ތަރުކާރީ އާއި މޭވާ ގެންނަން ކާގޯ ޗާޓަރު ފްލައިޓްތަކެއް ބާއްވަނީ

މަޖީދީ މަގު މާރުކޭޓް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރާއްޖެއަށް ތަރުކާރީ ގެނައުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ބަލައި ތަރުކާރީ ގެނައުމަށް ކާގޯ ޗާޓަރު ފުލައިޓްތަކެއް ބާއްވަން ވިސްނަމުން ދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު އެހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 'ސަން' އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރާއްޖެއަށް ތަރުކާރީ އާންމުކޮށް އެތެރެކުރާ ގައުމުތަކުގެ ތެރޭގައި ސްރިލަންކާ، އިންޑިއާ ދުބާއީ ފަދަ ގައުމުތައް ހިމެނެ އެވެ. އެގައުމުތަކުން މިހާރު ވަނީ އިންޓަނޭޝަނަލް ދަތުރުތައް ހުއްޓާލާފަ އެވެ.

ރައީސް ސޯލިހު ވިދާޅުވީ ތަރުކާރީ ލިބުން ދަތިވާނެ ކަމަށް ބަލައި ކާގޯ ޗާޓަރު ފްލައިޓްތަކެއް ބާއްވަން މަސައްކަތް ކުރަމުން ދާ ކަމަށެވެ.

"ބޭރުން ގެންނަ ތަރުކާރީއާއި މޭވާ ގެނައުމަށް ފުދޭވަރެއްގެ ބޮޑެތި ދަތިތަކެއް ކުރިމަތި ވާނެ ފްލައިޓްތައް ކެންސަލް ކުރުމާ އެކީގައި. އަޅުގަނޑުމެން ވިސްނުމެއް އެބަ ގެންގުޅެން ކާގޯ ޗާޓަރު ފްލެއިޓްތަކެއް ބޭއްވުމަށް." ރައީސް ސޯލިހު ވިދާޅުވި އެވެ.

ރާއްޖެއަށް ތަރުކާރީއާއި މޭވާ ބޭނުންވަނީ ކިހާވަރެއް ތޯ ބެލުމަށް ފަހު ފްލައިޓް ބާއްވާނީ ހަފްތާއަކު ކިތައް ދުވަހުތޯ ނިންމާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ލަންކާއަށް މިހާރު ދެވޭނެ ކަމުގެ ޔަގީންކަން ސްރިލަންކާއިން ދީފި. އިންޑިއާއިންވެސް ދީފި. ދެން އިންނާނީ ތައިލެންޑާއި ދުބާއީ. އެ ހަތަރުތަން އަޅުގަނޑުމެން ބަލަމުން މިދަނީ. ބަލާފަ ރަނގަޅު ވޮލިޔުމްއެއް ހަމަވީމަ ގެންނަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެއީ ބޮޑެތި ހަރަދުތައް ކަމަށާއި، އެހެންނަމަވެސް އެއީ ކުރަން ޖެހޭ ހަރަދުތައް ކަމަށެވެ.

comment ކޮމެންޓް