ބަސް ބުނާނީ ސިއްހީ މާހިރުން، ސަރުކާރުން އެކަން ތަންފީޒުކުރާނަން: ރައީސް

ރައީސް ސޯލިހް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާވައިރަސް ކޮވިޑް19އާ ގުޅިގެން ރާއްޖެއިން އަޅާނެ ފިޔަވަޅުތަކުގައި ބަސް ބުނާނީ ސިއްހީ މާހިރުން ކަމަށާއި އެކަންކަން ސަރުކާރުން ތަންފީޒު ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ކޮރޯނާވައިރަސްއާ ގުޅިގެން ރައީސް ސޯލިހް މިއަދު ވަނީ ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަން ފައްޓަވަމުން ފުރަތަމަވެސް ރައީސް ޝުކުރު އަދާ ކުރެއްވީ، ސިއްހީ ދާއިރާގެ ބޭފުޅުން ކުރައްވަމުން ގެންދާ ބުރަ މަސައްކަތަށެވެ.

ރައީސް ވިދާޅުވީ، ޗައިނާ އިން ވައިރަސް ފެނުމާއެކު ފުރަތަމަވެސް ސަރުކާރުވެސް ސަރުކާރުން ފިވަޅުތައް އަޅުއްވަމުން ގެންދެވީ އެ މާހިރުންގެ އިރުޝާދާއި ލަފާގެ މަތިން ކަމަށާއި ދެން ވެސް އަމަލު ކުރައްވާނީ އެގޮތަށް ކަމަށެވެ.

"މިކަމުގައި އެންމެ އިސްބަސްވެސް އަދި އެންމެ ފަހު ބަސްވެސް ބުނާނީ ސިއްހީ ތަޖުރިބާކާރުން. ސަރުކާރުން ކުރާނެ ކަމަކީ، އެބޭފުޅުންގެ އިރުޝާދުތައް ތަންފީޒު ކުރުމަށް މަގުފަހުކޮށްދިނުން،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހް ރައްޔިތުންގެ ކިބައިންވެސް އެދިވަޑައިގަތީ، ސިއްހީ މާހިރުން ދެއްވާ ލަފައަށް އަމަލު ކުރުމަށެވެ. އެގޮތުން ގޭގައި މަޑުކުރުމަށް ރައީސް އިލްތިމާސްކުރެއްވިއވެެ.

"އެބޭފުޅުން[ސިއްހީ މާހިރުން] އެ މަސައްކަތް ކުރައްވަނީ ތިޔަބޭފުޅުންނަށްޓަކައި. ތިޔަބޭފުޅުން ކޮށްދޭންވީ ކަމަކީ، ބޭރަށް ވަޑައިނުގަތް، ގޭގައި މަޑުކޮށްދިނުމަށް،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ވައިރަހުން ރައްކާތެރިވުމަށް ސަރުކާރުން އަޅާ ފިވަޅުތަކުން އާންމު ދިރިއުޅުުގެ ވަރަށް ގިނަ ކަންކަމަށް ހުރަސް އެޅޭ ކަމަށާއި ނަމަވެސް އެ ފިޔަވަޅުތަކަކީ، ހުރިހާ އެންމެންގެ ރައްކަލަކަށް އަޅާ ފިޔވަޅުތަކެއް ކަން ގަބޫލު ކުރައްވަން ޖެހޭ ކަމަށެވެ.

ސަރުކާރުން މިމަހު 12 ވަނަ ދުވަހު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް މިހާތަނަށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.

މިއަދު ރައީސް ސޯލިހް ވަނީ އާ ފިޔަވަޅުތަކެއް އަޅައި، އެކަންކަން ހާމަކުރައްވާފައެވެ. އެގޮތުން އިތުރު އެއް ހަފްތާއަށް ސުކޫލްތަކާއި ކޮލެޖު/ޔުނިވާސިޓީ އަދި ސަރުކާރު ބަންދުކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ނިންމުމާއެކު ކުރިން އަންނަ އާދިއްތަ ދުވަހަށް އެތަންތަން ހުޅުވުން އޮތް ނަމަވެސް، ދެން އެތަންތަން ހުޅުވޭނީ، އަންނަ މަހުގެ ފަސް ވަނަ ދުވަހުއެވެ.

އޭގެ އިތުރުން އަންނަ އާދިއްތަ ދުވަހުން ފެށިގެން މުއްދަތެއް ނެތް ގޮތަށް އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލަން ނިންމާފައިވާ ކަމަށްވެސް ރައީސް މިއަދު ވިދާޅުވިއެވެ.

ރައީސް ވަހަކަފުޅުގައި ރައްޔިތުންނަށް ދެއްވީ އުންމީދެވެ. އެންމެން ގުޅިގެން މިހާލަތުން އަރައިގަނެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި މި އުދަނގޫ ދަނޑިވަޅުގައި ސަރުކާރުން ރައްޔިތުންނަށް ލުއި ދިނުމަށްވެސް ނިންމަވާފައިވާ އިތުރު ނިންމެވުންތައް ރައީސް ވަނީ ހާމަ ކުރައްވާފައެވެ.

ރައްޔިޔުންނަށް ދޭން ނިންމި ބައެއް ލުއިތަށް:

  • ބީއެމްއެލް ލޯނަށް ފައިސާ ދެއްކުން ހަ މަހަށް ފަސްކޮށް، ފައިސާ ދައްކަން ޖެހޭ މުއްދަތު ހަ މަހަށް އިތުރުކުރުން.
  • ސްޓޫޑެންޓް ލޯނު ދެއްކުން ހަ މަހަށް ފަސް ކުރުން.
  • އެޗްޑީއެފްސީގެ ލޯނުތައް ހަ މަހަށް ލަސް ކުރުން.
  • އިންޓްރެސްޓް ކުޑަކޮށް ވިޔަފަރިތައްކަށް އިތުރު ލޯން ދޫކުރުން.
  • އިންޓަނެޓުން ލުއިތަކެއް ދޭން ނިންމުން.

މިހާތަނަށް ރާއްޖެއިން ކޮރޯނާ ވައިރަހަށް 13 މީހަކު ޕޮޒިޓިވްވި އިރު، އަށް މީހަކު ވަނީ ވައިރަހުން ރަނގަޅުވެފައެވެ. މިހާރު ފަރުވާ ދެމުން ދަނީ ފަސް މީހަކަށެވެ.

comment ކޮމެންޓް