އަހަރު ފަހުކޮޅު އިގްތިސާދު ހަމައަކަށް އެޅޭނެ، ރިސޯޓުތަައް ފުރޭނެ: ރައީސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޓޫރިސްޓުންތަކެއް: ކޮރޯނާވައިރަހާ އެކު ރާއްޖޭގެ ޓޫރިޒަމް ވަނީ އެކީހެން ހުއްޓިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ ފަހުކޮޅު ދުނިޔޭގެ އިގްތިސާދު އަދި ރާއްޖޭގެ އިގްތިސާދުވެސް ހަމައަކަށް އެޅި، ފަތުރުވެރިކަން ކުރިއަރައި ރާއްޖޭގެ ރިސޯޓުތައް ފުރޭނެކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކޮރޯނާވައިރަހާ ގުޅިގެން ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތައް ހާމަކުރެއްވުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މިހާރު ފަތުރުވެރިކަމަށް ދިމާވެފައިވާ ހީނަރުކަމުން އަރައިގަތުމަށް، ކުރިއަށް އޮތް ތިން މަހު ކެތްތެރިވެ، ހިފަހައްޓާލުން މުހިންމު ކަމަށެވެ.

ރައީސް ވިދާޅުވީ ދުނިޔެއަށް ދިމާވެގެން އުޅެނީ "ފައިނޭންޝަލް ކްރައިސިސް" އެއް ނޫން ކަމަށާއި، ގައުމުތަކުގެ ބޭންކުތަކުގައި ފައިސާ އެބަހުރި ކަމަށެވެ. މީހުން އަދިވެސް ހަރަދުކުރަން ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮވިޑް-19 ބަލިމަޑުކުން އަރައިގަތުމާއެކު، މި އަހަރުގެ ފަހު ކުއާޓަރާއި، އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި "އިކޮނޮމިކް ބޫމް" އެއް އަންނާނެ ކަމަށް ތަޖުރިބާކާރުން މިހާރު އަންދާޒާ ކުރައްވާފައިވާ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެން ކެތް ކޮށްލައިގެން މިގަޑީގަ ހިފަހައްޓާލައިގެން ތިބެންވީ. އިރާދަކުރެއްވިއްޔާ މި އަހަރުގެ ފަހުކޮޅުގައި އަޅުގަނޑުމެންގެ އިގްތިސާދަށް ވެސް އަދި ދުނިޔޭގެ އިގްތިސޯދަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ. އަޅުގަނޑަށް އެ މަންޒަރު ފެންނަނީ ރާއްޖޭގެ ޓޫރިޒަމް ހަމަ ރިސޯޓުތައް ފުރިގެންދާ ތަން،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް ދިމާވެފައިވާ ހީނަަރުކަމުން އަރައިގަނެވޭނެ ކަމުގެ އުންމީދު ރައްޔިތުންނަށް ދެއްވީ މިހާރު ލިބެމުން އަންނަ ބުކިން ނަންބަރުތަައް ހިއްސާކުރައްވަމުންނެވެ.

ރައީސް ވިދާޅުވީ މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ގައުމު ކަމަށްވާ، ޖަރުމަނުވިލާތުގައި ބަލި ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި، އެއާއެކު އެގައުމުން މިހާރު ވެސް ބުކިންތައް ލިބެން ފަށާފައިވާ ކަމަށެވެ.

އެގޮތުން މީގެ ތިން މަސް ފަހަށް ޖަރުމަނު ވިލާތުން 20،000 އެއްހާ ބުކިން ހެދުމަށް ޖަރުމަނު ފަތުރުވެރިން އެދެމުން އަންނަ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި، އަދި ރަޝިޔާއިން އިއްޔެ ވެސް 300 އަށް ވުރެ ގިނަ މީހުން ބުކިން ހަދަން ގުޅާފައިވާކަން އެނގިވަޑައިގެންފައިވާ ކަމަށެވެ.

އަންނަ އޭޕްރީލް މަސް ނިމޭއިރު ރާއްޖެ ޗައިނާ އާއ ސައުތު އީސްޓް އޭޝިއާ އަށް ހުޅުވާލެވޭނެ ކަމަށް ވެސް ރައީސް އިއްޔެ ވިދާޅުވި އެވެ.

ޗައިނާ އަކީ މިއަހަރުގެ ޖެނުއަރީގެ ނިޔަލަށް ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމެވެ. ނަމަވެސް ކޮރޯނާވައިރަހުގެ ބަލިމަޑުކަމާއެކު އެގައުމުން މީހުން އައުން މަނާކުރުމާއެކު ޗައިނާގެ މާކެޓު ވަނީ ސުމަކަށް ވެއްޓިފަ އެވެ.

ރައީސް އިއްޔެ ވިދާޅުވީ އިގްތިސާދަށް މިހާރު އަރާފައިވާ ލޮޅުމުން ރިކަވާ ވާން ރާއްޖެއަށް ނަގާނީ ހަ މަސް ދުވަސް ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ގައުމުތަކުން މީހުން އެތެރެވުން މަނާކުރުމާ ގުޅިގެން ފަތުރުވެރިކަން ދަށްވެ މިހާތަނަށް 50 ރިސޯޓެއް ވަނީ ވަގުތީގޮތުން ބަންދުކޮށްފަ އެވެ. އަދި މާދަމާއިން ފެށިގެން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލުމާއެކު ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަސް ތެރޭ ހުރިހާ ރިސޯޓުތަކެއް ބަންދުކުރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ރައީސް އިއްޔެ ވިދާޅުވި އެވެ.

comment ކޮމެންޓް