެ ތެރެއަށް ވަންނައިރު، އެކުންފުނިންޏަކީ އެންމެ ގިނައިން ރާއްޖެއަށް މުދާ އެތެރެކުރާ ކުންފުންޏެވެ.

އެމްއެސްއެސްގެ ހިދުމަތާއެކު އެސްޓީއޯއާއި އެހެން ވިޔަފާރިތަކަށް ވެސް ރާއްޖެއަށް މުދާ އެތެރެކުރުމުގައި މިހާރަށް ވުރެ ލުއިފަސޭހަ ގޮތްތަކެއް ފަހިވެގެންދާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

comment ކޮމެންޓް