ވިޔަފާރިތައް ދަމަހައްޓަން އަންނަ ހަފުތާގައި ލޯނު ދޫކުރަން ފަށާނަން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު--

ކޮވިޑް19އާ ގުޅިގެން ވިޔަފާރިތަކަށް އެހީވުމަށްޓަކައި ސަރުކާރުން އެކުލަވާލި އިކޮނޮމިކް ޕެކޭޖުގެ ދަށުން ލޯނަށް އެދުމުގެ ފުރުސަތު އަންނަ ހަފްތާގައި ހުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.

ކޮވިޑް19އާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެ ލޯނުތައް ދޫކުރާނީ ބޭންކް އޮފް މޯލްޑިވްސްއާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ކަމަށެވެ.

"ވިޔަފާރިތަކަށް ވެސް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން މިއަންނަނީ. އަޅުގަނޑުމެން މި ސްޓިމިއުލަސް ޕެކޭޖުގެ ތެރެއިން މި ދޫކުރާ ލޯނު އެހީ ލުއި ގޮތެއްގައި މި ދޫކުރަނީ ވީވަރަކުން ވިޔަފާރިވެރިންގެ ވިޔަފާރިތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަކިނުކުރަން އަދި ދޭން ޖެހޭ މުސާރަ މަހުން މަހަށް ލިބޭ ގޮތަށް ހެދުން. ލޯނު ދޫކުރާއިރު އެކަމަށް އިސްކަން ދޭނަން،" ރައީސް ވިދާޅުވި އެވެ.

މި ދުވަސްވަރަކީ ދަތި ދުވަސްވަރެއް ކަމަށްވުމާއެކު އާންމުންނަށް ވީ ވަރަކުން އެހީތެރިވުމަށް ވިޔަފާރިވެރިންގެ ފަރާތުން ރައީސް ސާލިހު ވަނީ އެދިވަޑައިގެންފަ އެވެ.

އިކޮނޮމިކް ޕެކޭޖާ ގުޅޭގޮތުން މީގެ ކުރިން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ވިޔަފާރިތަކުގެ ވޯކިން ކެޕިޓަލް ރަނގަޅު ކުރުމަށް ދޫކުރާ މި ޕެކޭޖުގެ ދަށުން ފައިސާ ދޫކުރާނީ ހަ މަހުގެ ގްރޭސް ޕީރިއަޑަކާއެކު ހަ ޕަސެންޓު އިންޓްރެސްޓުގައި ކަމަށެވެ. އެ ފައިސާ އަނބުރާ ދެއްކުމަށް ތިން އަހަރުގެ މުއްދަތެއް ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ވޯކިން ކެޕިޓަލްގެ ގޮތުގައި ދޫކުރާ ފައިސާއާއެކު ދިވެހިންގެ ވަޒީފާ ނުގެއްލި ވިޔަފާރިތައް ހިފެހެއްޓިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް