ވޯލްޑް ބޭންކުން ރާއްޖެއަށް 10 މިލިއަން ޑޮލަރު ދީފި

ރައީސް ވާހަކަދައްކަވަނީ -- ފޮޓޯ/ރައީސް އޮފީސް

ވޯޯލްޑް ބޭންކުން ރާއްޖެއަށް 10 މިލިއަން ޑޮލަރުގެ އެހީ ދީފިއެވެ.

ކޮރޯނާ ވައިރަސްގެ ހާލަތާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ވޯލްޑް ބޭނުންކުން ކޮރޯނާވައިރަސް ފަންޑަށް 10 މިލިއަން ޑޮލަރު ދީފައިވާ ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މި ހާލަތުގައު ރާއްޖެއަށް އެހީވުމަށް ބޭރުގެ މާލީ އިދާރާތަކުންވެސް ވަރަށް ބޮޑު އެއްބާރުލުން ދެއްވާ ކަމަށެވެ.

"އެގޮތުން ވޯލްޑް ބޭންކުން ދިހަ މިލިއަން ޑޮލަރު މިހާރުވަނީ ގްރާންޓެއްގެ ގޮތުގައި ކޯވިޑް ފަންޑަށް ލިބިފައި. މީގެ އިތުރުން، އޭޑީބީ އާއި އޯޕެކް، އައިޑީބީ، އޭއައިއައިބީ ފަދަ ބޭންކުތަކާ މި އަންނަނީ މަޝްވަރާ ކުރަމުން،" ރައީސްް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން މި ހާލަތުގައި ދޭ އިގްތިސޯދީ ޕެކޭޖު ނެގުމަށް ރާއްޖެއިން ވިސްނާފައި ނުވާ ކަމަށެވެ.

"އައިއެމްއެފްގެ ޕެކޭޖަކަށް ދިޔުމުގެ ވިސްނުމެއް ނެތް. އެބޭފުޅުން ފައިސާ ދެންޔާ ހުރޭ ޝަރުތުތަކެއް. މުވައްޒަފުން މަދުކުރުން މުސާރަ ކުޑަކުރުން. އެކަމަކު އަޅުގަނޑުމެން އެކަމެއް ނުކުރާނަން. އެ ޕެކޭޖަކަށް އަޅުގަނޑުމެން ނުދާނަން.،" ރައީސް ވިދާޅުވިއެވެ.

މީގެ ކުރިންވެސް އައިއެމްއެފްގެ މާލީ އެހީ ހޯދުމުން ސިވިލް ސާވިސްގެ މުސާރަ ދަށްކޮށް މުވައްޒަފުން ވަކިކުރަން ޝަތުރު ކުރިކަން ފާހަގަ ކުރައްވާ އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ މި ހާލަތުގައި އެކުވެރި ގައުމުތަކުންދޭ އެކި ކަހަލަ އެހީތެރިކަމަށްޓަކާ އެގައުމުތަކުގެ ވެރިންނަށާއި ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވައިފައެވެ.

ރައީސް ވަނީ އިގްތިސޯދީ ގޮތުން ދަތިވެފައިވާ މި ދަނޑިވަޅުގައި ރައްޔިތުންނާއި ވިޔަފާރިތަކަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ފާހަގަ ކުރައްވައިފައެވެ.

އެގޮތުން ލޯނުތައް ދެއްކުން ފަސް ކުރުމާއި، އިގްތިސޯދުގައި ބޭރުފައިސާ ދައުރުވާ މިންވަރު އިތުރު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ރައީސް ފާހަގަ ކުރެއްވިއެވެ.

"ރައްޔިތުންނާއި ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން މި ނިންމީ، މިދަނޑިވަޅުގައި ދިމާވެފައިވާ ދަތިތަކާއެކުވެސް، ދިވެހިންގެ ވަޒީފާތައް ރައްކާތެރިކޮށްދީ، އިގްތިސޯދުގެ ދުވެލި ދެމެހެއްޓުމުގެ މަގުސަދުގައި. އަދި ފައިސާ ދައުރުވުން ނުހުއްޓި، އާމްދަނީ އިތުރުކުރުމަށް މަގުފަހިކުރުމަށް،" ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ލަފާކޮށްފައިވާ ގޮތުގައި، ޓޫރިޒަމް ދަށްވުމުގެ ސަބަބުން ދައުލަތުގެ އާމްދަނީން 6.9 ބިލިއަނެއްހާ ރުފިޔާ މަދުވުން އެކަށީގެންވެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ އިންޑިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާޔާއި ރާއްޖެއާ ދެމެދު ވެފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 150 މިލިއަން ޑޮލަރު ހޯދުމަށް ނިންމާފައިވާ ކަމަށެވެ.

ސަރުކާރުން ވަނީ، ކޮރޯނާވައިރަހުގެ ސަބަބުން ދަށަށްދާ ވިޔަފާރިތައް ސަލާމަތްކޮށް، ވަޒީފާތައް ހިފެހެއްޓުމަށް އަމާޒުކޮށް ވިޔަފާރިތަކަށް 2.5 ބިލިއަން ރުފިޔާގެ އިގްތިސާދީ އެހީގެ ޕެކޭޖެއް ތައާރަފްކޮށްފަ އެވެ.

"އަޅުގަނޑުގެ ރައްކާތެރިކަމަށް އަޅާނެ ފިޔަވަޅަކީ ރައްޔިތުންގެ ރައްކާތެރިކަމަށް އަޅާނެ ފިޔަވަޅު. އަޅުގަނޑު ހުންނާނީ ރައްޔިތުންނާ އެކު. ރައްޔިތުންނަށް ވީހާލެއް އަޅުގަނޑަށް ވެސް ވާނެ،" ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް