ސިޔާސީ މަގާމްތަކަށް މީހުން އައްޔަން ކުރުން ވަގުތީގޮތުން ހުއްޓާލައިފި

މާޗް 4، 2020: ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތަށް ދޭން ފެށިތާ 70 އަހަރު ފުރުން ފާހަގަ ކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިޔާސީ މަގާމްތަކަށް މީހުން އައްޔަން ކުރުން ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅިގެން ދަރުބާރުގޭގައި ގާއިމްކޮށްފައިވާ ނޭޝަނަލް އިމަޖެންސީ ސެންޓަރުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ސިޔާސީ މަގާމުތަކަށް މީހުން އައްޔަނުކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.

"އިތުރު ބުރައެއް މިވަގުތު އުފުލުމަކީ ބަޖެޓަށް ބުރަ ބޮޑުވެގެން ދާނެ ކަމަކަށްވާތީ އިހަށް މަޑުކޮށްލައިގެން މި ހުރީ،" ރައީސް ވިދާޅުވިއެވެ.

އަދިވެސް ބައެއް ސިޔާސީ މަގާމުތަކަށް މީހުން އައްޔަނު ކުރުމަށް ހަމަޖެހިފައިވާ ކަން ރައީސް ވިދާޅުވިއެވެ. ނަމަވެސް އެކަމުގެ ސަބަބުން ބަޖެޓުން އިތުރު ފައިސާތަކެއް ހަރަދުކުރަން ޖެހޭތީ އެކަން މިދަނޑިވަޅުގައި މަޑުޖައްސާލާފައިވާކަމަށް ރައީސް ވިދާޅުވި އެވެ.

ކޮވިޑް-19އާ ގުޅިގެން ސަރުކާރުގެ ހަރަދުތަކުން އެއް ބިލިއަން ރުފިޔާ ކުޑަކުރަން، ވަޒީރުންގެ މަޖިލީހުން ވަނީ ނިންމައިފަ އެވެ.

އެގޮތުން، ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ މުސާރައިން 20 ޕަސެންޓް ކުޑަކުރުމަށް ވެސް ވަނީ ނިންމާފަ އެވެ. ނަމަވެސް ސިވިލް ސާވިސް އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަ ނުކުރާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދެއްވާފަ އެވެ.

comment ކޮމެންޓް